މަޖިލިސް ވާން ޖެހޭނީ ވަކިބައެއްގެ ކިއްލާއަކަށް ނޫން: ޑރ. ޖަމީލް

މަޖިލިސް ވާން ޖެހޭނީ ވަކިބައެއްގެ ކިއްލާއަކަށް ނޫންކަމަށް ކުރީގެ ނައިބުރައީސް ޑރ. މުޙައްމަދު ޖަމީލް ވިދާޅުވެއްޖެއެވެ. ޖަމީލް އެފަދައިން ވިދާޅުވީ އެމަނިކުފާނުގެ ކެމްޕޭން ރަސްމީކޮށް ފެއްޓެވުމުގެ ގޮތުން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

އެ ޖަލްސާގައި ޖަމީލް ވިދާޅުވީ ދިވެހި ރާއްޖެއަށް ބޭނުންވަނީ ވަކި ފިކުރެއްގެ މައްޗަށް އޮތް މަޖިލީހެއް ނޫންކަމަށާއި އެކަން އެހެން ނުކުރަންވީ ރާއްޖެއަށް ދިމާވެފައިވާ ގޮންޖެހުންތަކާއި، ބޭރުންނާއި އެތެރެއިން ދިވެހިރާއްޖޭގެ މި ގައުމީ އަސާސް ގުޑުވާލުމަށް ބަޔަކު ކެނޑިނޭޅި މައްސަކަތްތަކެއް ކުރަމުންދާތީ ކަމަށެވެ.

ރާއްޖެއަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ގުޅޭގޮތުން ޖަމީލް ވިދާޅުވީ އެ ގޮންޖެހުންތަކުގެ ފަހަތުގައި ފަރުދާގެ އެއްފަރާތުން ބޭރު ޤައުމުގެ މީހުންނަށް އެހީތެރިވާ ބަޔަކު ތިބިކަމަށް ގަބޫލުކުރަށްވާކަމަށެވެ. އަދި މަޖިލިސް ވަކިބަޔެއްގެ ކިއްލާއަކަށް ވެގެން ނުވާނެކަމަށާއި މަޖިލިސް ވާންޖެހޭނީ ރިޔާސީ ނިޒާމު ދަމަހައްޓާ ތަނަކަށް ކަަމަށް ޖަމީލް ވިދާޅުވިއެވެ.

ޖަމީލް އެފަދައިން ވިދާޅުވެފައިވާއިރު ކޯލިޝަން ސަރުކާރުގެ މައި ޕާޓި އެމްޑިޕީގެ ރައީސް މުޙައްމަދު ނަޝީދު އަދި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ގެންދަވަނީ އެމްޑިޕީއަށް މަޖިލީހުގެ މެޖޯރިޓީ ކާމިޔާބު ވާންޖެހޭކަމަށް ވިދާޅުވަމުންނެވެ. އަދި މެޖޯރިޓީ ނުލިބިއްޖެނަމަ ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުތައް ފުއްދަވައި ނުދެއްވޭނެކަމުގެ ބިރުވެސް އެ ދެ ބޭފުޅުން ދަނީ ރައްޔިތުންނަށް ދައްކަމުންނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...