ސިލްސިލާ މާރާމާރީތަކަށް މި ސަރުކާރުގެ ހޫނު އަތްތިލަބަޑިއެއް!

"ގްރޫޕް މާރާމާރީއެއްގައި ކުޑަކުއްޖަކު ޒަހަމްކޮށްލައިފި." "މޫނަށް ސްޕްރޭ ޖެހުމަށްފަހު ގިނަ އަދަދެއްގެ ފައިސާ ފޭރިގެންފި." "ތޫނު އެއްޗަކުން ހަމަލާދީ ބިދޭސީއަކު ޒަހަމުކޮށްލައިފި." މިއީ ފަހަކަށް އައިސް ޚަބަރުތަކުގެ ފަލަ ސުރުޚީތަކުން ވަރަށް އާންމުކޮށް ފެންނަ ޖުމުލަތަކެކެވެ. ދިވެހި ޒުވާނުންނާއި ކުޑަކުދިންގެ އަގުބޮޑު ލޭ މި ޤައުމަށް އޮހޮރުވަމުންދާއިރު، މިކަން ހުއްޓުވޭނެ ގޮތެއް ހޯދުމުގައި ޒިންމާދާރު ވެރިންނަށް ވަނީ ނުކުޅެދިފައެވެ.

މިހާރު ދިވެހިރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެން ހުންނެވި އިބްރާހިމް މުހައްމަދު ޞާލިހު، ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހު ވިދާޅުވީ، ވަކި ފިކުރަކަށް ބެއްލެވުމެއް ނެތި ހުރިހާ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށްދެއްވާނެ ކަމަށެވެ. ނަމަވެސް ފެންނަމުންދަނީ މުޅިން ތަފާތު މަންޒަރެކެވެ. ބިރުގަންނަފަދަ ހަލުވި މިނެއްގައި ގޭންގް މާރާމާރީތައް އާންމުވަމުންދާއިރު، އެމަނިކުފާނުގެ ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންގެ ފަރާތްޕުޅުން މާރާމާރީތަކަށް ހިތްވަރު ލިބޭފަދަ އަމަލުތައް ވަނީ ފެނިގެންގޮސްފައެވެ.

ގިނަ ވައުދުތަކަކާއެކު ދިވެހިރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ރައީސް ޞާލިހު އަވަސްވެގެންނެވީ ޖަލުތަކުގައި ތިބި ކުށްވެރިން ދޫކޮށްލެއްވުމަށެވެ. އެމަނިކުފާނުގެ މި އަމަލުފުޅުން ހިތްވަރު ލިބިވަޑައިގެން، މި ސަރުކާރުގެ އިސް ބޭފުޅުން ވެސް ފެއްޓެވީ މާރާމާރީ ހިންގާ މީހުންނަށް ހިތްވަރު ދިނުމަށެވެ.

އެގޮތުން ރައީސް ޔާމީންގެ ސަރުކާރުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަޤާމު އަދާކުރެއްވި އަހުމަދު ސިއްދީގަށް، އެމްޑީޕީގެ އެކްޓިވިސްޓަކު ދިން ހަމަލާއަށް މި ސަރުކާރުގެ ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފު ވަނީ ތަރުހީބު ދެއްވާފައެވެ. މިހެން މިދެންނެވި ސަބަބަކީ އެ މައްސަލައިގައި ހަމާލާދިން އެމްޑީޕީގެ އެކްޓިވިސްޓު އަލީ ހާޝިމް ހައްޔަރު ކުރުމުން، އޭނާ ދޫކޮށްލުމަށް އަޑުފުލަން ނިކުތް ގްރޫޕުގެ ތެރޭގައި މަހްލޫފު ވެސް އިސްކޮށް ހަރަކާތްތެރިވުމުންނެވެ.

މަޚްލޫފުގެ ފަރާތުން މި ނޫން ވެސް މިފަދަ އެހެން ކަންތައްތައް ވަނީ ފެނިފައެވެ. އެގޮތުން ގޭންގްތަކާ މަޝްވަރާ ކުރުމަށް އެއް މޭޒަކަށް ވަޑައިގަތުމަކީ ވެސް އޭގެ ތެރެއިން ފާހަގަކޮށްލެވޭ ކަމެކެވެ. ނަމަވެސް ސަރުކާރަށް ގޭންގްތަކާ މަޝްވަރާ ނުކުރެވޭނެ ކަމަށާއި އެއީ ޤާނޫނީ ކުށެއް ކަމަށް ވިދާޅުވެ ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވެސް ވަނީ މަޚްލޫފުގެ އެ އަމަލަށް ފާޑުވިދާޅުވެފައެވެ. މަޚްލޫފު އެކަން ކުރެއްވި ނަމަވެސް، އޭގެން ވެސް ރަނގަޅު ނަތީޖާއެއް ނުލިބުނުކަން މިއަދު މުޅި ރާއްޖޭން މިދަނީ ފެންނަމުންނެވެ.

