ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަ ކުރުމުގެ ފުރުސަތު އީސީން ހުޅުވާލައިފި

ފޮޓޯ: އަވަސް އޮންލައިން

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަ ކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.

އީސީއިން އެ ފުރުސަތު ހުޅުވާލާފައިވަނީ ރޭ ހޮޓެލް ޖެންގައި އެ ކޮމިޝަނުގެ އައު ކުލައާއި ލޯގޯ އިފްތިތާހު ކުރުމަށް ބޭއްވި ހަފްލާގައެވެ. އެ ހަފްލާގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ މިއަދުން ފެށިގެން ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވާދަކުރުމަށް ފުރުސަތު ހުޅުވާލެވޭނެ ކަމަށެވެ. އަދި އިންތިޚާބުގައި ވާދަ ކުރުމުގެ ފުރުސަތު ހަމަވާނީ އަންނަ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު ކަމަށް އީސިން ވަނީ ވިދާޅުވެފައެވެ.

މިއަހަރު ބާއްވާ މަޖިލިސް އިންތިޚާބު އަންނަ އޭޕްރީލް މަހުގެ ތެރޭގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ނިންމަވާފައިވާއިރު، އެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން ކަނޑައެޅުމަށްޓަކައި ޕްރައިމަރީ ބާއްވަން އެ މުއައްސަސާއިން ޕާޓީތަކަށް ދިން މުއްދަތުވެސް ވަނީ ހަމަވެފައެވެ.

އީސީއިން ދިން އެ މުއްދަތުގެ ތެރޭގައި ޕްރައިމަރީ ބާއްވާފައިވަނީ ހަމައެކަނި ސަރުކާރު ކޯލިޝަނުގެ މައި ޕާޓީ އެމްޑިޕީއިންނާއި، އަދާލަތު ޕާޓިންނެވެ. އެގޮތުން އެމްޑީޕީން 86 ދާއިރާއަކަށް ވާދަކުރާ ކެނޑިޑޭޓުން ހޮވާފައިވާއިރު އަދާލަތު ޕާޓީން ވާދަކުރުމަށް ހަމަޖެހިފައިވަނީ 13 ދާއިރާއަށެވެ. ބާކީ ހުރި ޕާޓީތަކުން ޓިކެޓް ދިނުމުގެ މަސައްކަތް ކުރިއަށްދާއިރު އެ ޕާޓިތަކުން ވާދަ ކުރާނީ ކޮން ދާއިރާތަކަކަށް ކަމެއް އަދި މިހާތަނަށް ހާމަކޮށްފައި ނުވެއެވެ.

ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ސަރުކާރު ކޯލިޝަން ގުޅިގެން ވާދަ ކުރުމަށް ނިންމައި އެއްބަސްވުމެއް ހެދި ނަމަވެސް އެމްޑީޕީން އެ އެއްބަސްވުމާއި ޚިލާފުވުމުން ކޯލިޝަންގެ ތެރޭގައި ވަނީ ދެބަސްވުންތަކެއް އުފެދިފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...