ކުރީގެ ރައީސުންނަށް މެމްބަރަކަށް ނުވެވޭ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރުމަށް ހުށަހަޅައިފި

ކުރިން ރައީސްކަން ކުރައްވާފައިވާ ފަރާތްތަކަށް ރައްޔިތުންގެ މަޖިލީހަށް ކުރިމަތި ނުލެވޭ ގޮތް ހެދުމަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.

ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލް ހުށައަޅުއްވާފައިވަނީ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފުއެވެ. މީގެ ކުރިން އަބްދުއްލަތީފު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެވެ.

ނަމަވެސް ގާނޫނު އަސާސީއަށް އިސްލާހު ނުގެނެސް އިންތިޚާބާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަކީ ގާނޫނު އަސާސީއާ ހިލާފު އިސްލާހެއް ކަމަށް ގާނޫނީ ބޭފުޅުން ވިދާޅުވުމާއި ގުޅިގެން މެމްބެރު އަބްދުއްލަތީފު މިހާރު މިވަނީ ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ބިލެއް ހުށަހަޅުއްވާފައެވެ. ލަތީފު ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ހުށަހެޅުއްވީ އެގާނޫނުގެ 73 ވަނަ މާއްދާގެ (ހ) އަށް ނަމްބަރެއް އިތުރު ކުރުމަށެވެ.

މެމްބަރު ލަތީފް ހުށަހެޅި އެ ބިލަކީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މަޖިލިސް އިންތީޚާބުގައި ވާދަވިޔަ ނުދިނުމަށް ހުށަހެޅި ބިލެއް ކަމަށް އެމްޑީޕީއިން ދަނީ ބުނަމުންނެވެ. އަދި އެ ބިލް ފާސްވި ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު އެ ބިލް ތަސްދީގު ނުކުރައްވާނެ ކަމަށް ކުރީގެ ރައީސް ނަޝީދު ވަނީ ފުރިހަމަ އިތުބާރާއެކު ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުން ބިލް ފާސް ކުރި ނަމަވެސް އެ ބިލް ޤާނޫނަކަށް ވާނީ ރައީސް ތަސްދީގު ކުރެއްވުމުށްފަހު ފަހުގައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...