ޤައުމުގެ ފާލު އޮޅިއްޖެ: ރައީސް ޔާމީން މިނިވަން ކުރަންޖެހޭ ވަގުތު ޖެހިއްޖެ!

ރައީސުލްޖުމްހޫރިއްޔާ މާފުށީ ޖަލަށް ގެންދަވަނިކޮށް: ފޮޓޯ: ވަން އޮންލައިން

އަޅުގަނޑުމެންގެ ދިވެހި ޖުމްހޫރީ ހަޔާތުގެ ތާރީޙަށް ނަޒަރު ހިނގާލާއިރު، ދިވެހި ރައްޔިތުންނަށް ފެނިގެން ދިޔަ އެންމެ ޙިދުމަތްތެރި ރައީސަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމެވެ. އެމަނިކުފާނަކީ، މި ދިވެހި ލޮބުވެތި ވަތަނުގެ އިސްތިޤްލާލާ މިނިވަންކަން ދަމަހައްޓަވައިގެން ވެރިކަން ކުރެއްވުމުގައި ރީތި ނަމޫނާ މިސާލެއް ދެއްކެވި ބޭފުޅެކެވެ.

ދިވެހި ރައްޔިތުންނަށްޓަކައި އެތައް ޤުރުބާނީއެއް ވެވަޑަގެންނެވި އަގުހުރި ދިވެހި ދަރިއެކެވެ. މިއަދު އެމަނިކުފާނަށް ލިބެމުންދާ އަނިޔާއަކީ ދިވެހި ރައްޔިތުން އެކަމާ ދެކޮޅަށް ދެތުވަން ޖެހޭ ކަމެކެވެ. ކުރީގެ ރައީސް ޔާމީންގެ ޒަޢާމަތުގައި ދިވެހި ފަސްގަނޑަށް ގެނުވި އަގުނުކުރެވޭ ވަރުގެ ހެޔޮ ބަދަލުގެ، ބަދަލުގައި މިއަދު އެމަނިކުފާނަށް ލިބެމުންދަނީ ވޭންދެނެވި އަނިޔާއެވެ. އެމަނިކުފާނާއި އެމަނިކުފާނުގެ އާއިލާއަށް ކުރިމަތިވެފައިވަނީ ހިތްދަތި ދުވަސްތަކެކެވެ.

ދިވެހި ޤައުމަށް ގެނެސްދެއްވި ތަރައްޤީއާއި، ޤައުމުގެ ރައްކާތެރިކަމާއި މިނިވަން ކަމަށްޓަކައި އެމަނިކުފާނު ކުރެއްވި ހަނގުރާމައިގެ އަގު އެމަނިކުފާނު އަދާކުރަން ޖެހިފައިވަނީ ހިތްދަތި ދުވަސްތަކަކުންނެވެ. އެކަހެރިކޮށް ހޮސްޕިޓަލުގައި މިއަދު ރައީސް އަބްދުﷲ ޔާމީން އެތައް ވޭނީ ދުވަސްތަކެއް ދަނީ ކަޑައްތަކުރައްވަމުންނެވެ. ދިވެހި ހުއްބުލްވަތަނުގެ ދިފާޢުގައާއި އަޅުގަނޑުމެންގެ ދީނަށްޓަކައި އެމަނިކުފާނު ނެންގެވި ފިޔަވަޅުތަކުގެ ސަބަބުން މިއަދު އެމަނިކުފާނަށް ކުރިމަތިލާން ޖެހިފައިވަނީ ލާއިންސާނިއްޔަތުކަމެވެ.


ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގައި އެމަނިކުފާނަށް ކަށަވަރު ވާން ޖެހޭ ހަޢްޤުތަކުން ވަނީ މަޙްރޫމް ކުރެވިފައިވެއެވެ. އެމަނިކުފާނުގެ އިސްތަށިފުޅުގައި ދޮގު ތުޙުމަތުތައް އަޅުވައި، އެމަނިކުފާނުގެ "ލެގަސީ" އަށް ހުތުރުކަމެއް ގެނައުމަށް ބަޔަކު މީހުން މިއަދު މަސައްކަތް ފައްޓަވާފައިވެއެވެ. 

ދައުލަތުގެ ބާރުތަކެއް މުށުތެރެޔަށް ލައިގެން އުޅުއްވާ ބޭފުޅުން އެމަނިކުފާނާއި ދޭތެރޭ ހަސަދަވެރިވާކަހަލައެވެ. ސަބަބަކީ، މިއަދު ދިވެހި ޒުވާނުން ދެކޭ ގޮތުގައި ރައީސް އަބްދުﷲ ޔާމީނަކީ "ދަ ލަޖެންޑް އޮފް ޑިވެލޮޕްމަންޓް" އެވެ. މިފަދަ ވަރުގަދަ ޝަހްސިއްޔަތެއް ދިވެހި ފަސްގަނޑުގައި ވިދުވާލުން ވެގެން ދިޔައީ ގިނަ ސިޔާސީ ލީޑަރުންތަކެއް އެމަނިކުފާނާއި ދޭތެރޭ ޙަސަދަވެރިވި ސަބަބަކަށެވެ.

