ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ސެވިއްޔާއިން ބާސާ ބަލިކޮށްފި

ބެންޔެޑާ ސަލާއަށް ދިން މެސެޖާއެކު

ސްޕެނިޝް ކަޕްގެ ކުއާޓާ ފައިނަލުގައި ސެވިއްޔާއާއި ބާސެލޯނާ ބައްދަލުކުރި މެޗުގެ ފުރަތަމަ ލެގު ސެވިއްޔާއިން ކާމިޔާބުކޮށްފިއެވެ. ރޭގެ މެޗުގައި ސެވިއްޔާއިން ބާސެލޯނާގެ މައްޗަށް ކުރި ހޯދާފައިވަނީ 2-0ގެ ނަތީޖާއިންނެވެ.

ސެވިއްޔާގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެ ޓީމަށް ލީޑުނަގައިދިނީ މެޗުގެ 58 ވަނަ މިނިޓްގައި ޕަބްލޯ ސަރަބިއާ އެވެ. އޭގެ ފަހުން މެޗު ނިމެން 14 މިނެޓަށް ވެފައި ވަނިކޮށް ސެވިއްޔާގެ ދެ ވަނަ ގޯލު އެ ޓިމަށް ކާމިޔާބުކޮށްދިނީ ވިސާމް ބެންޔެޑާ އެވެ.

މެޗަށްފަހު ސެވިއްޔާގެ ކޯޗު ޕަބްލޯ މަޗީން ބުނީ އެ ޓިމަށް ލިބުނު ފުރުސަތުތަކަށް ބަލާއިރު އިތުރު ގޯލު ޖެހޭނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ. އަދި މިހާރު ލީޑު ލިބިފައިވީ ނަމަވެސް ބާސާއިން މީގެ ކުރިންވެސް ނަތީޖާ ބަދަލުކޮށްފައިވާ ކަަމަށާއި އެހެންކަމުން ސެވިއްޔާއިން އަދި ސެމީއިން ޖާގަ ޔަގީންވި ކަމަށް ނުބަލާނެ ކަމަށްވެސް މަޗީން ބުންޏެވެ.

ރޭގެ މެޗުން ބާސާ ބަލިވެފައިވާއިރު އެ ޓީމުގެ އެންމެ މޮޅު ކުޅުންތެރިޔާ ލިއޮނަލް މެސީ ރޭގެ މެޗުގައި ނުކުޅެއެވެ. އޭނާ ނުކުޅުމަކީ ބަލިވުމުގެ އުޒުރެއްގެ ގޮތުގައި ނުދެކޭ ކަމަށް އެ ޓީމުން ވަނީ ބުނެފައެވެ.

ރޭގެ މެޗަށްފަހު ސެވިއްޔާގެ ދެވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިން ބެންޔެޑާ ވަނީ ގެއްލިގެން ހޯދަމުންދާ ކާޑިފް ސިޓީގެ ކުޅުންތެރިޔާ އެމިލިއާނޯ ސަލާއަށް ހިތްވަރު ކުރުމަށް އެދި މެސެޖެއް ދީފައެވެ.

އެންމެ ފަހުން ބޭއްވި ހަތަރު ސްޕެނިޝް ކަޕް ވެސް ބާސާއިން ކާމިޔާބުކޮށްފައިވީ ނަމަވެސް މި ފަހަރު އެ މަގާމު ދިފާއު ކުރަން ބޭނުން ނަމަ ބާސާއިން ޖެހޭނީ އަންނަ ހަފްތާ ކުޅޭ ދެވަނަ ލެގުގެ މެޗުން ސެވިއްޔާގެ މައްޗަށް ތިން ގޯލުގެ ތަފާތަކުން މޮޅު ހޯދާށެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...