ބީއެމްއެލްގެ ލުއި ލޯނުގެ ގޮތުގައި ދޫކުރާ އަދަދު އިތުރުކުރަން ނިންމައިފި

ބޭންކް އޮފް މޯލްޑިވްސް. ފޮޓޯ: ސަން

ބޭންކް އޮފް މޯލްޑިވްސްއިން ދޫކުރަމުންދާ ލުއި ލޯނުގެ އަދަދުތައް އިތުރުކުރުމަށް އެ ބޭންކުން ނިންމައިފިއެވެ.

މަރުކަޒީ ބޭންކް އެމްއެމްއޭގެ ކްރެޑިޓް އިންފޮމޭޝަން ބިއުރޯގެ ވެބްސައިޓް އިފްތިތާޙު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ، މުޙައްމަދު ޝަރީފް ވިދާޅުވީ އެ ބޭންކުން މިހާރު އެންމެ ބޮޑުކޮށް، އެއް ލައްކަ ރުފިޔާއާ ހަމައަށް ދެމުންދާ ލުއި ލޯނުގެ އަދަދުތައް، ތިން ލައްކަ ރުފިޔާއާ ހަމައަށް އިތުރު ކުރަން ނިންމާފައިވާ ކަމަށެވެ. އަދި އޭނާ ވިދާޅުވީ ކްރެޑިޓް އިންފޮމޭޝަން ބިއުރޯގެ ސަބަބުންނާއި ބިއުރޯއިން އަމިއްލައަށް ރިޕޯޓު ނެގުމުގެ ޚިދުމަތްތަކުގެ ސަބަބުން ބީއެމްއެލްއިން ލޯނު ދޫކުރެވޭ އަދަދު އިތުރު ކުރުމަށް މަގުފަހިވެގެންދާ ކަމަށެވެ. އެއީ އެ ބިއުރޯގެ ސަބަބުން ލޯނު ޕްރޮސެސްވުމަށް ހިނގާ ވަގުތު ކުޑަވުމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކްރެޑިޓް އިންފޮމޭޝަން ބިއުރޯގެ ގިނަ ޚިދުމަތްތަކެއް އޮންލައިންކޮށް ލިބެން ފެށުމާއެކު ބީއެމްއެލްއިން ލުއި ލޯނުގެ ގޮތުގައި ދޭ އަދަދުތައް އިތުރުކޮށް، އިތުރު އައު ލޯނުތަކެއް ތަޢާރަފް ކުރަން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ. އެގޮތުން މުޅިން އައު ޕާސަނަލައިޒް ލޯނުތަކެއް އޭގެ ތެރޭގައި ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭގެ އިތުރުން އޮންލައިންކޮށް ބިއުރޯގެ ޚިދުމަތް ލިބުމުގެ ސަބަބުން، ބީއެމްއެލްއިން ދޫކުރާ ލުއި ލޯނުގެ އިވެލުއޭޝަން އޮޓޮމޭޓް ކޮށްފައިވާ ކަމަށާއި އެކަމުގެ ސަބަބުން ފަސް ދުވަހުގެ ތެރޭގައި ލޯނު ހަމަޖެހޭނެ ކަމަށްވެސް ޝަރީފު ވިދާޅުވިއެވެ. ކުރިން ބީއެމްއެލްއިން ދޫކުރާ 15 ހާސް ރުފިޔާގެ ލޯނުގެ އަދަދު، އެއްލައްކަ ރުފިޔާއަށް އިތުރުކުރެވިފައިވާ ކަމަށާއި މިހާރު މަސައްކަތް ކުރަމުން ދަނީ އެ އަދަދު ތިން ލައްކަ ރުފިޔާއާ ހަމައަށް އިތުރުކުރަން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި އެކަން ކުރެވޭނީ ހަރުދަނާ ކްރެޑިޓް އިންފޮމޭޝަން ބިއުރޯއެއް ގާއިމްވެފައި އޮތުމުންކަން އޭނާ ފާހަގަކުރެއްވިއެވެ.


 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...