ލަންކާގައި ކާފިޔު އިއުލާންކޮށްފި

ސްރީލަންކާގައި ދިން ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން އެޤައުމުގައި ކާފިޔު އިއުލާންކޮށްފިއެވެ.

ސްރީލަންކާގައި ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން އެގައުމުގައި ކާފިޔު އިއުލާންކޮށްފައިވަނީ 12 ގަޑިއިރަށެވެ. ލަންކާގައި މިހާތަނަށް ބޮމުގެ 10 ހަމަލާއެއް ދީފައިވާއިރު، އެހަމަލާތަކާއި ގުޅިގެން އެގައުމުގެ ރައްޔިތުންގެ ހިތްތަކުގައި ވަނީ ބިރުވެރިކަން އުފެދިފައެވެ.

ލަންކާ ސަރުކާރުން ބުނީ ކާފިޔު އިއުލާން ކުރަން ނިންމީ، އެފިޔަވަޅަކީ ހާލަތު ހަމައަކަށް އެޅެންދެން އަޅަންޖެހޭ ފިޔަވަޅަކަށް ވާތީ ކަމަށެވެ. އެޤައުމުގައި ކާފިޔު އިއުލާން ކުރުމުގެ އިތުރުން ހުރިހާ ސޯޝަލް މީޑިއާ އެޕްތައްވެސް ވަނީ ބޭނުން ބްލޮކް ކޮށްފައެވެ.

ލަންކާގެ ޔޫނިއަން ހޯމް މިނިސްޓްރީގެ ސީނިއަރ އޮފިޝަލަކު ވިދާޅުވީ، އާދިއްތަ ދުވަހު ދިން ޓެރަރިސްޓް ހަމަލާ ތަކަކީ، ތަމަޅަ ޖަމާއަތަކުން ދިން ހަމަލާތަކެއް ނޫން ކަމަށެވެ. އަދި އެއީ އައިއެސް ޖަމާއަތުން ރޭވި ހަމަލާތަކެއް ކަމަށް ބެލެވޭ ކަމަށް އޮފިޝަލާ ހަވާލާދީ މީޑިއާތަކުގައި ބުނެފައިވެއެވެ.

ހަށިގޮއްވާލައިގެން ދިން ޓެރަރިސްޓް ހަމަލާތަކާއި ގުޅިގެން ލަންކާގެ ރައްޔިތުންނަށް ބޮޑު ބިރުވެރި ކަމެއް ކުރިމަތިވެފައިވާއިރު، ރައީސް މައިތްރިޕާލާ ސިރިސޭނާ ވަނީ، އެކަމުގެ ފަހަތުގައި ތިބި ބަޔަކު ހޯދާނެ ކަަމަށް ވައުދުވެވަޑައިގެންފައެވެ.

ލަންކާގައި ދިން ހަމަލާއަކީ އައިއެސްއިން ދިން ހަމަލާއެއް ކަމަށް ތުހުމަތު ކުރެވޭއިރު، އެއީ އެޤައުމުގައި ހަރަކާތްތެރިވާ މުސްލިމް ޖަމާއަތެއް ކަމަށްވާ ނޭޝަނަލް ތައުހީތު ޖަމާއަތުން ދިން ހަމަލާތަކެއް ކަމަށްވެސް ބައެއް ނޫސްތަކުން ވަނީ ރިޕޯޓް ކޮށްފައެވެ. އަދި ލަންކާގެ ޕޮލިސް ޗީފް ޕުޖުތު ޖަޔަސުންދުރާ އެހަމަލާތަކުގެ އިންޒާރު އޭޕްރީލްމަހުގެ 11 ވަނަ ދުވަހު ކަމާބެހޭ ފަރާތްތަކަށް ދެއްވި ކަމަށްވެސް ލަންކާގެ ބައެއް ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ. 

ފުލުހުންގެ ތަރުޖަމާނު ރުވާން ގުނަސެކަރާއި ހަވާލާދީ އަލްޖަޒީރާއިން ބުނެފައިވަނީ މިހާތަނަށް 200އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށާއި 400 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށެވެ. މަރުވި މީހުންގެ ތެރޭގައި 35 ބޭރު މީހުން ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް އެއީ ކޮން ޤައުމުތަކެއްގެ މީހުން ކަމެއް އަދި މިހާތަނަށް ހާމަ ކޮށްފައިނުވާކަން ފާހަގަކޮށްލެވެއެވެ.

ޒަހަމްވި މީހުންނަށް އެ ޤައުމުގެ ހޮސްޕިޓަލުތަކުގައި މިހާރު ފަރުވާދެމުންދާ ކަމަށް އެ ޤައުމުގެ ފުލުހުން އޭނާ ވަނީ ވިދާޅުވެފައެވެ. ލަންކާގައި މިއަދު ދިން ފުރަތަމަ ހަމަލާއާއެކު އެ ޤައުމުގެ ސަރުކާރުން ވަނީ ކެބިނެޓުގެ ކުއްލި ބައްދަލުވުމެއް ބާއްވައި ރެސްކިއު އޮޕްރޭޝަންތައް ވަގުތުން ފައްޓާފައެވެ. އަދި މީގެ އިތުރުން ހުރިހާ ރައްޔިތުންވެސް މި ދަނޑިވަޅުގައި ގެއިން ބޭރަށް ނުނުކުމެ ކެތްތެރިކަމާއެކު ތިބުމަށް އެ ޤައުމުގެ ސަރުކާރުން ވަނީ އިލްތިމާސްކޮށްފައެވެ


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...