ހަނގުރާމަކޮށްގެން ވިޔަސް ރާއްޖެ އިންޑިއާގެ ސްޓޭޓަކަށް ހަދަން ކުރާ މަސައްކަތް ހުއްޓުވާނަން: އުމަރު

ހަތިޔާރު ނަގާ، ހަނގުރާމަކޮށްގެން ވިޔަސް ދިވެހިރާއްޖެ އިންޑިއާގެ ސްޓޭޓަކަށް ބަދަލުކުރަން ކުރާ މަސައްކަތްތައް ހުއްޓުވާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު ނަސީރުގެ ފޭސްބުކް ޕޭޖުގައި ކުރެއްވި ޕޯސްޓެއްގައި ރާއްޖޭގެ ސިޔާސީ ބައެއް ލީޑަރުންގެ ކެމްޕޭނުތަކަށް ފަންޑުކޮށްދީ، އެ ބޭފުޅުންގެ ހިތް ރުއްސައިގެން 2030 ވަނަ އަހަރު އަންނަން ވާ އިރަށް، މި ގައުމު އިންޑިއާގެ ސްޓޭޓަކަށް ހެދުމަށް ޕްލޭން ކުރަމުންދާ ކަމަށް ވަނީ ތުހުމަތު ކުރައްވާފައެވެ.

އަދި މާތް ﷲ ގެ ވާގިފުޅާއެކު ހަތިޔާރު ނަގާ ހަނގުރާމަކޮށްގެން ވިޔަސް، މި ޤައުމުގެ މިނިވަންކަން ދިފާއު ކުރައްވާނެ ކަމަށް އެ ޕޯސްޓުގައި އުމަރު ނަސީރު ވަނީ ވިދާޅުވެފައެވެ. އެ ޕޯސްޓާއެކު އުމަރު ނަސީރު ދިވެހި ސިފައިންގެ ޚިދުމަތުގައި އުޅުއްވި ދުވަސްވަރުގެ ފޮޓޯއެއް ވެސް ވަނީ ހިއްސާ ކުރައްވާފައެވެ.


އުމަރު އެފަދައިން ވިދާޅުވެފައިވާއިރު، އިންޑިއާގެ ރާޑަރު ސިސްޓަމްތައް ހަރުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް ވަނީ ވިދާޅުވެފައެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސާލިހު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެން ފަހުން އިންޑިއާއާ ދެމެދު ސިއްރު އެއްބަސްވުންތަކެއްގައި ޤާއިމު ކުރައްވާފައިވާ ކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފައެވެ.

ރާއްޖޭގައި ހަރަކާތްތެރިވާ އިންޑިއާ ސިފައިންގެ އަދަދު އިތުރުކޮށް، އިންޑިއާއިން ރާއްޖެއަށް މީގެ ކުރިން ދިން ހެލިކޮޕްޓަރުތައް އަނބުރާ ނުފޮނުވާ ބަހައްޓާފައިވަނީ ވެސް އެ އެއްބަސްވުމުގެ ސަބަބުން ކަމަށް ވަނީ ޚަބަރު ފެތުރިފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...