މަނީ ލޯންޑްރިންގއަށް ދައުވާ ކުރަން ފޮނުވީ އިންތިޚާބަށް ނުފޫޒު ފޯރުވަން: ރައީސް ޔާމީންގެ ވަކީލުން

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާއާ ގުޅިގެން ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ މައްޗަށް މަނީ ލޯންޑްރިންގްގެ ތުހުމަތުކޮށް، ދައުވާ ކުރުމަށް މޯލްޑްވިސް ޕޮލިސް ސާވިސްއިން ޕްރޮސެކިއުޓަރ ޖެނެލް އޮފީހަށް ފޮނުއްވީ ކުރިއަށްް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކަަމަށް ރައީސް ޔާމީންގެ ޤާނޫނީ ވަކީލުންގެ ޓީމުން ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް ދައުލަތަށް ލިބެން ޖެހޭ ގިނަ އަދަދެއްގެ ފައިސާއަށް ހިޔާނަތްތެރިވި ފަރާތްތަކުން އެ ފައިސާގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ރައީސް ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކްގައި ހުރި އެކައުންޓަކަށް ޖަމާ ކުރުމުން، އެ ފައިސާ ލޯންޑަރކޮށް، އެ ފައިސާއާ ގުޅޭގޮތުން ދައުލަތުގެ ކަމާއި ބެހޭ އިދާރާތަކަށް ދޮގު މައުލޫމާތު ދީފައިވާ ކަމަށް ބުނެ ދިވެހި ފުލުހުން ވަނީ ބަޔާނެއް ނެރެފައެވެ.

