މިނިސްޓަރ އިމްރާން، އަދީބުއާއި ދޭތެރޭ ކަންތައްކުރަނީ ލާއިންސާނީކޮށް: ވަކީލު

ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބާއި ދޭތެރޭ ހޯމް މިނިސްޓަރ ޝެއިޚް އިމްރާން ގެންގުޅުއްވަނީ ލާއިންސާނީ ޢަމަލުތަކެއްކަމަށް އަދީބުގެ ވަކީލު ،އިސްމާޢިލް މުޙައްމަދު ވިދާޅުވެއްޖެއެވެ.

އަދީބުގެ ވަކީލް އެފަދައިން ވިދާޅުވީ މޫކައި ސުއިޓްސް ގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.

އެ ބައްދަލުވުމުގައި އިސްމާއިލް ވިދާޅުވީ އަދީބަށް ބޭސްފަރުވާ ކުރުމުގެ ފުރުޞަތު ނުދޭ ކަމަށާއި އަބީދުގެ މައްސަލަތައް ރާއްޖޭގެ ހައި ކޯޓަށްވެސް އަދި ސުޕްރީމް ކޯޓަށްވެސް ހުށަހަޅާފައިވާނެ ކަމަށެވެ. އަދި ޑޮކްޓަރުން ލަފާދީފައި ވަނިކޮށް އަދީބަށް ބޭސްފަރުވާގެ ފުރުޞަތު ނުދީ ހިފަހައްޓަނީ ކީއްވެތޯ ސުވާލު އުފައްދަން ބޭނުންވާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އިސްމާއީލް އިތުރަށް ވިދާޅުވީ ގާނޫނު އަސާސީގައި ސިއްޙީ މައްސަލައެއް ދިމާވެއްޖެ ހާލަތެއްގައި ޢަމަލު ކުރަންވީ ގޮތް ބަޔާންކޮށްފައިވާނެކަމަށާއި ނަމަވެސް އެއިން އެއްވެސް ކަމަކަށް މިނިސްްޓަރ އިމްރާން ބައްލަވާފައި ނެތްކަމަށެވެ. އޭނާ ވަނީ އިމްރާން ޖަލުގައި ހުންނެވި އިރު ގެއަށް ބަދަލު ކުރީ ޑޮކްޓަރުގެ މެޑިކަލް ރިޕޯޓްތަކަށް ބަލާފައިކަމަށްވެސް ފާހަގަކޮށްފައެވެ.

އަދީބަށް ބޭސްފަރުވާގެ ހައްޤު ނުލިބޭ މައްސަލަ އަދީބުގެ ވަކީލުންގެ ފަރާތުން ވަނީ ހިއުމަން ރައިޓްސް ކޮމިޝަނަށްވެސް ހުށަހަޅާފައެވެ. ނަމަވެސް މޯލްޑިވްސް ޕޮލިސް ސާރވިސްއަށް އެ ކަމާއި ގުޅޭގޮތުން ހުށަހަޅަން މަސައްކަތް ކުރެއްވި މައްސަލަ ބަލައިނުގަތުމުން އެ މައްސަލަ ހުށަހެޅޭގޮތެއް ނުވާކަމަށް އެ ފަރާތްތަކުން ބުނެއެވެ.

އަދީބުގެ މައްޗަށް ވަނީ ކުށް ސާބިތުވެ 33 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައެވެ. އަދީބުގެ ވަކީލުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...