ޑރ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލައާއި ގުޅިގެން އާންމުކުރި ފްޓޭޖުން ފެންނަ ދެމީހުންގެ މައުލޫމާތުތައް ލިބިއްޖެ: ކޮމިޝަން

ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައާއި ގުޅިގެން އާންމުކުރި ސީސީޓީވީ ފްޓޭޖުން ފެންނަ ދެ މީހުންގެ މައުލޫމާތުތައް ލިބިފައިވާ ކަމަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ރިޔާސީ ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

މަރުތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ރާއްޖޭގެ ބައެއް މީޑިއާތަކުގައި ވިދާޅުވީ އެ ކޮމިޝަނުން އާންމުކުރި ވީޑިއޯ ފްޓޭޖުގައި ފެންނަ ދެ މީހުންނަކީ ކޮން ބައެއްކަން ދެނެގަތުމަށް އާންމުންގެ އެހީތެރިކަމަށް އެދުމުން ވީޑިއޯގައި ފެންނަ ދެ މީހުންނާ ގުޅޭ މައުލޫމާތުތަކެއް ގިނަ ބަޔަކު ކޮމިޝަނަށް ހިއްސާކޮށްފައިވާ ކަމަށެވެ.

އަދި އެ ދެމީހުންގެ މައުލޫމާތު ލިބިފައިވާތީ ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން އެ ދެ މީހުންގެ މައްސަލަ އިތުރަށް ތަހުގީގު ކުރާނެ ކަމަށްވެސް ސުއޫދު ވަނީ ވިދާޅުވެފައެވެ. ކޮމިޝަނުން މިދިޔަ މަހުގެ 21 ވަނަ ދުވަހު އާންމުކުރި ވީޑިއޯއިން ފެންނަ ފުރަތަމަ މީހާ ސައިކަލެއްގައި މަޑުކޮށްލައިގެން ފޯނެއްގައި ހުއްޓާ އެ ތަނަށް ދެވަނަ މީހަކު އައިސް މަޑުކޮށްލުމުން ފުރަތަަމަ މީހާ އެތަނުން ސައިކަލްގައި ނައްޓާލާ މަންޒަރު ފެނިގެންދެއެވެ.

އަދި ފަހުން އައި މީހާ އެތަނުގައި ފޯނެއްގައި އިންނަ މަންޒަރު ވީޑިއޯއިން ފެނިގެންދޭ. ނަމަވެސް އެތަނުން އެއްވެސް މީހެއްގެ ސައިކަލް ނަންބަރު ވެސް ވީޑިއޯއިން ސާފުކޮށް ނުފެނެއެވެ. ކޮމިޝަނުން ބަލަން ނިންމާފައިވާ މައްސަލަތަކުގެ ތެރެއިން ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައަކީ އެ ކޮމިޝަނުން ހާއްސަ އިސްކަމެއް ދީގެން ބަލަމުންދާނެ މައްސަލައެއް ކަމަށް އެ ކޮމިޝަނުން ވަނީ ކުރިން ވިދާޅުވެފައެވެ. މީގެ އިތުރުން ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާންގެ މައްސަލައާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައަކީ ވެސް ކޮމިޝަނުން ހާއްސަ އިސްކަމެއް ދީގެން ބަލަމުންދާނެ މައްސަލަތައް ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...