ފައިސާއާއި ނުފޫޒުން، އެމްޑީޕީއަށް ގޮނޑިތައް

ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީއިން ގިނަ ގޮނޑިތަކެއް ކާމިޔާބު ކުރީ ފައިސާއާއި ނުފޫޒާއި ކޮރަޕްޝަނުގެ މަގުން ކަމަށް ބުނެ އަޑުތަކެއް ފެތުރެން ފަށައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް ކުރިމަތި ލެއްވި އެމްޑީޕީގެ ކެންޑިޑޭޓުން ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ ވެރިކަމުގެ ފައިދާ ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަމަށް ގިނަ އަދަދެއްގެ ރައްޔިތުން ދަނީ ބުނަމުންނެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭންގެ ތެރޭގައި ދައުލަތުގެ އިސްވެރިން ވަނީ ދާއިރާތަކަށް ގޮސް ވަޒީފާގެ ބިރު ދައްކާ، ދިވެހި ލޮބުވެތި ރައްޔިތުންނަށް ތަފާތު އެކި ނުފޫޒްތަށް ފޯރުވާފައެވެ. އޭގެ އިތުރުން، ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތައް ކަމަށްވާ މިފްކޯ، ސްޓެލްކޯ، ފެނަކަ އަދި ސަރުކާރު މުއައްސަސާތަކުން ވަޒީފާ ދޭނެ ކަމަށް ވަޢުދުވެ ވޯޓަށް ނުފޫޒް ފޯރުވާފައިވާކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފައެވެ. 

މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ރަނގަޅު މާޙައުލެއް ފަހިކޮށްދީފައި ނުވާއިރު، އެމްޑީޕީއިން މިފަހަރުގެ މަޖިލިސް އިންތިހާބަށް ކުރިމަތިލާފައިވަނީ ރައްޔިތުންނަށް ބިރު ދައްކައިގެންނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ވެރިކަމުގެ ބާރު ނަހަމަ ގޮތުގައި އެ ޕާޓީއިން ބޭނުން ކޮށްފައިވާއިރު، އިންތިހާބު ފެށެން ދެތިން ދުވަހަށް ވެފައިވަނިކޮށް ރައްޔިތުންނަށް ދަޅަ ދެއްކުމަށްޓަކައި ބައެއް ދާއިރާތަކުގައި ރައްޔިތުން އެދޭ ޕްރޮޖެކްޓައް އިފްތިތާހުކޮށް ބިންގާ އަޅާފައިވެއެވެ. އޭގެ އިތުރުން، އެމްޑީޕީ މެމްބަރުންނަށް ވޯޓްދޭ މަތިން ވަޒީފާ ކަށަވަރުކޮށްދީ އަދި ކަށަވަރުކޮށްދޭނެ ކަމަށް ވައުދުވަމުން ދިޔައެވެ. އަދި ސަރުކާރުގެ އިސް މަޤާމުތައް ދޭނެ ކަމުގެ ދޮގު ވައުދުވެސް ވެފައިވެއެވެ.

އޭގެ އިތުރުން، ރާއްޖޭގެ އެކި ދާއިރާތަކުގެ އެމްޑީޕީ މެމްބަރުން ގޮނޑިތަކަށް ހޮވުމަށް އެމްޑީޕީއިން ފައިސާގެ ނުފޫޒް ވެސް އިންތިހާއަށް ބޭނުންކޮށްފައިވާކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފައެވެ. އެގޮތުން ކެމްޕޭން ކުރުމުގެ އެންމެ ފަހު ވަގުތު ކަމުގައިވާ 5 ވަނަ ދުވަހުގެ 18:00 ގެ ފަހުން އެމްޑީޕީގެ ލީޑަރޝިޕާއި އެ ޕާޓީއިން އާންމު ރައްޔިތުންނަށް ފައިސާގެ ނުފޫޒް ފޯރުވާފައިވާ ކަމަށް ދަނީ ބުނަމުންނެވެ. މަޢުލޫމާތު ލިބޭ ގޮތުގައި ހުކުރު ދުވަހުގެ ހައެއްގެ ފަހުން އެމްޑީޕީން ދާއިރާތަކަށް ފައިސާ "އޮއްސާފައި" ވެއެވެ. ނަޒާހަތްތެރި މަޖިލީހެއް ނުވަތަ މުޖުތަމައުއެއް ބިނާކޮށްދޭނެ ކަމުގެ ވަޢުދުވި އެމްޑީޕީއިން މިފަހަރު މަޖިލީހުގެ ގޮނޑިތައް ކާމިޔާބުކުރީ ކޮރަޕްޝަނާއި މަކަރާއި ހީލަތުންނެވެ.

މީގެ އިތުރުން، ވޯޓްލުން ކުރިޔަށް ގެންދިޔައިރުވެސް އެމްޑީޕީއިން މިފަދަ ކަންކަން ކުރަމުން ދިޔަ ކަމަށްވެއެވެ. އެގޮތުން ވޯޓްލުމުގެ ގަޑި އިތުރު ކުރުމާއެކު ގިނަ ބަޔަކަށް ނުފޫޒް ފޯރުވައިގެން ވޯޓް ލާން ނެރެފައިވެއެވެ. ރައްޔިތުންގެ މަޖިލީހުގެ ވޯޓް ނެގި ދުވަހުގެ ހަވީރު 16:00 ވީއިރު ވޯޓްލާފައިވަނީ ގާތްގަޑަކަށް 150000 މީހުންނެވެ. ނަމަވެސް ވޯޓް ގަޑި އިތުރުކުރުމާއެކު ގާތްގަޑަކަށް އިތުރު 1 ލައްކަ މީހުން ވޯޓް ލާފައިވެއެވެ.

ރައްޔިތުންގެ ނިކަމެތި ހާލަތުގެ ނަހަމަ ބޭނުން ހިފާ ރައްޔިތުންގެ ބޮޑު އަނިޔާއެއް އެމްޑީޕީން މިވަނީ ދީފައެވެ. އެމްޑީޕީއިން މިވަނީ ރައްޔިތުން ވަގުތީ ގޮތުން އުފާކޮށްދީ، ރައްޔިތުންގެ ގައިގައި ކޮޅުފައިން ޖަހާފައެވެ. ރައްޔިތުންގެ މުހުތާދުތައް ފިލުވަން ކުޑަ ފައިސާކޮޅެއް ދިނުމަށްފަހު ވޯޓް ގަނެފައެވެ.

އެމްޑީޕީއިން ވަނީ މިފަހަރުގެ އިންތިހާބުގައި ދައުލަތުގެ މުދަލާއި ފައިސާގެ ނާޖާއިޒް ފައިދާ ނަގާފައެވެ. ދައުލަތުގެ އެކި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށް، އެމްޑީޕީއިން ކިޔަމުންދިޔަ އެމީހުންގެ އަސާސްތަކާއި މުޅިން ހިލާފުވެފައެވެ. ކީހާ ޅެން ފަރިއްސަވެ، އެމްޑީޕީއިން މިފަހަރު ގޮނޑިތައް ކާމިޔާބުކުރީ ސީދާ ކޮރަޕްޝަނުގެ މަގުންނެވެ. ނަޒާހަތްތެރިކަމާއި ދިމާ އިދިކޮޅަށެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...