ދިރާސީ އާ އަހަރު ފެށިގެން ދިހަ ދުވަސް އަދިވެސް ސްކޫލުތަކުގައި ޓީޗަރުން ހަމަނުވޭ

ދިރާސީ އާ އަހަރަކަށް މި ޤައުމުގެ ދަރިވަރުން މަރުހަބާކިޔާފައިވަނީ ޖަނަވަރި މަހުގެ 13 ވަނަ ދުވަހުއެވެ. އެދުވަހަކީ މި ސަރުކާރުގެ އެޑިޔުކޭޝަން މިނިސްޓްރީއާއި ދެކޮޅަށް ބެލެނިވެރިންތަކެއް ނިކުމެ އިހުތިޖާޖު ކުރި ފުރަތަމަ ދުވަސްވެސްމެއެވެ. އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިންގެ ކަންބޮޑުވުމަކަށް އެދުވަހު ވެފައި އޮތީ ދެ ޖިންސު މަސްހުނި ކޮށްގެން ކިޔަވައިދިނުމެވެ. މިފަަހަރު އެ ބެލެނިވެރިންގެ ކަންބޮޑުވަމަކަށް ވެފައިއޮތީ ސްކޫލުގައި ޓީޗަރުން ހަމަ ނުވާ މައްސަލައެވެ.

މިއަަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށެން 24 ގަޑިއިރަށް ވެފައިވަނިކޮށް އެޑިޔުކޭޝަން މިނިސްޓަރ އައިޝަތު އަލީ ދެއްވި ޕްރެސް ކޮންފަރެންސެއްގައި އެކަމަނާ ވިދާޅުވެފައިވަނީ ހުރިހާ ސްކޫލަކަށް ވެސް ޓީޗަރުންނާ އަދި ވަޞީލަތްތައްވެސް ހަމަވެފައިވާ ކަމަށެވެ. ނަމަވެސް ސްކޫލުތައް ފެށިގެން 10 ދުވަސް ފާއިތުވެފައިވާއިރު، ސްކޫލުތަކުގެ ބެލެނިވެރިން މިދަނީ އެކި އެކި ކަންތައްތަކާ މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ބައެއް ބެލެނިވެރިންގެ ކަންބޮޑުވުމަކަށް ވެފައިވަނީ ސްކޫލުގައި ކިޔެވުމަށް ބޭނުންވާ ވަޞީލަތްތައް ހަމަވެފައި ނެތުމެވެ. އެގޮތުން ޓެކްސްޓް ފޮތްތައް ހަމަވެފައި ނުވާ ކަމަށާ އަދި ދަރިވަރުންގެ އެކްޓިވިޓީ ޔުނިފޯމް އަދިވެސް ލިބިފައި ނުވާ ކަމުގެ ޝަކުވާ ބެލެނިވެރިންދަނީ ކުރަމުންނެވެ. އަދި ކިޔަވައިދިނުމަށް ބޭނުންވާ އެންމެ މުހިންމު ވަޞީލަތް ކަމަށްވާ ޓީޗަރުންވެސް އަދިވެސް ހަމަ ނުވާ ކަމަށް ބައެއް ސްކޫލުތަކުގެ ބެލެނިވެރިންދަނީ ބުނަމުންނެވެ.

އެގޮތުން ބަލާއިރު، ރާއްޖޭގައި އަރަބި އިސްލާމީ ތައުލީމު އުނގަންނައިދޭ ހަމައެކަނި ސްކޫލުކަމުގައިވާ މަދަރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގެ ބެލެނިވެރިން ބުނަމުން ގެންދަނީ އަދިވެސް އެ ސްކޫލަށް ޓީޗަރުން ހަމަ ނުވާ ކަމަށެވެ. އެގޮތުން އެކަމާ ގުޅިގެން ޗެނެލް 13 އަށް މައުލުމާތު ދެމުން އަރަބިއްޔާގެ ބެލެނިވެރިޔަކު ބުނެފައިވަނީ ސްކޫލުގެ މެނޭޖްމަންޓާވެސް ބައްދަލުކޮށް ބެލެނިވެރިންގެ ހުރި ކަންބޮޑުވުންތައް ހިއްސާ ކޮށްފައިވާނެ ކަމަށެވެ.

ބެލެނިވެރިންގެ އެ މައުލޫމާތާ ގުޅިގެން ޗެނެލް 13 އިން އަރަބިއްޔާ ސްކޫލުގެ ބަހެއް ހޯދާލުމަށް ގުލާލުމުން ނަން ހާމަނުކުރުމަށް އެދި ސްކޫލުގެ ސީނީއަރ މެނޭޖްމަންޓްގެ ބޭފުޅަކު ވިދާޅުވީ ބެލެނިވެރިންގެ އެކަން ބޮޑުވުންތައް މިމަހުގެ 14 ވަަނަ ދުވަހު ސްކޫލާ ހިއްސާކުރުމުން އެޑިޔުކޭޝަން މިނިސްޓްރީ އާ އެވާހަކަތައް ހިއްސާކޮށްފައިވާނޭ ކަމަށެވެ. އަދި މި އާދިއްތަ ދުވަހު ސްކޫލަށް ޓިޗަރުން ހަމަކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވެފައިވަ ކަމަށް އެ ބޭފުޅާ ވިދާޅުވިއެވެ. ނަމަވެސް ސްކޫލަށް ޓީޗަރުން ހަމަނުވާކަމަށް ބެލެނިވެރިންދަނީ ބުނަމުންނެވެ.

