ކޮންގްރެސް ޕާޓީ ރަޖިސްޓްރީކޮށް، ދަފްތަރު ކުރުމަށް އީސީން ނިންމައިފި

ޕީޕަލްސް ނެޝަނަލް ކޮންގްރެސް ރަޖިސްޓްރީކޮށް، ދަފްތަރު ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އެކަމާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ބޭއްވި ބައްދަލުވުމުގައި ޕާޓީ ރަޖިސްޓްރީ ކޮށްދިން ކަމުގެ ލިޔުުމުގައި ސޮއިކޮށް، އެ ލިޔުން ކޮންގްރެސް ޕާޓީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާ ހަވާލުކޮށްދެއްވީ އީސީގެ ރައީސް އަހްމަދު ޝަރީފްއެވެ.

ކޮންގްރެސް ޕާޓީ ރަޖިސްޓްރީ ކޮށްދެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޝަރީފް ވިދާޅުވީ، ކޮންގްރެސް ޕާޓީ ރަޖިސްޓްރީކޮށް، ދަފްތަރުކޮށްފައިވަނީ 3،118 މެމްބަރުންގެ ސޮއި ސައްތައިން ސައްތަ ސައްހަކަން ކަށަވަރު ކުރުމަށްފަހު ކަމަށެވެ.

ހަމައެއާއެކު އެ ޕާޓީއާ ދެކޮޅަށް މީގެ ކުރިން އަމިއްލަ ފަރާތަކުން ހުށަހެޅި ޝަކުވާތައް ސާބިތުވެފައިނުވާ ކަން ފާހަގަކުރައްވާ ޝަރީފް ވިދާޅުވީ، އެ މައްސަލަ ބެލުމަށް އެކުލަވާލި ކޮމިޓީން ނިންމު ނިންމުމާ އެއްގޮތަށް، ކޮންގްރެސް ޕާޓީއާ ދެކޮޅަށް ފިޔަވަޅު އެޅޭނެ ޖާގައެއް ނެތް ކަމަށެވެ. އެގޮތުން އެ މައްސަލަ ހުށަހެޅި ފަރާތުގެ ބަޔާނެއް ވެސް ލިބިފައިނުވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ކޮންގްރެސް ޕާޓީ ރަޖިސްޓްރީކޮށް، ސިޔާސީ ޕާޓީތަކުގެ ލިސްޓުގައި ދަފްތަރުކޮށްފައިވާއިރު، އެ ޕާޓީ ރަޖިސްޓްރީވެފައިވަނީ ތަފާތު އެކި ފިއްތުންތަކާ ކުރިމަތިލުމަށްފަހު ކަން ފާހަގަކޮށްލެވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...