އެންމެ ފަހުން ހިންގި މާރާމާރީތަކަށް ބަލާއިރު، މިދިޔަ ހަފްތާގެ ތެރޭގައި ކާނިވާ ސަރަހައްދުގައި ތޫނު އެއްޗަކުން ހަމަލާދީ ކުޑަކުއްޖަކު ވަނީ ޒަހަމުކޮށްލާފައެވެ. އޭގެ ދެވަރަކަށް ދުވަސް ކުރިން ހުޅުމާލޭގައި ހިންގި މާރާމާރީތަކެއްގައި 18 އަހަރުން ދަށުގެ ދެ ކުދިން ޒަހަމުކޮށްލާފައިވާއިރު، މި މަހުގެ 14 ވަނަ ދުވަހު ހުޅުމާލޭގައި ހިންގި މާރާމާރީތަކެއްގައި އުމުރުން 23 އަހަރުގެ ޒުވާނަކާއި 28 އަހަރުގެ ޒުވާނަކު ވަނީ ޒަހަމުކޮށްލާފައެވެ.

އޭގެ އިތުރުން މި ސަރުކާރަށް މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ޖަލުތަކުގައި ވެސް ވަނީ މިފަދަ ކަންތައްތަކެއް ހިނގާފައެވެ. އެގޮތުން ފުރަތަމަ އިވުނު އަޑަކީ މާފުށީ ޖަލުގައި ޤައިދީއަކަށް އަނިޔާ ކުރުމުން އައީސީޔޫގައި ފަރުވާ ދޭން ފެށި އަޑެވެ. އެމީހާއަށް އަނިޔާ ދިނީ އެހެން ޤައިދީއެއްތޯ ނުވަތަ ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުންތޯ އަދި ވެސް ވަނީ ސާފު ނުވެފައެވެ. އެ ސުވާލަށް ޖަވާބު ނުލިބިގެން އުޅެނިކޮށް މި މަހު ކުރީކޮޅު އަނެއްކާ ވެސް މާފުށީ ޖަލުގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން ހިންގި މާރާމާރީއެއްގައި ދެ ގައިދީއަކު ވަނީ ޒަހަމް ކޮށްލާފައެވެ. އެ މާރާމާރީތަކުގައި ވަޅިއަކާއި ކަޓަރެއް ބޭނުންކޮށްފައިވާއިރު، މިފަދަ ތަކެތި ޖަލަށް ވަންނަ ގޮތް ބެލޭނެ ގޮތެއް ވެސް އަދި ހުއްޓުވޭނެ ގޮތެއް ވެސް ވަނީ ނުވެފައެވެ.

މި ސަރުކާރުން ދިވެހި މަންމައިންގެ ދަރީންނަށް ރައްކާތެރިކަން ޤާއިމު ނުކޮށްދެވޭއިރު، އަދި ބިދޭސީންގެ ހާލަކީ ކޮބައިތޯ؟ މ. މުލީ ފާމަސީއެއްގައި މަސައްކަތްކުރާ ބިދޭސީއަކަށް ޖެނުއަރީ މަހުގެ ކުރީކޮޅު ވަނީ ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލާފައެވެ. މިއީ މި ސަރުކާރުން ތަބާވާ އަވައްޓެރި އިންޑިއާގެ ފާމަސިސްޓެކެވެ. ދިވެހިންގެ އަމިއްލަ ފަސްގަނޑުގައި ދިވެހިންނަށް ރައްކާތެރިކަން ނެތްއިރު، ބިދޭސީންނަށް އޮންނާނީ ވަކި ކޮން ރައްކާތެރިކަމެއް ބާއޭ މިއީ ވެސް އުފެދޭ ސުވާލެކެވެ.

ކޮންމެއަކަސް މި ސަރުކާރަށް މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި މި ފެންނަނީ މާރާމާރީތައް ގިނަވަމުންދާ މަންޒަރެވެ. ތޫނު ހަތިޔާރުތަކުގެ ޝިކާރައަކަށް ކުޑަކުދިން ވެގެންދާއިރު، އެކަން ހުއްޓުވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަދި މިހާތަނަށް ވަނީ ނޭޅިފައެވެ. މި ސަރުކާރުގެ ޒުވާނުންގެ މިނިސްޓަރަށް ފެނުނު އެންމެ ރަނގަޅު ގޮތަކީ ގޭންގްތަކުން ހިންގާ މިފަދަ އަމަލުތައް ހުއްޓުވުމުގެ ބަދަލުގައި ގޭންގްތަކާއެކު މަޝްވަރާ ކުރައްވަންނެވެ. ނުސީދާ ގޮތެއްގައި އެ ވިދާޅުވެވުނީ ގޭންގްތަކަކީ ވެސް އޮންނަން ޖެހޭ އެއްޗެކޭ ބާއޭ މިއީ ވެސް އުފެދޭ ސުވާލެކެވެ.

މަޝްވަރާއަކީ އާންމު ގޮތެއްގައި ދެ ފަރާތަކަށް ވެސް މަންފާތަކެއް ހޯދުމަށް ހިންގާ މުއާމަލާތަކަށް ވުމާއެކު، ގޭންގްތަކާއެކު ކުރި މަޝްވަރާތަކުގައި އެ ގޭންގްތަކަށް އޮތީ ކޮން ފައިދާތަކެއްތޯ ވެސް ސުވާލު އުފެދެއެވެ. ނަމަވެސް އެކަމުން ވެސް ރަނގަޅު ނަތީޖާއެއް ނުނިކުތުމުން ޒުވާނުންގެ މިނިސްޓަރާއި މި ސަރުކާރަށް މިއަދު މިވަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހިފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...