މެޖޯރިޓީ ލިބެން ޖެހޭނީ އެމްޑީޕީއަށް: ރައީސް ސޯލިހު

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވުނީ އެމްޑީޕީގެ ބުރަ މަސައްކަތުން ކަމަށާއި އެ ޕާޓިއަށް މަޖީލީހުގެ މެޖޯރިޓީ ލިބެން ޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ސިޔާސީ ޕާޓީތަކުގެ ލީޑަރުން އޭރު ވެރިކަމުގައި ހުންނެވި ރައީސް ޔާމީންއަށް އިންތިޚާބު ކާމިޔާބު ވިޔަ ނުދިނުމަށް ވަނީ ކޯލިޝަނެއް ހަދާފައެވެ. މިއަދާ ހަމައަށް ކޯލިޝަން އޮތް ނަމަވެސް ދުވަހެއް ދުވަހަކަށް ކޯލިޝަނުގެ ބާރު ދަނީ ކެނޑެމުންނެވެ.

ކޮންމެ ޕާޓީއަކުން ވެސް އަމިއްލަ ބޭނުންތަކެއް ހާސިލު ކުރުމަށް ހެދި ކޯލިޝަނުން އިންތިޚާބު ކާމިޔާބު ކުރައްވައި ވެރިކަމަށް ވަޑައިގެންނެވި ރައީސް ސޯލިހުވެސް މިއަދު ކޯލިޝަންގެ ވާހަކައެއް ނުދައްކަވައެވެ. ކޮންމެއަކަސް ކޯލިޝަނުން ވޯޓު ހޯއްދަވައިގެން ވެރިކަމަށް ވަޑައިގެން ނަމަވެސް އެމަނިކުފާނަކީ އެމްޑީޕީއަށް ނިސްބަތްވާ ބޭފުޅެެކެވެ. އެމަނިކުފާނު ކޯލިޝަނުގެ މައްޗަށް އެމްޑީޕީ އިސްކުރާނެކަމުގެ ހެކިތައް ހުކުރު ދުވަހުގެ ރޭ އެ ޕާޓީގެ ހަރުގޭގެ ކުރިމަތީގައި ބޭއްވި ޖަލްސާއިންވެސް ވަނީ ހާމަވެފައެވެ.

ރައީސް ސޯލިހު އެ ޖަލްސާގައި ވާހަކަދައްކަވަމުން ވިދާޅުވީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށް އެންމެ ބޮޑު ދައުރެއް އަދާ ކުރީ އެމްޑީޕީއިން ކަމަށެވެ. އެމަނިކުފާނު އެ ވިދާޅުވާ ފަދައިން އެމްޑީޕީއިން އެންމެ ބޮޑު ރޯލެއް އަދާކޮށްފައިވާ ނަމަ ދެން ތިބި ޕާޓީތަކުންނާއި ކުރީގެ ރައީސް މައުމޫނަށް ތާއީދު ކުރާ ފަރާތްތަކުން ކުރެއްވީ ކޮންކަމެއްބާއެވެ.

ކޮންމެއަކަސް އެ ޕާޓިތަކުން ކުރެއްވި މަސައްކަތްތަކަކީ ރައީސް ސޯލިހުގެ ކުރިފުޅުމަތީގައި އެހާ ބޮޑު ކަންތައްތަކެއް ނޫންކަން މިވަނީ ހާމަވެފައެވެ. ކޯލިޝަނުގެ ދިފާއުގައި އެންމެ ބުރަކޮށް މަސައްކަތް ކުރައްވާ ޖުމްހޫރީ ޕާޓިގެ ލީޑަރު ގާސިމް އިބްރާހިމް ކުރެއްވި މަސައްކަތްތަކުގެ އެއްވެސް އަގެއް ނެތްކަން ރައީސް ސޯލިހުގެ ވާހަކަފުޅުތަކުން ވަރަށް ރަނގަޅަށް ދޭހަވެއެވެ.

ހުކުރު ދުވަހުގެ ރޭ ބޭއްވި އެއްވުމުގައި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތީޚާބަށް އިޝާރާތް ކުރައްވައި ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރު ދަމަހައްޓަން އެމްޑީޕީއަށް މެޖޯރިޓީ ބޭނުންވާނެ ކަމަށެވެ. މިއިންވެސް އެނގިގެންދަނީ ގާސިމް ކޯލިޝަން ސަރުކާރު ދަމަހައްޓަން މަސައްކަތް ކުރެއްވި ނަމަވެސް އެމަނިކުފާނަށް ރައީސް ސޯލިހު އިތުބާރު ނުކުރައްވާކަމެވެ.

ވެރިކަމުގައި އޮތް ޕާޓިއަކީ އެމްޑީޕީއަށް ވާއިރު އެ ޕާޓިއަށް މަޖިލީހުގެ މެޖޯރިޓީ ލިބެންޖެހޭ ކަމަށް މީގެ ކުރިން މުޙައްމަދު ނަޝިދު ވިދާޅުވި ނަމަވެސް ރައީސް ސޯލިހު އެކަމާއި ގުޅިގެން އެއްވެސް އެއްޗެއް ވިދާޅުވެފައި ނުވެއެވެ. އެހެންނަމަވެސް އެމްޑީޕީގެ ޕްރައިމަރީއަށްފަހު އެމަނިކުފާނުވެސް ދަނީ ނަޝީދު ޖައްސަވާ ބެރަށް ނަޝަމުންނެވެ. މިހާރު އެމްޑީޕީއަށް ކޯލިޝަން މުހިންމު ނޫންކަން އެ ޕާޓިއިން މިދަނީ ދައްކުވައިދެމުންނެވެ.

ޑިމޮކްރަސީގެ ރިވެތި ނަމުނާ ދައްކާކަމަށް ބުނެ ވެފައިވާ ވަޢުދާއި އެއްބަސްވުންތައް އުވާލަމުންނެވެ. މިފަދައިން ކަންތައްތައް ކުރިއަށްދާ ކަމުގައި ވާނަމަ އެމްޑީޕީއިން ކޯލިޝަންގެ ޕާޓީތައް ކޮޅުފައިން ޖަހާ ބޭރުކޮށްލުމަކީ ދުރުގައި ވާކަމެއް ނޫނެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...