ދަރުމަވަންތަ ހޮސްޕިޓަލުގެ ވާހަކަ ފަނޑުވަނީބާ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޒަޢާމަތުގައި ތަރައްގީކުރި ދަރުމަވަންތަ ހޮސްޕިޓަލުގެ މަސައްކަތާއި ހުޅުވާ ވާހަކައިގެ އަޑު މުޅިން ކެނޑި، ރައްޔިތުން މާޔޫސްވެއްޖެއެވެ.

2018 ވަނަ އަހަރު ކުރީގެ ސަރުކާރުން ހިންގި ބިޔަ މަޝްރޫޢުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ރައްޔިތުންގެ އުންމީދާ އެންމެ ބޮޑަށް ގުޅިފައިވާ ދަރުމަވަންތަ ހޮސްޕިޓަލް މަޝްރޫއަކީ ފާހަގަ ކޮށްލެވޭ މަޝްރޫޢެކެވެ. އެތައް ރައްޔިތުންނެއްގެ ފޮނި އުންމީދުތަކާ ގުޅިފައިވާ ހޮސްޕިޓަލެކެވެ. މީގެ ކުރިން ރާއްޖޭގައި ނުލިބޭ ފަދަ ސިއްހީ ހިދުމަތްތައް އެތަނުން ލިބޭނެ ކަމުގެ ފޮނި އުންމީދު ރައްޔިތުން ދިޔައީ ކުރަމުންނެވެ. ކުރީގެ ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް ދިޔައީ ކޮންމެ ދެ މަހަކުން އެއް މަހަކު އެ ހޮސްޕިޓަލުގެ މަަސައްކަތް ކުރިއަށްދާ ގޮތުގެ މައުލޫމާތު ނޫސްވެރިން މެދުވެރިކޮށް ހިއްސާކުރައްވަމުންނެވެ.

އެ ހޮސްޕިޓަލް ހުޅުވުމަށްޓަކައި އޭރުގެ ސަރުކާރުން ވަނީ ގިނަގުނަ މަސައްކަތެއް ކޮށްފައެވެ. ނަމަވެސް ސަރުކާރު ބަދަލުވުމާއެކު ސިއްހީ ނިޒާމު އަދި ވަކިން ހާއްސަކޮށް ދަރުމަވަންތަ ހޮސްޕިޓަލާއި އައްޑޫ ޓާރޝަރީ ހޮސްޕިޓަލުގެ ވާހަކަ މުޅިންހެން އޮބުނެވެ. ރައްޔިތުން އެތަނާ މެދު ކުރި އުންމީދުތަކާއި ދެކުނު ހުވަފެންތައް ހަޤީގަތަކަށް ވާނެ ކަމުގެ އެއްވެސް އިޝާރާތެއް މި ސަރުކާރުން ނުދިނުމުން، ރައްޔިތުން މާޔޫސްވާން ފަށައިފި. ވާނީވެސް އެހެންނެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން ރާއްޖޭގެ އަތޮޅުތަކުގެ ތެރޭގައި ގާއިމްކޮށްފައިހުރި ހޮސްޕިޓަލުތަކުން ޒަމާނީ ފެންވަރުގެ ހިދުމަތްތައް ނުލިބި، ފަރުވާ ދޭނެ ޑޮކްޓަރުން ނުތިބޭ ކަމުގެ ޝަކުވާ ވަނީ އިންތިހާ ދަރަޖައަށް އިތުރުވެފައެވެ. ނަމަވެސް އެކަމާ މެދު ރައީސް ސޯލިހު އެއްވެސް ފިޔަވަޅެއް އަޅުއްވާ މަންޒަރު އަދި މިހާތަނަށް އައިއިރު ނުފެނެއެވެ. ރާއްޖޭގައި ބިނާ ކުރާ އެންމެ ބޮޑު ހޮސްޕިޓަލަށް ރައީސް ސޯލިހުގެ ނަޒަރެއް ނުހުއްޓުނެވެ.

