ލިވަޕޫލަށް އޮތް ޕްރެޝަރު މެންޗެސްޓާ ސިޓީ އިން ދަމަހައްޓައިފި

ފޮޓޯ: ރޮއިޓާސް

ސީޒަނުގައި 100 ލަނޑު ހަމަކޮށް ލިވަޕޫލަށް އޮތް ޕްރެޝަރު މެންޗެސްޓާ ސިޓީ އިން ދަމަހައްޓައިފިއެވެ. 

ސިޓީއިން އެ ޕްރެޝަރު ދަަމަހައްޓަފައިވަނީ ތާވަލުގެ އެންމެ ފުލުގައި އޮތް ހަޑަސްފީލްޑްގެ މައްޗަށް 3-0 ގެ ނަތީޖާއިން ކުރިހޯދައިގެންނެވެ.

މެޗު ފެށިގެން ފުރަތަމަ 15 މިނެޓުގައި ދެ ޓީމުގެ ފަރާތުންވެސް ރަގަނޅު ކުޅުމެއް ނުފެނުނު ނަމަވެސް މެޗުގެ 19ވަނަ މިނެޓުގައި ސިޓީއިން ވަނީ ލަނޑު ޖަހާފައެވެ. ސިޓީން އެ ލަނޑު ކާމިޔާބު ކުރީ، ޑިފެންޑަރު ޑެނީލޯ އޭރިއާގެ ބޭރުން ފޮނުވާލި ބޯޅަ، އިދިކޮޅު ޑިފެންޑަރެއްގެ ބޮލުގައި ޖެހި ގޯލަށް ވައްދައިގެންނެވެ.

ދެވަނަ ހާފު ފެށިގެން، މެޗުގައި މޮޅު ކުޅުމެއް ދެއްކި ލީރޯއީ ސާނޭގެ އެހީތެރިކަމާއެކު ދެ މިނެޓު ތެރޭގައި ސިޓީއިން ވަނީ ދެ ލަނޑު ކާމިޔާބުކޮށްފައެވެ. އޭގެ ތެރެއިން ފުރަތަމަ ލަނޑު ކާމިޔާބުކޮށް ދިނީ ސާނޭ ނެގި ހުރަހަކުން ރަހީމް ސްޓާލިންގް އެވެ.

އޭގެ ދެ މިނެއްޓު ފަހުން، ސާޖިއޯ އަގުއޭރޯ ތަނަވަސްކޮށްދިން ފުރުސަތުގެ ބޭނުން ހިފައި، ސާނޭ ވަނީ ސީޓީގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.

މެޗު ނިންމާލުމަށް ފަހު ސިޓީގެ ކޯޗު ޕެޕް ގާޑިއޮލާ ބުނީ އެ މެޗުން ސިޓީއިން ދެއްކި ކުޅުމަށް ބަލާއިރު ތިން ލަނޑަށްވުރެ ގިނައިން ހައްޤު ނޫންކަމަށެވެ. އަދި ތާވަލުގެ އެއްވަނައިގައި ލިވަޕޫލާއި ވާދަކުރުމަކީ ކުރަން ޖެހޭކަމެއްކަމަށް އޭނާ ވަނީ ބުނެފައެވެ.

އިނގިރޭސި ޕްރިމިއަރ ލީގު ތާވަލުގެ އެއްވަނައިގައި 60 ޕޮއިންޓާއެކު ލިވަޕޫލް އޮތް އިރު ސިޓި އޮތީ 56 ޕޮއިންޓައެކު ދެ ވަނައިގައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...