ރައީސް ސާލިޙުގެ އެޖެންޑާ: ރައީސް ޔާމީންގެ އަޑު ކަނޑުވާލުން!

އިބްރާހިމް މުހައްމަދު ސާލީޙަކީ ވަރަށް ވެސް ފިނޑި ރައީސެއް ކަން ހާމަވެއްޖެއެވެ. 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޙާބަށް ލީޑަރެއްގެ ގޮތުގައި ވުޖޫދުވެގެން އައި ރައީސް އިބްރާހިމް މުހައްމަދު ސާލިޙުގެ އަމަލުފުޅުތަކުން އެމަނިކުފާނުގެ ފިނޑިކަން ވަނީ ހާމަވެފައެވެ. ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ހައްޔަރު ކުރެއްވުމަށް އެމަނިކުފާނުގެ ނުފޫޒާއި ބާރު ބޭނުންކޮށްގެން ފުލުހުންގެ އިދާރާގެ ތެރެއިން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުން އެކަނިވެސް އެކަން ހާމަވެއެވެ.


ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ޅިޔަނު ކަމަށްވާ، ފުލުހުންގެ އިންޓަލިޖެންސް ޔުނިޓުގެ ގިނަ އަަދަދެއްގެ މަޢުލޫމާތުތަކެއް ބޭރު ޤައުމަކަށް ވިއްކާލި ކަމަށް ތުހުމަތު ކުރެވޭ މުހައްމަދު ޙަމީދު ނުވަތަ އާއްމު ނަމުން ނަމަ އެމްސީ ހަމީދު ފުލުހުންގެ އެކްޓިންގް ކޮމިޝަނަރަކަށް އައްޔަން ކުރެއްވި ހިސާބުން ފެށިގެން އެ މަސައްކަތް ވަނީ ފެށިފައެވެ. ފުލުހުންގެ އިދާރާގެ ތެރެއިން ރައީސް އަބްދުﷲ ޔާމީނަށް އެކި ގޮތްގޮތުން ފިއްތުންތައް ކުރިމަތި ކުރުމުގެ މަސައްކަތް އެމްސީ ހަމީދު އިސްކޮށް ހުންނަވައިގެން ވަނީ ފައްޓަވާފައެވެ.


އެގޮތުން ތަފާތު އެކި މައްސަލަތައް އުފައްދައިގެން މައްސަލަތައް ތަހްޤީޤް ކުރަން ވަނީ ފެށިފައެވެ. އެކަމުގެ އެއް މައްސަލަ އަކީ އާއްމު އިންތިހާބުތަކުގެ ޤާނޫނާއި ހިލާފަށް އެމަނިކުފާނު އިންތިހާބުގައި ފައިސާ ބޭނުން ކުރެއްވި ކަމަށް ތުހުމަތުކޮށް، އެމަނިކުފާނު އިސްތަށިފުޅުގައި ދޮގު ތުހުމަތު އެޅުވި މައްސަލައެވެ. އަދި އެކަން ސާބިތު ނުވުމުން، ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިން މައްސަލައިގައި ދައުވާ ކުރެއްވުމަށް މަސައްކަތް ފެއްޓެވިއެވެ.


އެގޮތުން ރައީސް ޔާމީންގެ މައްޗަށް ދައުވާކުރުމަށް މިހާރު ހުށަހެޅިފައިވާ މަނީ ލޯންޑްރިން މައްސަލައަކީވެސް މިމައްސަލަތަކުގެ ތެރެއިން އުފައްދާފައިވާ އެއްވެސް އަސްލެއް ނެތް ދައުވާއެކެވެ. ރައީސް ޔާމީނަށް ތުހުމަތު ކުރެވޭ މައްސަލަތަކުގެ ތަޙްޤީޤްތަކުގައި ސިޔާސީ ކުލަވަރު ޖެހިފައިވާކަން ގިނަ ބަޔަކު ޤަބޫލް ކުރެއެވެ. އަދި މިފަދައިން ކަންކަން ކުރިޔަށްދާ ކަމަށް ތުހުމަތު ކުރެވި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވަނީ މަޖިލީހަށް ޤަރާރެއްވެސް ހުށަހަޅުއްވާފައެވެ.


ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ނުފޫޒާއި ބާރުން ގިނަ ކަންތައްތަކެއް މިއަދު ކުރަމުންދާ މަންޒަރު އެބަފެނައެވެ. އެތައް ބައިވަރު ރައްޔިތުންތަކެއްގެ އަސާސީ ހަައްޤުތަކަށް އަރައިގަނެ، އެތައްް ބަޔަކަށް މިއަދު ދިރިއުޅެން ޖެހިފައިވަނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންވެސް ވަނީ އެތައް އަސާސީ ހައްޤުތަކަކުން މަޙްރޫމް ކުރައްވާފައިއެވެ. އިސްލާހީ އެޖެންޑާއެއް ހިއްޕަވައިގެން ވަޑައިގެންނެވި ކަމަށް ބުނި އެމްޑީޕީ ސަރުކާރުގެ އަމަލުތައް ހުރީ ދިމާ އިދިކޮޅަށެވެ.

ޤައުމު ގައި ހުރި ހަމައެކަނި ސިޔާސީ ލީޑަރުގެ އަޑު ކަނޑުވާލުމުގެ ސިޔާސަތެކެވެ. ރައީސް އިބްރާހިމް މުހައްމަދު ސާލީހު ޖަވާބު ދާރީ ކުރެވޭނެ ވަރުގެ ހަމައެކަނި ލީޑަރު ހިފާ ހައްޔަރުކޮށް ބަންދުގައި ބެހެއްޓޭނެ ގޮތްތައް ހޯދުމުގެ ސިޔާސަތެކެވެ.


މިއަދު ދިވެހި ރައްޔިތުންނަށް ލިބެމުން މިދާ އަނިޔާއިން އަރައިގަންނަން ޖެހެއެވެ. މި ސަރުކާރު ޖަވާބުދާރީ ކުރުވޭނެ މާހައުލެއް ނެތްއިރު، މި ސަރުކާރާއި ދެކޮޅަށް ބަސް ބުނާ ފަރާތްތައްވެސް ހުއްޓުވާ މަންޒަރު ދަނީ ފެންނަމުންނެވެ. ނަމަވެސް ދިވެހި ރައްޔިތުންނަކީ ހިތްވަރު ގަދަ ބައެކެވެ. އެކަކު އަނެއްކެއްގެ ފުށުން ހިތްވަރު ލިބިގެން ދިރިއުޅެމުންދާ ބަޔެކެވެ.

މިއަދު ރައީސް އަބްދުﷲ ޔާމީން އެ ދައްކަވާ ހިތްވަރުފުޅުން ހިތްވަރު ލިބި، ދިވެހި ރައްޔިތުން ތެދުވަން ޖެހެއެވެ. ބޭއިންސާފާއި، ޚުދުމުހުތާރު ކަމާޢި ދެކޮޅަށެވެ. ރައީސް އިބްރާޙިމް މުހައްމަދު ސާލީހުގެ ޚުދުމުހުތާރު ވެރިކަމާއި ދެކޮޅަށް ދިވެހި ރައްޔިތުން ބަސްބުނަން ޖެހޭ ވަގުތު އަތުވެއްޖެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...