މިނިވަންކަމަށް ބުރޫއަރާ އެއްބަސްވުމެއްގައި ރައްޔިތުންގެ ރުހުން ނެތި ސޮއިކޮށްގެން ނުވާނެ: ޑރ. ޚަލީލް

ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތައް ބުރޫ އަރާ ފަދަ އެއްބަސްވުމެއްގައި ރައްޔިތުންގެ ރުހުން ހޯދުމަކާ ނުލައި ސަރުކާރުން ސޮއިކޮށްގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ޚަލީލް އެފަދައިން ވިދާޅުވީ ރާއްޖެއާއި އިންޑިއާއާއި ދެމެދު ސިއްރު އެއްބަސްވުންތަކެއްގައި ސޮއި ކުރުމަށް ނިންމާފައިވާ ކަމަށް ޚަބަރުތައް ފެތުރެމުން ދިއުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓުގައި ޚަލީލް ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތައް ބުރޫއަރާފަދަ އަދި ބޭރުގެ ނުރަނގަޅު ނުފޫޒު ރާއްޖެއަށް ވަނުމަށް މަގުފަހިވާ ފަދަ އެއްބަސްވުންތަކުގައި ބައެއް ޤައުމުތަކާއި އެކު ސަރުކާރުން ސޮއިކުރާކަމުގެ އަޑުތައް ގަދަވަމުންދާ ކަމަށެވެ. އަދި އެފަދަ އެގްރީމެންޓްތަކުގައި ރައްޔިތުންގެ ރުހުން ނެތި ސޮއި ކުރެވިގެން ނުވާނެ ކަމަށް ޚަލީލް ވިދާޅުވިއެވެ.

ޚަލީލް ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމުގެ ނަމުގައި އެހެން ޤައުމެއްގެ ސިފައިން ރާއްޖޭގައި ބޭތިއްބުމާއި އެ ސިފައިންނަށް ރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށެވެ. ޚަލީލް ވިދާޅުވީ ސަރުކާރުން އެފަދައިން ކަންތައް ކުރަނީ އިންތިޚާބު ކާމިޔާބުކޮށްދިނުމުގެ އަގުގެ ގޮތުގައި ކަމަށްވާ ނަމަ މިއަދު ރައްޔިތުން ސަރުކާރާއި ދެކޮޅަށް ތެދުވަން ޖެހޭ ކަމަށެވެ.

ޑރ. ޚަލީލް އެފަދައިން ވިދާޅުވެފައިވާއިރު އެމްޑީޕީގެ ޕްރައިމަރީގައި ވާދަކޮށް ބަލިވި އެ ޕާޓީގެ ޕީޖީ ގްރޫޕްގެ މެމްބަރު އިބްރާހިމް މުޙައްމަދު ދީދީ ވަނީ އެ އެއްބަސްވުންތަކުގެ ހަގީގަތް ރައްޔިތުންނަށް ކިޔައިދިނުމަށް އެދި ސަރުކާރަށް ގޮވާލާފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...