ރެއާލް ދޫކޮށް، ލޯނު އެއްބަސްވުމެއްގެ ދަށުން މޮރާޓާ އެތުލެޓިކޯ މެޑްރިޑާ ގުޅިއްޖެ

ޗެލްސީގެ ފޯވާޑް، އަލްވަރޯ މޮރާޓާ ރެއާލް ދޫކޮށް، ލޯނު އެއްބަސްވުމުގެ ދަށުން އެތުލެޓިކޯ މެޑްރިޑާ ގުޅިއްޖެއެވެ.

ކްލަބް ރެކޯޑު އަގެއް ކަމަށްވާ 58 މިލިއަން ޕައުންޑުގެ ފީއަކަށް މޮރާޓާ ޗެލްސީއާ 2017 ވަނަ އަހަރު ގުޅިފައިވާއިރު އޭނާ ވަނީ މޮޅު ކުޅުމެއް ދައްކައި ގިނަ ގޯލު ތަކެއް އެ ޓީމަށް ކާމިޔާބުކޮށްދީފައެވެ. ނަމަވެސް އިންޖަރީތަކާއި ފޯމު ގެއްލުމުގެ ސަބަބުން ފަހަކަށް އައިސް މޮރާޓާގެ ފަރާތުން އެދެވޭ ކުޅުމެއް ފެނިގެން ގޮސްފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

މި ސީޒަން ފެށުނު އިރު މޮރާޓާ ނަޕޯލީއާ ގުޅެން އުޅޭ ކަމުގެ އަޑުތައް ފެތުރުނު ނަމަވެސް ޗެލްސީއާއި އަލަށް ހަވާލުވި ކޯޗު މައުރީސިއޯ ސާރީގެ އެދުމުގެ މަތިން މޮރާޓާ ވަނީ ޗެލްސީގައި މަޑު ކުރުމަށް ނިންމާފައެވެ. ނަމަވެސް 16 މެޗު ކުޅެ އޭނާއަށް އެދެވޭ ކުޅުމެއް ނުދެއްކުމުން، އޭސީ މިލާނަށް ކުޅެމުން ދިޔަ ގޮންޒާލޯ ހިގުއައިން ޗެލްސީއަށް ބަދަލުކޮށް މޮރާޓާ ޗެލްސީ ދޫކޮށް ދާން ޖެހޭނެ ކަމަށް އެ ޓީމުގެ ކޯޗު ވަނީ އަންގާފައެވެ. އެހެންކަމުން މޮރާޓާ އޭނާގެ އަމިއްލަ ގައުމަށް އެނބުރި ދިއުމަށްޓަކައި އެތްލެޓިކޯ މެޑްރިޑްއަށް ބަދަލުވީ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓް ކުރޭއެވެ.

އެތްލެޓިކޯ މެޑްރިޑަށް ބަދަލުވުމަށް ފަހު ނޫސް ވެރިންނާއި ވާހަކަ ދައްކަމުން މޮރާާޓާ ބުނީ އޭނާ އެ ކުލަބާ ގުޅުނީ ވަރަށް އުފަލާއެކުގައި ކަމަށާއި އެ ކުލަބަށް އާދެވުނީތީ ފަހުރުވެރިވާ ކަމަށެވެ. އަދި މިހާރު އެންމެ ބޭނުންވަނީ ޓީމުގެ ކުޅުންތެރިންނާއި އެކު ފަރިތަކުރުން ތަކުގައި ބައިވެރިވާން ކަމަށްވެސް އޭނާ ބުންޏެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...