ޕީޕީއެމްއާ ކޮންގްރެސް ޕާޓީ ކޯލިޝަން ހަދައިފި

ޕްރްގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް އާ ގުޅިގެން ސިޔާސީ މަސައްކަތް ކުރުމަށް ކޯލިޝަން ހަދައިފިއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ނަމުގައި އުފެއްދި ކޯލިޝަން އެއްބަސްވުމުގައި ޕީޕީއެމްގެ ފަރާތުން ސޮއިކުރެއްވީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އެޕާޓީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްއެވެ. އަދި ކޮންގްރެސް ޕާޓީގެ ފަރާތުން ސޮއިކުރެއްވީ އެޕާޓީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޕީ.ޕީ.އެމްގެ ރައީސް އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވީ، ކޮންގްރެސް ޕާޓީ އާއި ޕީޕީއެމްއާ ދެމެދު ސޮއިކުރި އެއްބަސްވުމަކީ ރާއްޖޭގެ ރައްޔިތުންގެ މަސްލަޙަތު ޙިމާޔަތްކުރުމަށް ސިޔާސީ ދެޕާޓީއެއްގެ މެދުގައި ވެވުނު އެންމެ ވަރުގަދަ އެއްބަސްވުމަށް ވެގެންދާނެ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ކޮންގްރެސް ޕާޓީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ޕީޕީއެމް އާއި ކޮންގްރެސް ޕާޓީއަކީ ދެ ޕާޓީއެއްކަމުގައި ވިޔަސް ސިޔާސީ ގޮތުން ދެ ޕާޓީން ވެސް މަސައްކަތް ކުރާނީ އެއް އަމާޒަކަށް ވާސިލުވުމަށް ކަމަށެވެ. އެގޮތުން ދެ ޕާޓީންވެސް މަސައްކަތް ކުރައްވާނީ ރައީސް ޔާމީންގެ ސިޔާސަތު ދެމެހެއްޓުމަށް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ޕްރޮގްރެސިވް ކޮންގްރެސްގެ ފަރާތުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕްރައިމަރީއަކާ ނުލައި ވާދަކުރާނެ 10 ކެނޑިޑޭޓެއްގެ ނަން ވަނީ އިޢުލާންކޮށްފައިވެއެވެ. އެގޮތުން މަޖިލީސް އިންތިޚާބުގައި ޕްރައިމަރީއަކާ ނުލައި ޓިކެޓް ހަވާލުކުރި ބޭފުޅުންގެ ތެރޭގައި ކޮންގްރެސް ޕާޓީގެ ދެ ނައިބު ރައީސުން ކަމަށްވާ ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު އުމާރާއި، ކުރީގެ އިކޮނަމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ހިމެނިވަޑައިގަންނަވައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...