ރައްޔިތުންނަށް ރާއްޖެއިން ބޭރަށް ނުގޮސް، ރާއްޖޭގައި ތިބެ ސިއްހީ ފަރުވާ ހޯދޭނެ ފުރުސަތު ރައީސް ސޯލިހުއަށް ފަހިކޮށް ނުދެވުނު ކަމަށް ބޮޑެތި ބަލިތަކުގައި ފަރުވާ ހޯދަން ރާއްޖެއިން ބޭރަށް ދާ ރައްޔިތުން ބުނަން ފަށައިފިއެވެ. މިިއިން އެއްވެސް ކަމަކަށް މިއަދުގެ ސަރުކާރުން ކަންބޮޑުވާ ތަނެއްވެސް ނުފެނެއެވެ. މި ސަރުކާރު ގެނައީ ތަފާތު އެކި އެކި ކޮމެޓީތަކާއި ކޮމިޝަންތަށް އުފެއްދުމަށް ނުވަތަ ތަންތަނަށް ދީފައިހުރި ނަންތައް ބަދަލުކުރަން ނޫން ކަމަށް ރައްޔިތުން ބުނަމުންގެންދަނީވެސް މަދެއް ކޮށެއް ނޫނެވެ.ސަރުކާރުން އެކަންކަމާ ދޭތެރޭ ފިނި ޖަވާބެއް ދިން ނަމަވެސް ރައްޔިތުން ތިބީ އެކަންތައްތަކާ ރުހި ގަބޫލުވެގެންނެއް ނޫނެވެ.

ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވިގެންދާނެ ތާރީހަކަށް ރައްޔިތުން އިންތިޒާރު ކުރަނީ ސިއްޙީ ދާއިރާއިން ލިބޭނެ މުހިންމު ޚިދުމަތްތަކަށް ރައްޔިތުން ބޭނުންވާތީއެވެ. ދަރުމަވަންތަ ހޮސްޕިޓަލުން ޚިދުމަތް ދޭން ފެށޭނީ އެންމެ އަވަސްވެގެން ވެސް ފެބްރުއަރީ މަހުގެ ތެރޭގައި ކަމަށް މި ސަރުކާރުގެ ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވި ނަމަވެސް އެކަމުގެ އެއްވެސް އިޝާރާތެއް އޭގެ ފަހުން ނުވާކަންވެސް ފާހަގަކޮށްލެވެއެވެ.

ދިވެހިރާއްޖޭގެ ސިއްހީ ދާއިރާއަށް އިންޤިލާބީ ބަދަލެއް ގެނައުމަށްޓަކައި ރައީސް ޔާމީންގެ ސަރުކާރުން އިމާރާތްކުރެއްވި ދަރުމަވަންތަ ހޮސްޕިޓަލް، ބޭރު ޤައުމެއްގެ ކުންފުންޏަކަށް ދިނުމަށް ރައީސް ސޯލިހްގެ ސަރުކާރުން މަޝްވަރާކުރިކަމުގެ ވާހަކަތަކެއްވެސް ވަނީ ފެންމަތިވެފައެވެ.

އެކަމާ ގުޅިގެން ރައްޔިތުން މިހާރު ބުނަމުންދަނީ ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވުމުގައި ލަސްތަކެއް ދިމާވެގެން އުޅެނީ ހޮސްޕިޓަލް ވިއްކާލުމަށް އަދި ބޭރުގެ ކުންފުންޏެއް ހަމަނުޖެހޭތީ ކަމަށެވެ. ރައީސް ޔާމީންގެ ސަރުކާރުން އެ ހޮސްޕިޓަލުގެ 95 އިންސައްތައިގެ މަސައްކަތްކޮށް ނިންމާފައިވާއިރު މި ސަރުކާރުން އެ ހޮސްޕިޓަލު ހުޅުވަން ފަސްކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ބުނެ އާންމު ރައްޔިތުންގެ ފާޑުކިޔުން އަންނަނީ ރައީސް ސޯލިހުގެ ސަރުކާރަށް އަމާޒުވަމުންނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...