24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ ދޭ ސަރަހައްދުތައް ކަނޑައަޅައިފި

24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ ދޭ ސަރަހައްދުތައް ކަނޑައަޅައިފި

24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދައަށް އެދެވޭނެ ސަރަހައްދުތައް ކަނޑައަޅާ އެކަން އިކޮނޮމިކް މިނިސްޓްރީއިން އިއުލާނުކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ ސައިހޮޓަލާއި ރެސްޓޯރަންޓް ހިންގުމުގެ ގަވާއިދާއި ކެންޓީނާބެހޭ ގަވާއިދު އަދި އިމްޕޯޓް މުދަލުގެ ވިޔަފާރިކުރުމުގެ ގަވާއިދުގެ ދަށުން، މާލެ އަދި ވިލިނގިލީގައި 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދައަށް އެދުމުގެ ފުރުސަތު ހުޅުވަލާފައިވާ ކަމަށެެވެ.

އެ ސަރަހައްދުތަކަކީ ބޮޑުތަކުރުފާނު މަގު ކަނބާއައިސާރަނި ހިނގުން، ފަރީދީ މަގު، ސޯސަން މަގު، މެދުޒިޔާރަތް މަގު، ޖަނަވަރީ މަގު، މަޖީދީ މަގު، ބުރުޒުމަގު، އޯކިޑު މަގު، އަމީނީ މަގު، ލޮނުޒިޔާރަތް މަގު، އަދި ޗާންދަނީ މަގުގެ އިތުރުން ވިލިނގިލި ފެރީ ޓަރމިނަލް ސަރަހައްދެވެ.

24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ ދޫކުރާ ތަންތަނުގެ ތެރެއިން، އިމްޕޯޓު މުދަލުގެ ވިޔަފާރިކުރާ ތަންތަނުން ވިއްކޭނީ، ހަމައެކަނި ޒަރޫރީ ބޭނުންތައް ފުއްދުމަށް ބޭނުންކުރާ ތަކެއްޗަށް ކަމަށާއި 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ ދޫކުރެވޭނީ، ހުއްދައަށް އެދޭ ތަނުގައި ފުރިހަމަވާންޖެހޭ ޝަރުތުތައް ފުރިހަމަވޭތޯ ބަލައި ޗެކު ކުރުމަށް ފަހު ކަމަށް އިކޮނޮމިކް މިނިސްޓްރީއިން ވިދާޅުވެއެވެ. 24 ގަޑިއިރު ވިޔަފާރިކުރާ ފަރާތްތަކުން، ނަމާދު ވަގުތުތަކަށް ތަން ބަންދުކުރުން ފިޔަވައި، އެހެން ހުރިހާ ވަގުތެއްގައި، ވިޔަފާރިކުރަން އަންނަ ފަރާތްތަކަށް ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސާފައި ބެހެއްޓުމަށް ވެސް ވަނީ ވިދާޅުވެފައެވެ.

އިކޮނޮމިކް މިނިސްޓްރީއިން ވިދާޅުވީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން، ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކުން، އެ ސަރަޙައްދުތަކުގައި 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމް، އެ މިނިސްޓްރީގެ، ބޮޑުތަކުރުފާނު މަގުގައި ހުންނަ ސަރވިސް ސެންޓަރަަށް ހުށަހެޅުމަށެވެ. 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމު މިމިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީއިން ވިދާޅުވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...