މާރކެޓާޒް ފޯރަމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ކޯޕަރޭޓް މޯލްޑިވްސް އެކަޑަމީ، ސީއެމްއޭގެ ދެވަނަ މާރކެޓާޒް ފޯރަމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި އަހަރުގެ މާރޗް މަހުގެ ދެވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެ ފޯރަމަކީ ވިޔަފާރިތަކުން ދޭ ޚިދުމަތާއި ވިއްކާ މުދާ ޒަމާނާ އެއްގޮތަށް މާކެޓްކުރުމުގެ މައުލޫމާތު ފޯރުކޮށްދިނުމަށް ސީއެމްއޭއިން އިންތިޒާމްކުރާ ފޯރަމެއް ކަމަށް އެ އެކަޑަމީ އިން ވަނީ ބުނެފައެވެ. ފޯރަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުގެ އަތުން ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ބައިވެރިވުމުގެ ފީގެ ގޮތުގައި 1000 ރުފިޔާ ނެގުމަށް ނިންމާފައިވާއިރު، އޭގެފަހުން ފެބްރުއަރީ ފަނަރައިގެ ނިޔަލަށް ނެގުމަށް ނިންމާފައިވަނީ 1500 ރުފިޔާ ކަމަށްވެސް އެ އެކަޑެމީން ވަނީ ބުނެފައެވެ.

ފޯރަމްގައި ބައިވެރިވުމަށް ކޯޕަރޭޓް މޯލްޑިވްސްގެ ވެބްސައިޓާއި ފޭސް ބުކް ޕޭޖުންވެސް ރަޖިސްޓަރ ކުރެވޭނެ ކަމަށާ އެ ފޯރަމްގައި އެންމެ ފަހުގެ ޑިޖިޓަލް މާރކެޓް ޓްރެންޑްސް ނުވަތަ އޮންލައިންކޮށް ވިޔަފާރި މާރކެޓް ކުރުމުގެ އެންމެ ފަހުގެ ގޮތްތައް ދަސްކޮށްދޭނެކަމަށް ވެސް ބުނެފައިވެއެވެ.

އޭގެ އިތުރުން އެންމެ ފަހުގެ ޑިޖިޓަލް މާރކެޓިން އީޖާދުތަކާއި، އީކޮމާސްއާއި ގުޅުންހުރި ސޮފްޓްވެއަރގެ އިތުރުން ވާރޗުއަލް ރިއާލިޓީ، އާރޓިފިޝަލް އިންޓެލިޖަންސްގެ ހޯދުންތަކުގެ މައުލޫމަތުވެސް ކަމާބެހޭ މާހިރުން ބައިވެރިންނަށް ފޯރުކޮށްދޭނެކަމަށް އެ އެކަޑަމީން ވަނި ހާމަކޮށްފައެވެ. އަދި މާރކެޓިން ކޮންޓެންޓު ހެދުމާއި، ކަމާގުޅުން ހުރި ޑޭޓާ އެއްކުރުމާއި، ސްމާޓްފޯނު މެދުވެރިކޮށް ތަކެތި ވިއްކުމުގައި ބޭނުންކުރެވޭނެ އުކުޅުތަށް ދަސްކޮށްދޭނެކަމަށް ވެސް ވަނީ ބުނެފައެވެ.

މޯލްޑިވްސް މާރކެޓާޒް ފޯރަމަކީ ރާއްޖޭގައި މިހާރުވެސް ހިންގަމުންދާ އަދި އަލަށް ވިޔަފާރީގެ ދާއިރާއަށް ވަންނަ ފަރާތްތަކަށް އެފަރާތްތަކުގެ ވިޔަފާރިތަށް ފުޅާކޮށް، އެންމެ ފަހުގެ އީޖާދުތަކުގެ ޒަރިއްޔާއިން ވިޔަފާރީގެ ޚިދުމަތްތަކާއި މުދާ ވިއްކުމުގެ ހުނަރު ދަސްކޮށްދިނުމަށް ކުރިޔަށް ގެންދާ ފޯރަމެެކެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...