އެ ބަޔާނާ ގުޅިގެން ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވަކީލުން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، ރައީސް ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކުގައި ނުވަތަ އެހެންވެސް ބޭންކެއްގައި ހުޅުވާފައިވާ އެކައުންޓަކަށް އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ އެއްވެސް ފައިސާއެއް ޖަމާކޮށްފައިވާ ކަމަކަށް އެމަނިކުފާނު ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އަދި ރައީސް ޔާމީންގެ އެކައުންޓަކަށް، ފައިސާ ޖަމާކުރި ކުންފުނިން ޖަމާކުރި ފައިސާއަކީ ދައުލަތުގެ ފައިސާ ކަމެއް ނުވަތަ ދައުލަތަށް ލިބެން ޖެހޭ ފައިސާއެއް ކަމެއްވެސް، ދައުލަތުގެ އެއްވެސް އިދާރާއަކުން ނުވަތަ ޝަރުއީ ކޯޓަކުންވެސް ނިންމާފައިނުވާ ކަމަށް ބަޔާންކޮށްފައިވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އޭސީސީއާއި، ރައީސް ޔާމީން ބައިވެރިވާ ގޮތަށް އެސްކްރޯ އެކައުންޓެއްގައި އެއް މިލިއަން ޑޮލަރު ބެހެއްޓުމަށް ނިންމި ނިންމުމަކީ ރައީސް ޔާމީންގެ އަމިއްލަފުޅަށް ނިންމެވި ނިންމެވުމެއް ކަމަށާއި މިއަދާ ހަމައަށްވެސް އެ ފައިސާއަކީ އެސްއޯއެފް ކުންފުންޏަށް، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތެރެއިން ބަޔަކު ހޯދާފައި، އެ ކުންފުންޏަށް ޖަމާކުރި ފައިސާގެ ތެރެއިން ބައެއް ކަމަށް އޭސީސީން ކަނޑައަޅާ ބަޔާންކޮށްދީފައި ނުވާ ކަމަށެވެ. އެސްއޯއެފް ކުންފުންޏަކީ ދިވެހިރާއްޖޭގައި އެތައް ވިޔަފާރިއެއް ހިންގާފައިވާ ކުންފުންޏަކަށް ވުމާއި، އެ ކުންފުންޏާއި ވިޔަފާރީގެ މުއާމާލަތްތައް ކޮށްފައިވާ އެތައް ކުންފުންޏެއް އަދި ފަރުދުންނެއް ތިބިިއިރު، އެމީހުންގެ ތެރެއިން އެެއްވެސް މީހެއްގެ މައްޗަށް އެއްވެސް ބާވަތެއްގެ ތަހުގީގެއް ނުވަތަ ދައުވާއެއް ވެސް ކޮށްފައިނުވާ ކަމަށް ވެސް ރައީސް ޔާމީންގެ ވަކީލުންގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ގާނޫނަކީ ހުރިހާ ފަރާތްތަކަށް އެއްހަމައެއްގައި ތަންފީޒު ކުރަންޖެހޭ އެއްޗެއް ކަމަށްވާއިރު، އަދި ގާނޫނު އަސާސީގައި ބަޔާންކުރާ ދުސްތޫރީ ހައްގުތައް ދިނުމާއި، އިދާރީ ފިޔަވަޅުތައް އެޅުމުގައި ހަމަހަމަވާން ޖެހޭއިރު، ރައީސް ޔާމީނަށް ޓާގެޓްކޮށް ހަމައެކަނި އެމަނިކުފާނުގެ މައްޗަށް ގާނޫނު ތަންފީޒު ކުރަން އުޅުމަކީ ގާނޫނޫ އަސާސީގައި ކަށަވަރުކޮށްދީފައިވާ ދުސްތޫރީ ހަމަހަމަކަމާއި ޚިލާފު ކަމެއް ކަމަށްވެސް ރައީސް ޔާމީންގެ ގާނޫނީ ޓީމުން ވަނީ ބުނެފައެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ރައީސް ޔާމީންގެ މައްޗަށް ދައުވާކުރަނީ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ސަރުކާރުން ނުރަނގަޅު ނުފޫޒު ފޯރުވުމުގެ ބޭނުމުގައި ކަމަށް ގަބޫލުކުރާ ކަމަށެވެ. އެހެންކަމުން ގާނޫނު ތަންފީޒު ކުރުމާއި، ގާނޫނުގެ ހުކޫމަތު ދެމެހެއްޓުމުގައި ވަކި ފަރާތްތަކަށް ޓާގެޓްކޮށްގެން ގާނޫނު ތަންފީޒު ނުކުރުމަށާއި، ދުސްތޫރުގައި ބަޔާންކޮށްފައިވާ ހަމަހަމަކަން ހުރިހާ ރައްޔިތުންނަށް ލިއްބައިދިނުން ކަށަވަރު ކުރުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކާއި، މުއައްސަސާތަކުގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ގޮވާލާ ކަމަށްވެސް ބުނެފައިވެއެވެ.

ރައީސް ޔާމީންގެ ވަކީލުންގެ އެ ބަޔަނާއެކު ފާހަގަކޮށްލެވޭ ކަމަކީ ރައީސް ޔާމީން ބައިވެރިވާ ގޮތަށް އެސްކްރޯ އެކައުންޓެއްގައި އެއް މިލިއަން ޑޮލަރު ބެހެއްޓުމަށް ނިންމެވި ނިންމެވުމަކީ އެ ފައިސާއާމެދު ވަކި ގޮތްތަކެއް ކަނޑައެޅެންދެން ރައީސް ޔާމީން އަމިއްލަފުޅަށް ނިންމެވި ނިންމެވުމެއްކަމެވެ. އަދި އެސްއޯއެފް ކުންފުންޏަށް ބޮޑެތި ތުހުމަތުތަކެއް ކުރާއިރު، ރައީސް ޔާމީން ފިޔަވައި އެ ކުންފުންޏާއި މުއާމަލާތްކޮށްފައިވާ އެހެން އެއްވެސް ފަރާތަކާ، މިހާތަނަށް ސުވާލެއްވެސް ކޮށްފައިނުވާ ކަންވެސް ފާހަގަކޮށްލެވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...