"މީތި ސަޅި" ކެމްޕެއިން ފަށައިފި

ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ މީތި ސަޅި ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން. ފޮޓޯ: ވަން އޮންލައިން

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ރައްޔިތުން ހޭލުންތެރި ކުރުމުގެ ގޮތުން ޓްރާންސްޕޯޓް މިނިސްޓްރީން "މީތި ސަޅި" ގެ ނަމުގައި ކެމްޕެއިން ފަށައިފިއެވެ.

އެ ކެމްޕެއިން ފެށުމަށް "މީތި ސަޅި" ގެ ނަމުގައި ބުރިޖު ހުރަސްކޮށް މާލެއިން ފެށިގެން ހުޅުމާލެ ސެންޓްރަލް ޕާކާއި ދެމެދު ކުރިއަށްގެންދިޔަ ހަރަކާތްތަކަށްފަހު ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވީ، ކޮންމެ މީހަކީވެސް ފުރަތަމަ އެހީ ދޭން އެނގޭ ފަރާތްތަކަށް ވުމަކީ އެކްސިޑެންޓްތަކުން އަނިޔާ ލިބޭ ފަރާތްތަކުގެ ފުރާނަ ސަލާމަތް ކުރުމުގައި މުހިންމު ދައުރެއް އަދާ ކުރާނެ ކަމެއްގެ ގޮތުގައި ދެއްކިލައްވާ ކަމަށެވެ. އަދި ކޮންމެ މީހަކުވެސް ފަރުދީ ޒިންމާ އަދާކޮށް ޤާނޫނާއި ޤަވާއިދަށް ހުރުމަތްތެރިކޮށް ހިތައިގެން މެނުވީ އެކްސިޑެންޓްތައް މަދު ނުކުރެވޭނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އަދި މިނިސްޓަރ ވަނީ ހެލްމެޓްފަދަ ސަލާމަތީ ގިޔަރުތަކުގެ އެންމެ އެކަށޭނަ ބޭނުން ހިފުމަށްވެސް ގޮވާލައްވާފައެވެ. ޓްރާންސްޕޯޓު މިނިސްޓްރީން އިސް ނަންގަވައިގެން ކުރިއަށް ގެންދިޔަ އެ ހަރަކާތުގައި މިނިސްޓަރ ނަހުލާގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމް އާއި ބައެއް ވަޒީރުންނާއި ސަރުކާރުގެ އެކި މުއައްސަސާތަކުގެ އިސް ފަރާތްތަކުގެ އިތުރުން އާންމުންވެސް ބައިވެރިވެފައިވެއެވެ. "މީތި ސަޅި" ޙަރަކާތުގެ ދަށުން ހުޅުމާލޭ ސެންޓްރަލް ޕާކުގައިވެސް އާންމުން ހޭލުންތެރި ކުރުމަށް ޙަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.


 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...