އުޑުން ތަރި ގުނަން ތިއްބާ ބިމުން ޖަވާހިރެއް ގެއްލުނު ނަމަވެސް އަދިވެސް ވަގުތު އެބައޮތް

ކުރީގެ ރައީސް އަބްދުﷲ ޔާމީން

މުސްކުޅީން ބުނެ އުޅޭ އެ އެއްޗެއްގެ ހުރި މުހިއްމުކަން އެނގޭނީ އެއް އެއްޗެއް އަތުން ބީވެގެން ދިއުމުންނެއެވެ. އަދި މީހެއްގެ މުހިއްމުކަން އިހުސާސުކުރެވޭނީ އެމީހަކު ނެތި ދިޔުމުންނެއެވެ. މިއަދު މި ކުދަ ކުޑަ ރާއްޖެއަށް މިވަނީ އެފަދަ ޙަލަތެއް މެދުވެރިވެފައެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ފޯރި އެންމެ ގަދަވެގެން އައި ދުވަސްވަރު އެންމެ ފާހަގަވި އެއް ކަމަކީ ފަސް އަހަރުގެ ކުރު މުއްދަތެއްގައި މި ޤައުމަށް އައި ތަރައްޤީ އާއި ތަމައްދުނެވެ. ރާއްޖޭގެ ޖުމްހޫރީ ހަޔާތަށް ބަލައިފިނަމަ 2013 އިން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހާ ހަމައަށް އެ އައި ދުވަސްތަކަކީ މި ޤައުމު ދުށް އެންމެ ފަހި އެންމެ ފެހި ދުވަސްތައް ކަމާ މެދު އެއްވެސް ދިވެހި ރައްޔިތަކު ދެބަސް ނުވާނެކަން ޔަގީނެވެ.

އެ ބުރަ މަސައްކަތުގެ މޭސްތިރި އަދި ގިނަ ދިވެހިންގެ ހިތްތަކުން ޖާގަ ހޯއްދެވި ދިވެހިރާއްޖޭގެ ތަރައްގީގެ ބާނީއަކީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމު ކަމީ ފެނި ހާމަވާން އޮތް ހަގީގަތެކެވެ. ބަޔަކު ޤަބޫލުކުރަން ބޭނުން ނުވިޔަސް މިއީ ހަގީގަތެވެ. 

އެމަނިކުފާނު މި ރާއްޖެއަށް ފަސް އަހަރު ދުވަހުގެ ތެރޭގައި ގެނެސްދެއްވި ތަރައްޤީއަކީ ވަރަށް ހިކުމަތްތެރި ބޭފުޅަކަށް މެނުވީ ނުވާނެ ކަމެކެވެ. ޤައުމެއް ހިންގުމަކީ ފަސޭހަ ކަމެކޭ ބަޔަކަށް ހީވެދާނެއެވެ. ނަމަވެސް ޤައުމުގެ ރައްޔިތުން ބޭނުންވާ ތަރައްގީ އާއި ކުރިއެރުން ޤައުމަށް ގެނެސް ދެއްވާ، ޤައުމުގެ ނައު ފަހި ފަސޭހަ ދުވެއްޔެއްގައި ދުއްވުމަކީ ކޮންމެ ކޮންމެ މާލިމީއަކަށް ކުރެއްވޭނެ ކަމެއް ނޫނެވެ. އެެހެނީ ސިޔާސީ ކަނޑަށް އެ ނައު ހިފައިގެން ނުކުތުމުން ދެން އެ ދިމާވާ ބިޔަ ބޮޑެތި ރާޅުތަކުން ނައު ސަލާމަތްކޮށް ސަލާމަތުގެ އައްސޭރިއަށް ގެންގޮސްދިނުމަކީ ވަރަށް ބުރަ އަދި އެހާމެ ނުރައްކާ ވެސް ބޮޑު ދަތުރަކަށް ވުމުންނެވެ.

މިހުރިހާ ކަމަކަށް ބަލާއިރު، މި ޤައުމު އެންމެ ފުރިހަމަ ގޮތުގައި ހިންގެވި ވެރިއަކަށް ރައީސް ޔާމީން ވެވަޑައިގަންނަވާނެ ކަމީ ޔަގީން ކަމެކެވެ. މިއީ ރައީސް ކަން ކުރެއްވި އެހެން ބޭފުޅުންނަށް ބުނެވޭ ކުޑައި މީސް ބަހެއް ނޫނެވެ. ނަމަވެސް ރައީސް ޔާމީން މި ޤައުމު ހިންގެވީ ވަރަށް ހުށިޔާރުކަމާއެކު ރޭވުންތެރި ޕްލޭނުތަކާއެކުއެވެ.

