ގައުމީ ސަލާމަތަށް ނުރައްކާ ވާފަދަ ވާހަކަ ނުފަތުރަން އިލްތިމާސްކޮށްފި

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ފޮޓޯ/ ރާއްޖެ އެމްވީ

ސްރީލަންކާގައި ދިން ޓެރަރިސްޓް ހަމަލާތަކާއި ގުޅިގެން ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައުލޫމާތު ނުފަތުރަން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިލްތިމާސް ކުރައްވައިފިއެވެ.

މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލަންކާގައި ހިންގާފައިވާ ޓެރަރިޒަމްގެ ހަމަލާތަކާއި ގުޅިގެން ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަގީގަތާ ހިލާފު މައުލޫމާތު ފެތުރުމާއި އެފަދަ މައުލޫމާތު ފެތުރުމުގައި އެއްވެސް ސިފައެއްގައި ބައިވެރިވުމުން އެއްކިބާވެ ތިބުމަށް އެންމެހާ ރައްޔިތުންނަށް އިލްތިމާސްކުރައްވާ ކަމަށެވެ.


ހޯމް މިނިސްޓަރ އިމްރާން ކުރެއްވި ޓްވީޓް.

ހޯމް މިނިސްޓަރ އެހެން ވިދާޅުވެފައިވާއިރު، ލަންކާގައި ދީފައިވާ ބޮމުގެ ހަމަލާތަކާއި ދިވެއްސަކާ އެއްވެސް ގުޅުމެއް ނެތް ކަމަށް ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުން ވަނީ ބުނެފައެވެ.

އެ ޔަގީންކަން ދެމުން އެންސީޓީސީން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ، ލަންކާގެ އެކި ސަރަހައްދުތަކުގައި ބޮން ގޮއްވާލައިގެން ދިން ހަމަލާތަކާ ދިވެހިންނާ އެއްވެސް ގުޅުމެއް ނެތްކަން އެންސީޓީސީގެ އިންޓަނޭޝަނަލް އަދި ލޯކަލް ޕާޓްނަރުން ޔަގީންކޮށްދީފައިވާ ކަމަށެވެ.

އެންސީޓީސީން އެހެން ބުނެފައިވާއިރު، ލަންކާގައި ދިން ހަމަލާތަކާއި ގުޅުންހުރި މީހުން ހައްޔަރު ކުރުމަށް އެގައުމުގެ ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، އެޤައުމުގައި ދިރިއުޅޭ ދިވެހިންގެ ގެތައް ފާސް ކުރަމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ. އާއްމުކޮށް ދިވެހިން ގޮސް އުޅޭ އަވަށްޓެރި ލަންކާގެ ނުވަ ތަނަކަށް ދިން ހަމަލާތަކުގައި 290އަށް ވުރެ ގިނަ މީހުން މަރުވެެފައިވާއިރު، 500 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...