ވިލުފުށި ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް އަފީފްގެ ކުންފުންޏަށް އެސްއޯއެފްއިން ހަތަރު ލައްކައަށްވުރެ ގިނަ ޑޮލަރު!

ކުރީގެ ހޯމް މިނިސްޓަރު އަދި މަޖިލިސް އިންތިހާބުގައި ވިލުފުށީ ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް ހަސަން އަފީފް. ފޮޓޯ: ވީނިއުސް

ކުރިގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ހޯމް މިނިސްޓަރުކަން ކުރެއްވި އަދި ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވިލުފުށީ ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް ހަސަން އަފީފްގެ ހިއްސާ އޮންނަ މެޑިކުއިޕް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ޖަމާވެފައިވާކަން އޭސީސީގެ ރިޕޯޓުން ހާމަވެއްޖެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައާއި ގުޅިގެން ތަހުގީގެއް ހިންގުމަށްފަހު އޭސީސީން އާންމުކުރި ރިޕޯޓުން ދައްކާ ގޮތުގައި އަފީފްގެ ހިއްސާ އޮންނަ މެޑިކުއިޕް މޯލްޑިވްސްގެ އެކައުންޓަށް އެސްއޯއެފްއިން ވަނީ 490،000 އެމެރިކާ ޑޮލަރު ޖަމާކޮށްފައެވެ.

އޭސީސީގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި އެސްއޯއެފްއިން މެޑިކުއިޕްއަށް ފައިސާ ޖަމާކޮށްފައިވަނީ މެޑިކުއިޕް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ބީއެމްއެލް އެކައުންޓަށެވެ. އަދި އޭގެ ފަހުން އެކުންފުނިން ވަނީ އެ ފައިސާ އެ ކުންފުނީގެ ބީއޯސީ އެކައުންޓަށް ޓްރާންސްފަރ ކޮށްފައެވެ.

މީގެ އިތުރުން އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން ޢަބްދުﷲ ރާފިޢު ނަމަކަށް ކިޔާ ފަރާތަކަށް ދޫކޮށްފައިވާ ފައިސާގެ ތެރެއިން 150،000 އެމެރިކާ ޑޮލަރުވެސް މެޑިކުއިޕް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓަށް ޖަމާކޮށްފައިވާކަން ވަނީ ހާމަވެފައެވެ.

އެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން އެސްއޯއެފްއިން މެޑިކުއިޕް މޯލްޑިވްސްއަށް ޖަމާކުރި ފައިސާ އެކުންފުނިން ބޭނުންކޮށްފައިވަނީ އެކުންފުނީގެ އެކިއެކި ޚަރަދުތައް ހަމަޖެއްސުމަށް ކަން އޭސީސީގެ ތަހުގީގަށް ވަނީ ފާހަގަވެފައެވެ.

މެޑިކުއިޕް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަކީ އަފީފްގެ އިތުރުން މަޖިލިސް އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުން އައްޑޫ ސިޓީ ހިތަދޫ މެދު ދާއިރާއަށް ވާދަކުރާ އަހްމަދު ރަޝީދުގެ އާއިލީ މަސްލަހަތު ވެސް އޮންނަ ކުންފުންޏެކެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. ކިއުން 16 ފެބުރުއަރީ 2019 - 21:53

    ޢަޑުހަރުކޮއް ބާރައް ހަޅޭ ލަވާ އުލުނު އެންމެން ވެސް ވަނީ އެ ލާރިން ބޮޑިބަދެފއި

ގުޅުން ހުރި
Loading...