މަޖިލިސް އިންތިޚާބުގައި އެއް ފޮއްޓަށް ވޯޓުލާ މީހުންގެ އަދަދު މަދު ކުރާނެ: ޝަރީފު

އިލެކްޝަންސް ކޮމިޝަންގެ ރައީސް ޝަރީފު. ފޮޓޯ؛؛ސަން އެމްވީ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އެއް ފޮއްޓަކަށް ވޯޓުލާން ޖެހޭ މީހުންގެ އަދަދު މަދު ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރިފު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ހަބަރަށްފަހު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޝަރީފު ވިދާޅުވީ، އެއް ފޮއްޓަކަށް ގިނަ އަދަދެއްގެ މީހުން ވޯޓުލާން ޖެހުމުން، ކިއު ދިގުވެ، ކިއުގައި ގިނަ އިރު ވަންދެން މީހުން ތިބެން ޖެހުމުން އެކަމުގެ ޝަކުވާ ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ވޯޓުލުމުގެ ތެރެއިން ލިބުނު ކަމަށާއި އެހެންކަމުން ތަޖުރިބާގެ އަލީގައި ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި އެކަން ހައްލު ކުރުމުގެ ގޮތުން އެއް ފޮއްޓަކަށް ވޯޓުލާ މީހުންގެ އަދަދު މަދު ކުރާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

އެގޮތުން އެއް ފޮއްޓަކަށް ވޯޓުލާ މީހުންގެ އަދަދު 1200 އަށް ނުވަތަ 1100 އަށް އަރާ ކަމަށް ވަނީނަމަ އެ ފޮށި ދެ ފޮއްޓަކަށް ބަދަލުކޮށް، ފޮއްޓަކަށް ހަސަތޭކަ ނުވަތަ ފައްސަތޭކަ މީހުން ވޯޓުލާ ގޮތަށް ބަދަލުކުރައްވާނެ ކަމަށް ޝަރީފު ވިދާޅުވިއެވެ. އެހެންކަމުން ކުރިއަށް އޮތް މަޖިލީސް އިންތިހާބުގައި، ރިޔާސީ އިންތިހާބަށް ވުރެ ގިނައިން ފޮށި ބަހައްޓާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން ޝަރީފް ވިދާޅުވީ ވޯޓަރސް ލިސްޓުގައި މީހުންގެ މައުލޫމާތު ހިމެނިފައި ވަނީ ރަނގަޅަށްތޯ ބެލުމަކީ ކޮންމެ މިހެއްގެ ވެސް ފަރުދީ ޒިންމާއެއް ކަމަށެވެ. އަދި ކޮންމެ މީހަކު ވެސް އެމީހެއްގެ ނަން އެ ލިސްޓުގައި ހިމެނޭތޯ ބެލުމަށް އޭނާ އިލްތިމާސް ކުރެއްވިއެވެ.

އޭޕްރިލް މަހުގެ ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި 264،589 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...