ރެހެންދި ފްލެޓެއް މިލްކުކުރުމަށް އެދުމަކީ ކޮރަޕްޝަންގެ އަމަލެއް ކަމަށް ގަބޫލުނުކުރަން: ޖިހާދު

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު. ފޮޓޯ:ވީނިއުސް

ރެހެންދި ފްލެޓް މިލްކުކޮށްދިނުމަށް އެދިލެއްވުމަކީ ކޮރަޕްޝަނަށް މަގުފަހިވަ ފަދަ ޢަމަލެއް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ކުރީގެ ނައިބު އަބްދުﷲ ޖިހާދު ވިދާޅުވެއްޖެއެވެ.

ކުރީގެ ސަރުކާރުގެ ނައިބު ރައީސްގެ މަޤާމުގައި ހުންނެވިއިރު ޖިހާދު ދިރިއުޅުއްވި ރެހެންދި ފްލެޓުގެ އެޕާޓްމެންޓު އޭނާއަށް މިލްކުކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރަނިކޮށް އޭސީސީއިން އެކަން ހުއްޓުވާފައިވުމުން އެކަމާ ގުޅިގެން ސަން އޮންލައިންއަށް ދެއްވި ބަސްދީގަތުމެއްގައި ޖިހާދު ވިދާޅުވީ، ކުރީގެ ސަރުކާރުގައި އިސްމަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށްވެސް ފްލެޓު މިލްކުކޮށްދިން އުސޫލުން އަގުމަގުކޮށް ދެއްވުމަށް އެދިލެއްވުމަކީ ކޮރަޕްޝަން އެކުލެވޭ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އޭގެ އިތުރުން މިިނިވަން މުއައްސަސާތަކުގައި ތިއްބެވި ބޭފުޅުންނަށްވެސް ފްލެޓު މިލްކުކޮށްދިން ފަދައިން އެމަނިކުފާނަށް ވެސް އެ ފްލެޓު މިލްކުކޮށް ދެއްވަން ޖެހޭނެ ކަމަށް ދެކިލައްވާ ކަމަށްވެސް ޖިހާދު ވިދާޅުވިއެވެ.

ޖިހާދު އިތުރަށް ވިދާޅުވެފައިވަނީ ކޮންމެ ސަރުކާރަކުންވެސް ހުޅުވާލި ބޯހިޔާވަހިކަމުގެ ފުރުޞަތުތަކަށް އެދި ކުރިމަތިލެއްވި ކަމަށާއި ނަމަވެސް އެމަނިކުފާނުގެ މިލްކިއްޔާތުގައި އެއްވެސް ބިމެއް އަދި އިމާރާތެއް ނުވަތަ ގޯއްޗެއް ވެސް ނެތް ކަމަށެވެ. ނަމަވެސް އެމަނިކުފަނަކީ ވެސް ދިވެހި ރައްޔިތެއް ކަމަށާއި ކޮންމެ ރައްޔިތަކަށްވެސް ދިރިހުރުމުގެ ހައްގު ލިބިދޭ ކަމަށް ޖިހާދުވަނި ވިދާޅުވެފަ. އޭގެ އިތުރުން ދިރިހުރެވޭނީ ދިރިއުޅޭނެ ތަނެއް ލިބިގެންކަމަށް ވެސް އެމަނިކުފާނުގެ ވާހަކަފުޅުގައިވަނީ ފާހަގަކުރައްވާފައެވެ. ޖިހާދުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވެފައިވަނީ، ރެހެންދި ފްލެޓަށް ބަދަލުވެ ވަޑައިގެންނެވިއިރު އެތަން ހުރިގޮތުގެ ފަރުމާއަށް ބަދަލުތަކެއް ގެެނެސްފައިވާނެ ކަަމަށާ އެކަން ކުރެއްވީ އޭރުގެ ސަރުކާރުން ކަމަށް ވިދާޅުވިއެވެ.

އެކަން އެގޮތަށް ކުރެއްވީ ނައިބު ރައީސަކު ދިރިއުޅުއްވާ ތަނެއްގައި ހުންނަންޖެހޭ ބައެއް ކަންކަން ފުރިހަމަ ކުރުމުގެ ގޮތުން ކަމަށާ އެހެންކަމުން އެ ބަދަލުތަކަށް ދިޔަ ޚަރަދާ އެއްކޮށްވެސް އެޕާޓްމެންޓަށް ފައިސާ ދައްކަވަން އެމަނިކުފާނު ތައްޔާރަށް ހުންނެވި ކަަމަށް ކުރިގެ ނައިބު ރައީސް ވަނީ ވިދާޅުވެފައެވެ. ޖިހާދު ރެހެންދި ފްލެޓުގައި ދިރިއުޅުއްވާ މައްސަލަ އޭސީސީއިން ބަލަމުންދާއިރު އެ މައްސަލަ ދިގުލައިގެން ދިޔުން ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. ޖިހާދަކީ ނައިބު ރައީސްގެ މަގާމުގެ އިތުރުން އެމްއެމްއޭގެ އިސް މަގާމުތަކާއި ފިނޭންސް މިނިސްޓަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...