ކޮންގްރެސް ޕާޓީން އީސީ ޖަވާބުދަރީ ކުރުވަން މަސައްކަތް ކުރީ ޤަވާއިދުގެ ތެރެއިން: ޝަރީފު

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު. ފޮޓޯ: ޗެނެލް 13

ޕީޕަލްސް ނެޝަނަލް ކޮންގްރެސް އުފެއްދުމުގައި ދިމާވި ކަންކަމުގެ ތެރެއިން އިލެކްޝަންސް ކޮމިޝަން ޖަވަބުދާރި ކުރުވުމަށް އެ ޕާޓީން މަސައްކަތް ކުރެއްވީ އެކަން ކުރަން އޮންނަ ގަވާއިދުގެ ތެރެއިން ކަމަށް އިލްކެޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.

ކޮންގްރެސް ޕާޓީ ރަޖިސްޓްރީކޮށް، ދަފްތަރު ކުރުމަށް ނިންމަވައި އެކަން އިއުލާނު ކުރުމަށް އެ ކޮމިޝަނުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރީފު ވިދާޅުވީ، އީސީ ޖަވާބުދާރި ކުރުވުމަށް ކޮންގްރެސް ޕާޓީން މަޖިލީހަށް އެ މައްސަލަ ވައްދަން އިޚްތިޔާރު ކުރި ކުރުމަކީ އެމަނިކުފާނު ވަރަށް އުފަވާ ކަމެއް ކަމަށާއި އެއީ ރައްޔިތުންގެ މަޖިލީހަކީ މިނިވަން މުއައްސަސާތައް ޖަވާބުދާރީ ކުރުވޭނެ ހަަމައެކަނި އިދާރާއަށް ވުމުން ކަމަށެވެ.

ޝަރީފު އިތުރަށް ވިދާޅުވީ، ގާނޫނާ ގަވާއިދުގެ ތެރެއިން އީސީ ޖަވާބުދާރީ ކުރުވުމަށް ކޮންގްރެސް ޕާޓީއިން ކުރި މަސައްކަތަށް މަރުހަބާ ކިޔާ ކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް އީސީއާ މެދު ހިތްހަމަ ނުޖެހުމެއް އުފެދިއްޖެނަމަ، ގަވާއިދާ ހަމަތަކުގެ މަތިން ޖަވާބުދާރީ ވެވަޑައިގަންނަވަން ޖެހިއްޖެ ކޮންމެ ހާލަތެއްގައި ޖަވާބުދާރީ ވެވަޑައިގަންނަވާނެ ކަމަށެވެ.

އޭގެ އިތުރުން ޝަރީފް ވިދާޅުވީ، ކޮންގްރެސް ޕާޓީ ރަޖިސްޓްރީކޮށް، ދަފްތަރުކޮށްފައިވަނީ 3،118 މެމްބަރުންގެ ސޮއި ސައްތައިން ސައްތަ ސައްހަކަން ކަށަވަރު ކުރުމަށްފަހު ކަމަށެވެ. ހަމައެއާއެކު އެ ޕާޓީއާ ދެކޮޅަށް މީގެ ކުރިން އަމިއްލަ ފަރާތަކުން ހުށަހެޅި ޝަކުވާތައް ސާބިތުވެފައި ނުވާކަން ފާހަގަކުރައްވާ ޝަރީފް ވިދާޅުވީ، އެ މައްސަލަ ބެލުމަށް އެކުލަވާލި ކޮމިޓީން ނިންމު ނިންމުމާ އެއްގޮތަށް، ކޮންގްރެސް ޕާޓީއާ ދެކޮޅަށް ފިޔަވަޅު އެޅޭނެ ޖާގައެއް ނެތް ކަމަށާއި އެގޮތުން އެ މައްސަލަ ހުށަހެޅި ފަރާތުގެ ބަޔާނެއް ވެސް ލިބިފައިނުވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ކޮންގްރެސް ޕާޓީ ރަޖިސްޓްރީކޮށް، ސިޔާސީ ޕާޓީތަކުގެ ލިސްޓުގައި ދަފްތަރުކޮށްފައިވާއިރު، އެ ޕާޓީ ރަޖިސްޓްރީވެފައިވަނީ ތަފާތު އެކި ފިއްތުންތަކާ ކުރިމަތިލުމަށްފަހު ކަން ފާހަގަކޮށްލެވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...