ރަނގަޅަށް ނިދުމަކީ ކިހާ މުހިންމު ކަމެއްކަން އެނގޭތަ؟

ރަނގަޅަށް ނުނިދުމަކީ ރުޅިގަދަވެ، ދުވާލުގެ ވަގުތުތަކުގައި އެންމެ އެކަށީގެންވާ ވަރަށް މަސައްކަތް ކުރުމަށް ހުރަސް އެޅޭ ކަމެއްކަން އަހަރުމެންގެ ތެރެއިން ގިނަ މީހުންނަށް އެނގެއެވެ. އެހެންނަމަވެސް ހަމަ ނިދި ނުލިބުމަކީ އިތުރު ސިއްހީ މައްސަލަތައް ކުރިމަތިވެދާނެ ކަމެއްކަން އެނގޭހެއްޔެވެ؟ ނިދި ބޭނުންވާ ވަރަށް ނުލިބުމުން ހަމައެކަނި މޫޑު ގޯސްވެ، ވަރުބަލި ވަނީއެއް ނޫނެވެ.

ނިދި ބޭނުންވަނީ ކިހާވަރަކަށް؟
ގިނަ މީހުންނަކީ 8 ގަޑިއިރުގެ ނިދި ބޭނުންވާ މީހުންނެވެ. އެހެންނަމަވެސް އެކި މީހުންނަށް ނިދި ބޭނުންވާނީ އެކި މިންވަރަށެވެ. 8 ގަޑިއިރަށް ވުރެ ގިނައިން އަދި މަދުންވެސް ނިދި ބޭނުންވާ މީހުން އުޅެއެވެ. ނިދި ބޭނުންވާ މިންވަރަށް ނުލިބިއްޖެނަމަ، ދުވާލު ގަޑީގައި ވަރުބަލިވެ، ކޮންމެވެސް ވަރަށް ނިދާލަން ބޭނުންވާނެއެވެ.

ނިދި މަދުވުމުން ދިމާވެދާނެ މައްސަލަތައް
ސިއްހީ މާހިރުން ބުނާ ގޮތުގައި ހަމަ ނިދި ނުލިބުމަކީ ހިތުގެ ބަލިތައް ޖެހުމަށް މަގުފަހި ކުރުވާ ކަމެކެވެ. އަދި ލޭގެ ޕްރެޝަރ އިތުރު ކޮށްދީ، ހަކުރު ބަލި ޖެހުމަށްވެސް މަގުފަހި ކުރުވައެވެ.

މީގެ އިތުރުން މާބޮޑަށް ފަލަވުމަކީވެސް ނިދި މަދުވުމުން ދިމާވެދާނެ ސިއްހީ މައްސަލައެކެވެ. ސިއްހީ ދިރާސާތަކުން ދައްކާ ގޮތުގައި، ނިދި މަދުވުމަކީ ދުވާލުގެ ވަގުތު ތަކުގައި ރަނގަޅަށް ވިސްނައި ކަންކަމަށް ސަމާލުކަން ދިނުމަށްވެސް އުނދަގޫވާ ކަމެކެވެ.

ރަނގަޅަށް ނިދުމުން ލިބެނީ ކޮން ފައިދާއެއް؟
ސިއްހީ ތަޖުރިބާކާރުން ބުނާ ގޮތުގައި ރޭގަނޑުގެ ވަގުތު ތަކުގައި ރަނގަޅަށް ނިދުމަކީ ހަށިގަނޑުގެ ދިފާއީ ނިޒާމް ވަރުގަދަ ކޮށްދޭ ކަމެކެވެ. ތިބާ އަކީ ފަސޭހައިން ހުން އަދި ރޯގާ ފަދަ ބަލިތައް ޖެހޭ މީހެއް ނަމަ، ތިއީ ހަމަ ނިދި ނުލިބޭ މީހަކަށްވެސް ވެދާނެއެވެ. ރަނގަޅަށް ނިދުމަކީ ހަށިގަނޑުގެ ބަރުދަން ލުއި ކުރުމަށްވެސް އެހީތެރިވެދޭ ކަމެކެވެ. އަދި ދަރިމައިވުމުގެ ފުރުސަތު އިތުރު ކޮށްދީ ނަފްސާނީ ދުޅަހެޔޮކަން އިތުރު ކުރުމުގައިވެސް ރަނގަޅު ނިންޖަކީ ވަރަށް މުހިއްމު ދައުރެއް އަދާ ކުރާ އެއްޗެކެވެ.

ނިދުމަށް އެންމެ ރަނގަޅީ ރޭގަނޑުގެ ވަގުތެވެ. އެހެންކަމުން ދުވާލުގެ ވަގުތުތަކުގައި ނިދުމުގެ ބަދަލުގައި ރޭގަނޑުގައި ނިދި ހަމަކުރަން އިސްކަން ދޭށެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...