އާއްމު އިންތިޚާބަށް އެމްޑީޕީން ފައިސާގެ ނުފޫޒު ފޯރުވި: މުއިއްޒު

ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުޙައްމަދު މުއިއްޒު

މިމަހުގެ 6 ވަނަ ދުވަހު ބޭއްވި 19 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީއިން ފައިސާގެ ނުފޫޒު ފޯރުވާފައިވާ ކަމަށް ކުރީގެ ހައުސިންގ މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޗެނެލް 13 ގެ ނިއުސްޓޯކު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، ނިމިދިޔަ މަޖިލިސް އިންތިޚާބުގައި އެމްޑީޕީއިން ކުރިމަތިލި ދާއިރާތަކަށް އެކި ގޮތްގޮތުން ނުފޫޒު ފޯރުވާފައިވާ ކަމަށާ އޭގެ ތެރޭގައި އެންމެ ބޮޑަށް ފޯރުވާފައިވަނީ ފައިސާގެ ނުފޫޒު ކަމަށެވެ. އަދި ކެމްޕެއިން ތެރޭގައި ޤަވާއިދާ ޚިލާފަށް ކެމްޕެއިން ކޮށްފައިވާ ކަން ވެސް މުއިއްޒު ފާހަގަކުރެއްވިއެވެ. އެގޮތުން ރައީސް ޞޯލިހު ކުރެއްވި ކެމްޕެއިން ދަތުރުފުޅުތަކުގެ ޚަރަދުގެ މައްޗަށް މުއިއްޒު އަލި އަޅުވާލެއްވިއެވެ. 

މުއިއްޒު އިތުރަށް ވިދާޅުވީ އެފަދަ ކަންކަމަކީ އެބޭފުޅުން އިދިކޮޅު ބޭފުޅުންނަށް ވެވަޑައިގަންނަވާތީ ދައްކަވާ ވާހަކަތަކެއް ނޫން ކަމަށާ އެކަންކަމަކީ އިންތިޚާބުގެ ކަންކަން މޮނީޓަރ ކުރައްވަން ރާއްޖެއިން ބޭރުން ވަޑައިގެންނެވި ވަފްދުތަކުގެ ބޭފުޅުންނަށްވެސް ފާހަގަކުރެވިފައި ހުރި ކަންތައް ކަމަށެވެ.

އެގޮތުން ދައުލަތުގެ މުދާ ނަހަމަ ގޮތުގައި އިންތިޚާބުގެ ތެރޭގައި ބޭނުންކޮށްފައިވާ ކަން އިންތިޚާބުގެ ކަންކަން މޮނިޓަރ ކުރައްވަން ވަޑައިގެންނެވި ކޮމަންވެލްތުގެ ވަފްދުންވެސް ފާހަގަކުރައްވާފައިވާ ކަން މުއިއްޒު ވިދާޅުވިއެވެ. އެހެންކަމުން ނިމިދިޔަ މަޖިލިސް އިންތިޚާބަކީ އިންސާފުވެރި އިންތިޚާބެކޭ ނުބުނެވޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ނިމިދިޔަ މަޖިލިސް އިންތިޚާބާ ދިމާކޮށް ސަރުކާރުންނާ އަދި އިލެކްޝަންސް ކޮމިޝަނުންވެސް އިދިކޮޅުގައި އޮތް ޕީޕީއެމްއަށާ އެ ޕާޓީގެ ލީޑަރޝިޕަށް އަދި ދާދި ފަހުން އުފެއްދި ޕްރޮގްރެސިވް ކޮންގްރެސް އަށްވެސް ތަފާތު ފިއްތުންތައް ކުރިމަތި ކުރުވި ކަމަށް ގިނަ ބަޔަކު ދިޔައީ އޭރުވެސް ތުހުމަތު ކުރަމުންނެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...