އެހެންކަމުން ރައީސް އަބްދުﷲ ޔާމީން ކޮންމެ ދުވަހަކު ލިބެމުންދާ އަނިޔާއަކީ ބަޔަކު މީހުން ރާވައިގެން ކުރާކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ. މިއަދު އަޅުގަނޑުމެންގެ ދިނާއި ދިވެހި ބިމުގެ ދިފާޢުގައި ތެދުވެވަޑައިގެން ހުންނެވި ޒުވާނުންނާއި ރައްޔިތުން އެމަނިކުފާނުގެ ދިފާއުގައި ތެދުވަން ޖެހެއެވެ.

ދިވެހި ރާއްޖެ މިއަދު މިދާ ފާލަށް ބަލާއިރު، ތިން ބާރު ވަކިވެފައިވާ މި ނިޒާމު ބަދަލުކޮށް، ޤައުމު އެހެން މިސްރާބަކަށް ގެންދިޔުމަށް ބަޔަކު މީހުން ފަލިޖަހަން ފަށާފައިވެއެވެ. ރައީސް އަބްދުﷲ ޔާމީން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރެއްވި ލާދީނިއްޔަތާއި ދިމާލަށެވެ. ދިވެހި ފަސްގަނޑުގައި ފަސާދަ ފެތުރިގެންދާނެ ފަދަ ރާސްތާއަކަށެވެ.


އެހެންކަމުން މިއަދު އަޅުގަނޑުމެންގެ ތެރޭގައި ހުރި ހަމައެކަނި ސިޔާސީ އިދިކޮޅު ލީޑަރު، ރައީސް އަބްދުﷲ ޔާމީން މިނިވަން ވުމަކީ ދިވެހި ޤައުމަށް މިއަދު ބޭނުންވެފައިވާ ކަމެކެވެ. ދިވެހި ޤައުމު ރައްކާތެރިކުރެވެން އޮތް ހަމައެކަނި މަގެވެ. ސަބަބަކީ ރައީސް އަބްދުﷲ ޔާމީނަކީ އިސްލާމްދީނާއި ދިވެހި ޤައުމުގެ ދިފާޢުގައި ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ކުރިމަތީގައިވެސް ދެތުވަން ކެރިވަޑައިގަންނަވާ ވެރިޔަކަށް ވާތީއެވެ.

އެމްޑީޕީގެ ލާދީނީ ފަލްސަފާއާއި ދެކޮޅަސް ބަސްބުނުވަން ރައީސް ޔާމީނަށް ކެރިވަޑައިގަންނާނެކަން އަބަދުވެސް ޔަޤީނެވެ. މީހުން ދިރިއުޅޭ ރަށްތަކުގައި އަދި މީހުން ދިރިއުޅޭ ތަންތަނުގައި ބަނގުރަލުގެ ވިޔަފާރި ކުރާނެ ކަމަށް މުހައްމަދު ނަޝީދު ވިިދާޅުވާއިރު، މިއަދު ނަޝީދުގެ ވިސްނުން ހުރީ ޤައުމު އެހެން މިސްރާބަށް ގެންދިޔުމަަށެވެ. އަނެއް ދިވެހި ރާއްޖެއާއި ދިމަލާށެވެ.


ރައީސް ޔާމީން ގެނުއްވި ތަރައްޤީ ފުޑުފުޑުކޮށްލާ، ޤައުމުގެ ރައްޔިތުން ނިކަމެތި ކޮށްލާ ދިމާލަކަށެވެ. އެހެން ކަމުން ދިވެހި ޤައުމު ސަލާމަތް ކުރަން ޖެހޭ ވަގުތު މިއަދު ޖެހިއްޖެއެވެ. އަދި އެކަމަށްޓަކައި މި ފަސްގަނޑު ދެކެ އެންމެ ބޮޑަށް ލޯބިވެވަޑައިގަންނަވާ އަޅުގަނޑުމެންގެ ހިތްތަކުގެ ރައީސް، ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރައްވަން ޖެހެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. އަބްދުލް 13 މާޗް 2019 - 19:32

    ހަމަ ރީތިކޮށް އޮއްވައެއް ނުލާނެ

ގުޅުން ހުރި
Loading...