އެކަން މިއަދު ދިވެހި ޤައުމުގެ ކޮންމެ ދިމާއަކަށް ނަޒަރު ހިންގާލިޔަސް ފެންނަން އެބަހުއްޓެވެ. ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ފެށިގެން ގޮސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުކޮށްފައިވާ ޑޮމެސްޓިކް އެއާޕޯޓުތަކާ ހަމައަށެވެ. ދަރުމަވަންތަ ހޮސްޕިޓަލުން ފެށިގެން ގޮސް އައްޑޫގައި އަޅާ ޓަރޝިއަރީ ހޮސްޕިޓަލާ ހަމައަށް ވެސް މެއެވެ. ސިނަމާލެ ބްރިޖުން ފެށިގެން ގޮސް ހައްދުންމަތީގައި ހެދި ރާއްޖޭގެ އެންމެ ދިގު މަގާ ހަމައަށެވެ. ރާއްޖޭގައި މިހާތަނަށް ތަޢާރަފް ކުރި ބޯހިޔާވަހި ކަމުގެ އެންމެ ބޮޑު މަޝްރޫޢު، ހިޔާ މަޝްރޫއާ ހަމައަށެވެ. އަދިވެސް މި ކަހަލަ ކިތަންމެ ކިތަންމެ ކަމެކެވެ. 

ކުރީގެ ރައީސް އަބްދުﷲ ޔާމީން

ކަން މިހެން އޮއްވާ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ރައީސް ޔާމީން ދިވެހި ރައްޔިތުންގެ ކިބައިން އެދި ލެއްވީ އެންމެ ކަމަކުއެވެ. އެމަނިކުފާނު ދިވެހިރައްޔިތުންގެ ހައްގުގައި ފައްޓަވާފައި ހުރި ތަރައްޤިގެ މަޝްރޫޢުތައް ފުރިހަމަ ކުރުމަށް އެމަނިކުފާނަށް ފަސް އަހަރުގެ އިތުރު އެއް ދައުރު ދެއްވުމަށެވެ. 

ނަމަވެސް ބައެއް ދިވެހި ރައްޔިތުން އެކަމަށް ދިނީ ބީރު ކަންފަތެކެވެ. އެމަނިކުފާނު އެދި ލެއްވި އެދިލެއްވުމުގައި ކޮޅުފައިން ޖަހާ އެމަނިކުފާނު ޤައުމުގެ ވެރިކަމުން ދުރުކުރިއެވެ. ބައެއްގެ ދޮގު ވާހަކަތަކަށް ހެއްލިގެންނެވެ. ބަޔަކު ދެއްކި ހުވަފެންތަކަކީ ހަގީގަތަކަށް ވާނެ ކަމެއް ކަމަށް ގަބޫލުކޮށްގެންނެވެ. ނަމަވެސް އެ ހުވަފެންތައް ދެއްކެވި ބޭފުޅުންގެ ވެރިކަން ފެށުމުން އެއީ ދެއްކި ދަޅަތަކެއްކަން މިއަދު ދިވެހި ރައްޔިތުންނަށް އިހުސާސު ކުރެވިއްޖެއެވެ.


އަދި އަމިއްލަ އަތުން ފޭހުނު އިލޮށި އަމިއްލަ ލޮލަށް ވަންނަން ފަށައިފި ކަމުގެ އިހުސާސު މިއަދު ދިވެހި ރައްޔިތުންނަށް ކުރެވިއްޖެއެވެ. އުޑުން ރީތި ތަރިތަކެއް ފެނިގެން ގުނަން ކަރު ހިއްލާލައިގެން ތިއްބާ ބިމުން ހޮވަން ލިބުނު ޖަވާހިރެއް ގެއްލިގެން ދިޔަކަން މިއަދު އެ ރައްޔިތުންނަށް އިހުސާސު ކުރެވިއްޖެއެވެ.

މިއަދު ރައީސް އަބްދުﷲ ޔާމީން ވެރިކަމުގައި ނެތް ނަމަވެސް އެމަނިކުފާނުގެ ވިސްނުމާއި ފިކުރު މި ޤައުމުގައި ދެމެހެއްޓުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި އެކަމަށް ވަގުތުވެސް އެބައޮތެވެ. އެގޮތުން ދިވެހި ލޮބުވެތި ރައްޔިތުންނަށް މިއަދު ރަނުގެ ފުރުސަތެއް މިވަނީ ލިބިފައިއެވެ.


އެއީ ކުރިޔަށް އޮތް 2019 ވަނަ ރައްޔިތުން މަޖިލީހުގައި ރައީސް އަބްދުﷲ ޔާމީން ތާޢީދު ކުރައްވާ ކެންޑިޑޭޓުން ހޮވުމެވެ. އެހެންނޫންނަމަ، ރައީސް ޔާމީން ގެނެސްދެއްވި ތަރައްްްޤީއާއި އެމަނިކުފާނުގެ ތަރައްްޤީގެ ތަސައްވަރު އަޅުގަނޑުމެންގެ އަތުން އަބަދުގެ އަބަދަށް ގެއްލިގެން ހިނގައިދާނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...