ޕާކު ކުރާނެތަން ނުދައްކައި ސްޓިކާ ނުޖަހާނެ، އެހެންނަމަވެސް ޓޯކުރާނެ!

ޕާކު ކުރާނެތަަން ނުދައްކައި ސްޓިކާ ނުޖަހާނެކަމަށް ވިދާޅުވި ސަރުކާރުން އެ ވަޢުދު ފުއްދަވައި ގަވާއިދާ ޚިލާފަށް ޕާކު ކުރާ އުޅަނދުތައް ޓޯ ކުރުމަށް ނިންމައިފިއެވެ.

ރައީސް ސޯލިހުގެ ސަރުކާރުން ޕާކު ކުރާނެތަނެއް ނުދައްކައި ސްޓިކާ ނުޖަހާނެކަމަށް ވަޢުދުވެވަޑައިގެން އެގޮތައް ޢަމަލު ކުރަން ފެއްޓެވުމުން އެކަންތައްތައް ދިޔައީ ބޮއްސުން ލައިގެންނެވެ. ޕާކު ކުރާނެ ވަކި ދިމާލެއް ވަކި ތަނެއް ނުބަލައި މާލޭގެ ރައްޔިތުން ދަނީ ހަމައެއް ލަމައެއްނެތި ޕާކު ކުރަމުންނެވެ.

ރައީސް ސޯލިހު ވެރިކަމާއި ހަވާލުވެވަޑައިގަތުމުގެ ކުރިން ގަވާއިދާ ޚިލާފަށް ޕާކު ކުރާ މީހުންގެ ސައިކަލު ތަކާއި ކާރު ފަދަ ތަކެތީގައި ސްޓިކާ ޖެހިއެވެ. އަދި ޖޫރިމަނާ ކޮށްގެން އެކަންތައްތައް ހައްލު ކުރުމުގެ މަސައްކަތް ކުރިއަށްދިޔައެވެ. އެހެންނަމަވެސް ރައީސް ސޯލިހު ވެރިކަމަށް ވަޑައިގަންނަވަން ބޭނުން ފުޅުވެގެން ރައްޔިތުންނަށް ގަވާއިދުގެ ބޭރުން ކަންތައްތައް ކުރެއްވުމުގެ ފުރުސަތު ހުޅުވާލެއްވިއެވެ. އެގޮތުން ޕާކު ކުރާނެ ތަން ނުދައްކައި ސްޓިކާ ނުޖަހާނެކަމަށް އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދަކީ އެއްވެސް ދިރާސާއެއް ކުރުމެެއް ނެތި އުޅަނދު ދުއްވާ ފަރާތްތަކުގެ ވޯޓު ހޯދުމަށްޓަކައި ވެވަޑައިގެންނެވި ވަޢުދެއްކަން މިއަދު މިވަނީ ސާބިތުވެފައެވެ.

ރައީސް ޔާމީންގެ ޒަޢާމަތުގައި ގަވާއިދާ ޚިލާފުވާ މީހުންނަށް ފިޔަވަޅު އަޅައި މަގުތަކުގައި މީހުންނަށް އުނދަގޫވާގޮތަށް ޕާކު ކުރާ އުޅަނދުތަކުގައި ސްޓިކާ ޖަހަމުން ގެންދެވީ އެމީހުންނަށް ގަވާއިދަށް ހުރުމަތްތެރިވުމަކީ ކިހާ މުހިންމު ކަމެއްކަން އަންގައިދިނުމުގެ ބޭނުމުގައެވެ. އަދި ޕާކު ކުރާނެ ތަންތަން މާލޭގައި ނެތުމުން އެކަމަށް ހައްލެއް ގެނެސް ދިނުމަށް ޕާކިން ސިސްޓަމްތައް މާލޭގެ އެކި ސަރަހައްދުތަކުގައި ގާއިމު ކުރެއްވުމަށް އެމަނިކުފާނު ނިންމެވިއެވެ. އަދި ތަފާތު ސަރަހައްދުތަކުގައި ބެހެއްޓި އެ ސިސްޓަމްތައް ނަގާލުމަށް މިއަދުގެ ސަރުކާރުން މިވަނީ ނިންމަވާފައެވެ.

