ޕާޓީގެ މަސައްކަތަށް ހުރަހެއް އެޅޭނަމަ ހައްލު ކުރެވެން އޮތް މަގެއް ޚިޔާރު ކުރާނަން: އަބްދުއްރަހީމް

ކޮންގްރެސް ޕާޓީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ. ފޮޓޯ: ޗެނެލް 13

ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ މަސައްކަތް ހިނގަމުން ކުރިއަށްދާއިރު އެ މަސައްކަތަށް ހުރަސް އެޅޭ ކަމަށްވާނަމަ އެކަން ހައްލު ކުރެވެން އޮތް މަގެއް ޚިޔާރު ކުރާނެ ކަމަށް ކޮންގްރެސް ޕާޓީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ކޮންގްރެސް ޕާޓީ ރަޖިސްޓްރީކޮށް އިލެކްޝަންސް ކޮމިޝަނުގެ ސިޔާސީ ޕާޓީތަކުގެ ދަފުތަރުގައި ހިމަނާ އެކަން އިއުލާނު ކުރުމަށް ބޭއްވި ރަސްމިއްޔަތުގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ކޮންގްރެސް ޕާޓީ އުފެއްދުމުގައި ދިމާވި ދަތިތަކުގެ ސަބަބުން އީސީ އާއި ދެކޮޅަށް މަސައްކަތް ކުރި ކަމަށާއި އެގޮތަށް އެކަން ކުރަން ޖެހުނީ ޕާޓީ އުފެއްދުމުގައި ދިމާވި ދަތިތަކާ ހުރަސްތަކުގެ ސަބަބުން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ޕާޓީ ހިންގުމުގައިވެސް އަދި ކުރިއަށް ގެންދިއުމުގައިވެސް އެއްވެސް ހުރަހަަކާ ދިމާވާ ނަމަ އެކަމެއް ހައްލުކުރެވެން އޮތް އެންމެ ރަނގަޅު މަގު ޚިޔާރުކޮށް އެކަންކަމަށް ހައްލު ގެންނަން މަސައްކަތް ކުރާނެ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަން ޖަވާބުދާރި ކުރުވުމަށް މަޖިލިސް ޚިޔާރު ކުރީ އެކަން ކުރަން އޮތް ގޮތަކީ އެއީ ކަމަށްވެފައި އަދި ކޮމިޝަން ކުރިމަތީ ހަޅޭއްލަވައި މުޒާހަރާކުރަން ބޭނުންނުވުމުން ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް އިތުރަށް ވިދާޅުވީ، މިނިވަން މުއައްސަސާތައް ޖަވާބުދާރީ ކުރުވޭނީ މަޖިލީހުގެ މިނިވަން މުއައްސަސަތަކަ ބެހޭ ކޮމެޓީންކަން ގަބޫލުކުރެވޭތީ އެކަން އެގޮތަށް ކުރެއްވި ކަމަށާއި ނަމަވެސް އެހާ ހިސާބަށް ނުގޮސް އެ މައްސަލަތަކަށް ހައްލެއް ލިބިގެން ދިއުމުން އެކަން ހުއްޓަވާލެއްވި ކަމަށެވެ.

އީސީއިން ކޮންގްރެސް ޕާޓީ ރަޖިސްޓްރީކޮށް، ދަފްތަރުކޮށްފައިވަނީ 3،118 މެމްބަރުންގެ ސޮއި ސައްތައިން ސައްތަ ސައްހަކަން ކަށަވަރު ކުރުމަށްފަހުއެވެ. އަދި ކޮންގްރެސް ޕާޓީ ރަޖިސްޓްރީކޮށް، ސިޔާސީ ޕާޓީތަކުގެ ލިސްޓުގައި ދަފްތަރުކޮށްފައިވާއިރު، އެ ޕާޓީ ރަޖިސްޓްރީވެފައިވަނީ ތަފާތު އެކި ފިއްތުންތަކާ ކުރިމަތިލުމަށްފަހު ކަން ފާހަގަކޮށްލެވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...