ޕީޕީއެމް ފެނިގެންދާނީ އެންމެ ޒިންމާދާރު އިދިކޮޅު ޕާޓީގެ ގޮތުގައި- މުއިއްޒު

ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުޙައްމަދު މުއިއްޒު. ފޮޓޯ/ މޯލްޑިވްސް ޓައިމްސް.

ކުރިއަށް އޮތްތާނގައި ޕީޕީއެމް ފެނިގެންދާނީ، ރާއްޖޭގައި އެންމެ ޒިންމާދާރު ކަމާއެކީގައި މަސައްކަތް ކުރާ ސިޔާސީ ޕާޓީގެ ގޮތުގައި ކަމަށް އެޕާޓީގެ ނައިބު ރައީސްގެ މަޤާމަށް އަލަށް ހޮވިވަޑައިގެންނެވި ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޑިމޮކްރަސީއެއް ފުރިހަމަ ވާނީ އިދިކޮޅު ޕާޓީއެއްވެސް އޮވެގެންނެވެ. ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު އިދިކޮޅު ޕާޓީ އަކީ ޕީޕީއެމްއެވެ. ނިމިގެން ދިޔަ ރިޔާސީ އިންތިޚާބާއި، އާއްމު އިންތިޚާބުން އެޕާޓީއަށް ލިބުނު ނާކާމިޔާބީގެ ސަބަބުން، ޕާޓީގެ އާންމު މެމްބަރުން މާޔޫސްވެފައިވާ މި ދަނޑިވަޅުގައި، ޕާޓީގެ ލީޑަރޝިޕަށް މިހާރު ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން، ޕާޓީގެ ނައިބު ރައީސުންގެ މަޤާމަށް އަލަށް 3 ބޭފުޅުން މިވަނީ އައްޔަން ކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ތ.ގުރައިދޫ ދާއިރާގެ އިންތިޚާބީ މެމްބަރު ޣައްސާން މައުމޫނާއި، ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުޙައްމަދު މުއިއްޒުއާއި، މެމްބަރު އަޙްމަދު ޝިޔާމް ޕީޕީއެމްގެ ނައިބު ރައީސުންގެ ގޮތުގައި ހޮވިވަޑައިގެންފައިވާއިރު، ޕާޓީގެ ކުރިމަގާމެދު ބޮޑެތި އުއްމީދުތަކެއް ވަނީ އާވެފައެވެ. ޗެނަލް13ގެ ނިއުސްޓޯކް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޑރ.މުއިއްޒު ވިދާޅުވީ، އާ ލީޑަރޝިޕާއެކު ޕީޕީއެމްގެ އަމާޒަކީ އެންމެން އެކަތިގަނޑަކަށްވެ، ގައުމުގެ ކަންކަން ހަމަ މަގަށް އެޅުވުމަށްޓަކައި، ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރުން ކަމަށެވެ. 

މުއިއްޒު ވިދާޅުވީ ނިމިގެންދިޔަ މަޖިލީހުގެ އިންތިޚާބުން ނާކާމިޔާބީއާއި ކުރިމަތިލާން ޖެހުނު ނަމަވެސް، ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތުގައި ކުރިއަށް ދިއުމަށް ޕީޕީއެމްއަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ.  

"އަޅުގަނޑުމެންގެ މި މަސައްކަތުގައި އެންމެ މުހިންމު ބައިވެރިންކަމުގައި ވާނީ ޕާޓީގެ މެމްބަރުން. ޕާޓީގެ މެމްބަރުންނާއި އަދި ޕާޓީއަށް ހެޔޮ އެދޭ އާންމު ރައްޔިތުން. އެހެންވީމަ އަޅުގަނޑުމެން ރައްޔިތުންނާއި ހަމައަށް ގޮސް، ރައްޔިތުންނާއި ގުޅިގެން ޕާޓީގެ ކުރިމަގަށްޓަކައި، މިޤައުމުގެ ކުރިމަގަށްޓަކައި، ޤައުމު ހަމަ މަގަށް އެޅުވުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރިއަށް ގެންދިއުމަށް މިތިބީ ތައްޔާރަށް" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ޕާޓީގެ މެމްބަރުންނާއި ގުޅިގެން ކުރިއަށްއޮތްތާނގައި ގިނަ މަސައްކަތްތަކެއް ކުރާނެ ކަމުގެ ޔަޤީންކަން މެމްބަރުންނަށް އަރުވާ ކަމަށެވެ. އެގޮތުން ޕާޓީ ހަރުދަނާ ކުރުމަށްޓަކައި ރަށްރަށުގައި ހުރި ގޮފިތައް އަލުން އިންތިޚާބު ކުރުމާއި، ގޮފިތަކާއި ދާއިރާތައް ހަރުދަނާ ކުރުމުގެ މަސައްކަތްތައްވެސް މެމްބަރުންނާއި ގުޅިގެން ކުރައްވާނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ. 

އިދިކޮޅު ޕީޕީއެމްގެ ލީޑަރޝިޕާއި ހަވާލުވެވަޑައިގަތުމަށްފަހު ފުރަތަމަ ފަހަރަށް ޗެނަލް13އަށް ދެއްވި ބަސްދީގަތުމުގައި މުއިއްޒު ވަނީ، ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައެވެ. އޭނާ ވިދާޅުވީ، އެކި ވުޒާރާތަކުގެ ކަންކަން ހުރީ ވަރަށް ދޯދިޔާކޮށް ކަމަށެވެ. ސަރުކާރަށް ކަންކަން ކުރަންވީ ގޮތެއް ނޭނގޭ ކަމަށާއި އެއްވެސް ރޭވުންތެރި ކަމެއްވެސް ނެތް ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ. 

"މި ސަރުކާރަކީ ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ އެއްވެސް ޤާބިލުކަމެއް އޮތް ސަރުކާރެއް ނޫން" މުއިއްޒު ވިދާޅުވިއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...