ކޮންމެއަކަސް ރައީސް ސޯލިހު މިވަނީ އެމަނިކުފާނުގެ ވަޢުދާ އެއްގޮތައް ސްޓިކާ ނުޖެހުމަށް ނިންމަވާފައެވެ. އެހެންނަމަވެސް މިހާރު ފުލުހުން ވިދާޅުވަނީ ގަވާއިދާ ޚިލާފަށް ޕާކު ކުރާ އުޅަނދު ތަކުގައި ސްޓިކާ ޖެހުމުގެ ބަދަލުގައި ގެންދާނީ ޓޯޔާޑަށްކަމަށެވެ. ނުވަތަ އެ އުޅަނދުތައް ޓޯ ކުރާނީ ކަމަށެވެ. ޓޯ ކުރުމަކީ ސްޓިކާ ޖެހުމަށްވުރެ ކުޑަ ހައްލެއްބާއެވެ.

ކޮންެމެއަކަސް ވަޢުދާ އެއްގޮތައް އަމަލުކުރައްވައި ރައީސް ސޯލިހު މިވަނީ ރައްޔިތުންނަށް އިތުރު އުނދަގޫތަކެއްވެސް ކުރިމަތި ކުރުވާފައެވެ. ގަވާއިދާ ޚިލާފަށް ޕާކު ކުރުން އާންމުވީ އެމަނިކުފާނުގެ ނިންމެވުމުގެ ސަބަބުން ކަމީ ބަދަލު ނުކުރެވޭނެ ހަގީގަތެކެވެ. ރައްޔިތުންނަށް ގަވާއިދާ ޚިލާފު ކަންތައްތައް ކުރުމުގެ ފުރުސަތު ހުޅުވާލައި ރައީސް ސޯލިހު މިވަނީ ރައްޔިތުންނަށް އިތުރު އުނދަގޫތަކާއި ކުރިމަތި ކުރުވާފައެވެ.

ސްޓިކާ ޖެހުމުން އެކުރެވޭ ޖޫރިމަނާ ދެއްކި ނަމަވެސް އުޅަނދު ޓޯ ކުރުމުން ލިބޭ ގެއްލުން މާ ބޮޑުކަމަށް މިއަދު އެތައް ރައްޔިތުންނެއް ދަނީ ބުނަމުންނެވެ. މިއިންވެސް އެނގޭ ހަގީގަތަކީ ރައްޔިތުންނަށް ވަޢުދުތައް ވެވަޑައިގަންނަވާއިރު އެ ވަޢުދުތަކަކީ ފުއްދޭނެ ވަޢުދެއްތޯ ނުވަތަ ނޫންތޯ ދިރާސާ ކުރުމަކީ ކިހާ މުހިންމު ކަމެއް ކަމެވެ. މި ސަރުކާރު ވެރިކަމާއި ހަވާލުވެވަޑައިގެތްފަހުން ފެނިގެންދަނީ މުޅިންވެސް އެފަދަ ދޯދިޔާ ވަޢުދުތައް ވެވަޑައިގަންނަވާ މަންޒަރެވެ. އެއްވެސް ދިރާސާއެއް ނުކުރައްވައި ރައްޔިތުންގެ ހިތް ރުއްސުމުގެ ގޮތުން ކޮންމެ ކަމެއްވެސް ވަޢުދެއްގެ ގޮތުގައި ރައްޔިތުންނަށް ހުށަހަޅަމުންދާ މަންޒަރެވެ. ރަނގަޅު ލީޑަރެއްގެ ކިބައިން ފެނިގެންދާން ޖެހޭނީ މިފަދަ މަންޒަރެއްބާއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...