ޝަރީއަތް ނިމެންދެން ރައީސް ޔާމީން މާފުށީ ޖަލަށް ގެންގޮސްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާގެ ޝަރީއަތް ނިމެންދެން ހައްޔަރު ކުރުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރާއި ގުޅިގެން، އެމަނިކުފާނު މާފުށި ޖަލަށް ގެންގޮސްފިއެވެ.

އެއް ނަންބަރު ފާލަން ސަރަހައްދުން ރައީސް ޔާމީން މާފުށީ ޖަލަށް ގެންގޮސްފައިވަނީ މިއަދު ހަވީރު 05:30 ހާއިރުގައެވެ. ޝަރީއަތް ނިމެންދެން ރައީސް ޔާމީން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކުރީ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގް ދައުވާގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުމުގައެވެ.

ކްރިމިނަލް ކޯޓުން އެގޮތަށް އަމުރު ނެރުނީ، އެ މައްސަލައިގެ ހެކިންނަށް ރައީސް ޔާމީން ނުފޫޒު ފޯރުވާފާނެ ކަމަށް ބުނެ، ޕީޖީގެ ވަކީލުން އެގޮތަށް އެދުމުންނެވެ. ނަމަވެސް މިއަދުގެ އަޑުއެހުމުގައި ރައީސް ޔާމީން ވަނީ އެމަނިކުފާނު ހެކިންނަށް ނުފޫޒު ފޯރުވާފާނެ ކަމަށް ބުނާ ވާހަކަތަށް ރައްދު ދެއްވާފައެވެ.

އެގޮތުން އެމަނިކުފާނު ވިދާޅުވީ އެ މައްސަލައިގެ ހެކީގެ ގޮތުގައި ހުންނާނީ ކޮމްޕިއުޓަރ ޖެނެރޭޓަޑް ބޭންކް ސްޓޭޓްމަންޓްތަކެއް ކަމަށާއި، އެއީ ބަދަލު ކުރެވޭނެ އެއްޗެއް ނޫން ކަމަށެވެ. އަދި އެ މައްސަލައާއި ގުޅިގެން އިތުރު ހެތްކެއް ހުށަހަޅާފައިވާކަން އެނގިނުލައްވާ ކަމަށް ވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

ޝަރީއަތް ނިމެންދެން ރައީސް ޔާމީން ހައްޔަރު ކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރާއި ގުޅިގެން އެމަނިކުފާނު މާފުށީ ޖަލަށް ގެންގޮސްފައިވާއިރު، އެމަނިކުފާނު ހައްޔަރު ކުރަން ނެރުނު އެ އަމުރު އިސްތިއުނާފު ކުރުމުގެ މަސައްކަތް އެމަނިކުފާނުގެ ޤާނޫނީ ޓީމުން ކުރަމުންދާ ކަމުގެ ޚަބަރުތަކެއް ވެސް ވަނީ ފެތުރިފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...