ޗެނެލް 13 އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަރަބިއްޔާ ސްކޫލަށް ކިޔަަވައިދިނުމަށް އަޒްހަރު ޔުނިވަރސިޓީން 22 މުދައްރިސުން ގެންނަން ޖެހޭއިރު އަދި އައިސްފައިވަނީ އެންމެ 4 މުދައްރިސުން ކަމަށެވެ. އަދި ބާކީ 18 މުދައްރިސުން ގެންނަންޖެހޭ އިރު އެކަންކަމަކީ އެޑިޔުކޭޝަން މިނިސްޓްރި އާ ފޮރިން މިނިސްޓްރިއާ ގުޅިގެން ކުރަންޖެހޭ ކަން ކަމަށްވެފަ އެޑިޔުކޭޝަން މިނިސްޓްރީ އަށް ފޮރިން މިނިސްޓްރީން އެއް ބާރުލުން ދެއްވާނަމަ މިހާރު މުދައްރިސުން ހަމަވެފައިވާނެ ކަމަށް ވެސް ސްކޫލު މެނޭޖްމަންޓްގެ ފަރާތުން ވާހަކަ ދެއްކެވި ބޭފުޅާވަނީ ވިދާޅުވެފައެވެ.

އެބޭފުޅާ އިތުރަށް ވިދާޅުވީ، ސްކޫލަށް ޓީޗަރުން ހަަމަވެފައި ނެތުމުން ހެނދުނު ދަންފަޅީގެ ކިޔެވުން ތަވަލުގައިވާ ގަޑިއަށް ވުރެ އަވަހަށް ނިންމާލަންވެސް ޖެހޭކަމަށެވެ. އެހެންކަމުން މިފަދަ ކަންކަމުގައި ދަރިވަރުންނަށް ލިބޭ ގެއްލުންތަކަަށް ޒިންމާ ނަގާނެ ފަރާތެއް އަދިވަނި ސާފުވާގޮތްނުވެފަ. އަދި ދަރިވަރުންގެ ހައްގުގައި ބަސްބުނާނެ މުއައްސަސާއެއް ނެތްކަން ފާހަގަކޮށްލެވެއެވެ.

އަރަބިއްޔާގެ އިތުރުން ރާއްޖޭގެ އެހެން ސްކޫލުތަކުންވެސް ދަނީ ޓީޗަރުންނަ ވަޞީލަތްތައް ހަމަނުވާ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ފުވައްމުލަކު ސްކޫލް ތަކުގެ ބައެއް ގްރޭޑްތަކުގެ ފޮތްތައް ނުލިބޭތީއާއި ބައެއް ގްރޭޑް ތަކަށް ޓީޗަރުން ހަމަނުވާތީވެ ފުވައްމުލަކު ސްކޫލް ތަކުގެ ބެލެނިވެރިންވެސް ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. ފުވައްމުލަކު ސްކޫލް ތަކުގެ ބައެއް ބެލެނިވެރިން ޗެނެލް13 އަށް މައުލޫމާތު ހިއްސާކުރަމުން ބުނީ ބައެއް ގްރޭޑް ފޮތް ނުލިބޭ ކަމަށާއި، ބައެއް ގްރޭޑް ތަކަށް ޓީޗަރުން ވެސް ނުލިބޭ ކަމަށެވެ. ދަށް ގްރޭޑް ތަކުގެ ދަރިވަރުންނަށް ފޮތް ލިބުނަސް މަތީ ގްރޭޑްތަކުގެ ދަރިވަރުންގެ ފޮތްތައް އަދި ނުލިބޭ ކަމަށެވެ. މިކަމުގެ ސަބަބުން ވަރަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހޭ ކަމަށް ވެސް ބެލެނިވެރިން ބުނެފައިވެއެވެ.

ކޮންމެއަކަސް ދިރާސީ އަހަރެއް ފެށި 10 ދުވަސް ފާއިތުވެގެން ދިޔައިރު ފެނިގެން މިދަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިހުގެ ސަރުކާރުން، އެއްްވެސް ކުއްޖަކު ބާކީ ނުކޮށް ތައުލީމުގެ ހަމަހަމަ ފުރުޞަތު ލިއްބައިދެއްވާނެ ކަަމަށް ވައުދުވެ ވަޑައިގެންނެވި ވައުދުވެސް ފުރިހަމަ ވެގެން ނުދިޔަ މަންޒަރެވެ. ރައީސް ޞޯލިހުގެ އެޑިޔުކޭޝަން މިނިސްޓްރީވެސް ފެއިލްވެފައިވާ މަންޒަރެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...