ޕްރައިމަރީގައި އެމްޑީޕީގެ ލީޑަރޝިޕުން އެހެން ކެނޑިޑޭޓުންގެ ހައްގު ނިގުޅައިގެންފައިވޭ!

އެމްޑީޕީގެ ލީޑަރޝިޕްގައި ހިމެނޭ ބައެއް މެމްބަރުން. ފޮޓޯ: އަވަސް

އެމްޑީޕީގެ ޕްރައިމަރީ ނިމި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި އެ ޕާޓީގެ ފަރާތުން ވާދަކުރާ ފަރާތްތައް ކަށަވަރުވެފައިވާއިރު އެ ޕްރައިމަރީ އާއި ގުޅިގެން ތަފާތު މައްސަލަތައްދަނީ ފެންމަތިވަމުންނެވެ. އެގޮތުން ޕްރައިމަރީގައި ވާދަކުރައްވާ ބައެއް ކެނޑިޑޭޓުންނަށް އެ ޕާޓީގެ ލީޑަރޝިޕުން ތާޢީދުކޮށް އެފަރާތްތަކަށް ކެމްޕެއިން ކޮށްދިނުމުގެ ޝަކުވާއަކީ އެންމެ ގިނައިން އެ ޕާޓީގެ މެމްބަރުންގެ ފަރާތުން ފެންމަތިވަމުން އަންނަ ޝަކުވާތަކެވެ.

ކޮންމެއަކަސް ޕާޓީގެ އިސް ފަރާތްތަކުން ވަކި ބަޔކަށް ތާޢިދުކޮށް އެ ބަޔަކު ހޯދުމަށް މަސައްކަތް ކުރުމަކީ އެއީ ޑިމޮކްރަސީ ދަންނަ ބަޔަކު ކުރާނެކަމެއް ނޫނެވެ. ޑިމޮކްރަސީގެ ރީތި ނަމޫނާ ދައްކާކަމަށް ބުނަމުން ގެންދާ އެމްޑީޕީގެ ޕްރައިމަރީގައ ވަކި ފަރާތްތަކަށް އެ ޕާޓީގެ ރައީސް މުޙައްމަދު ނަޝީދު ކެމްޕެއިން ކުރެއްވި މަންޒަރުވެސް ވަނީ ފެނިގެން ގޮސްފައެވެ. އެގޮތުން ގަލޮޅު ދެކުނު ދާއިރާއަށް ވާދަ ކުރެއްވި ކެނޑިޑޭޓުންގެ ތެރެއިން އެމަނިކުފާނުގެ އަރިސް އަދި އެމްޑީޕީގެ ޔޫތު ވިންގުގެ ރައީސް މީކާއިލް ނަސީމް އަށް ނަޝީދު ވަނީ ތަޢީދުކުރައްވާފައެވެ.

އަދި ޗެނަލް13 އަށް މަޢުލޫމާތު ދެއްވަމުން ތުޅާދޫ ދާއިރާގެ ރައްޔިތަކު ބުނީ އޭނާއަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ގުޅި ކަމަށާއި އެ ދާއިރާގެ ޕްރައިމަރީގައި ވާދަ ކުރައްވައި ޓިކެޓް ކާމިޔާބު ކުރެއްވި ހިސާން ހުސައިންއަށް ވޯޓު ދެއްވުމަށް އެދުނުކަމަށެވެ. ހިސާންއަކި އެމްޑިޕީގެ ލީގަލް ޓީމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ވަކީލުކަން ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން އެ ޕާޓިގެ ޗެއަރޕާސަން ހަސަން ލަތީފުއަށް ވޯޓު ދިނުމަށްވެސް އެ ޕާޓީގެ އިސްފަރާތްތަކުން ގޮސް މީހުން ކައިރީ އެދުނުކަމަށް މަޢުލޫމާތު ވަނީ ލިބިފައެވެ. ކޮންމެއަކަސް ވަކި ބަޔަކު ހޮވުމަށްޓަކައި ޕާޓިގެ ޕްރައިމަރީގައި ވާދަކުރާ ވަކިބަޔަކަށް ތާޢީދުކުރުމަކީ ޕާޓީގެ ލީޑަރޝިޕުން ކޮށްގެންވާނެ ކަމެއް ނޫނެވެ. ލީޑަރޝިޕުގައި މައްސަލަ ހުރިކަމަށްބުނެ އެކިއެކި އާއްމު މެމްބަރުންގެ ފަރާތުން ޝަކުވާ އިތުރުވަމުން ދާއިރު އެ ޕާޓީގެ ޕްރައިމަރީގައި ވާދަކުރި އެހެން ކެނޑިޑޭޓުންގެ ފަރާތުންވެސް ދަނީ އެފަދަ ޝަކުވާތައް އަޑުއިވެމުނެވެ.

އެގޮތުން އިންތިޚާބުގައި ނާކާމިޔާބީއާއި ކުރިމަތިލައްވަން ޖެހުނު ހިތަދޫ ދެކުނު ދާއިރާމެމްބަރު ނިޒާރު ރާއްޖޭގެ މީޑިއާ އަކަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ އޭނާއަށް ލިބުނު ނާކާމިޔާބީގެ ފަހަތުގައި ތިބީ ލީޑަރޝިޕްގެ މެމްބަރުންކަމަށެވެ. ނިޒާރު ބަލިކޮށް އެ ދައިރާގެ ޓިކެޓް ކާމިޔާބު ކުރީ އިބްރާހިމް ނާޒިލް އެވެ. އޭނާއަކީ އެމްޑިޕީގެ ލީގަލް ޓީމުގެ ޑިރެކްޓަރ ހިސާންގެ ފިރިކަލުންވެސްމެ އެވެ. އެހެންކަމުން ހިސާން ހޮވުމަށް ރައްޔިތުންނަށް ގުޅުއްވި ފަދައިން ހިތަދޫ ދެކުނު ރައްޔިތުންނަށްވެސް ނަޝީދު ގުޅުއްވުމަކީ އެކަށީގެންވާކަމެކެވެ.

ނިޒާރު އެފަދައިން އެމްޑީޕީގެ ލީޑަރޝިޕަށް ފާޑު ވިދާޅުވެފައިވާއިރު އޭނާއަށް ރައްދުދެއްވަމުން އެ ޕާޓީގެ ޗެއަރޕާސަނަކަށް އައްޔަން ކޮށްފައިވާ އިބްރާހިމް ވަހީދު ވިދާޅުވީ އެއީ އެމްޑިޕީގެ ގަވާއިދުން މަނާކުރާ ކަމެއް ނޫންކަމަށެވެ.

ގަވާއިދުން މަނާ ނުކުރި ނަމަވެސް ޕާޓީގެ ފަރާތުން ކުރިމަތިލައްވާ އެހެން ކެނޑީޑޭޓުންނަށް ހަމަހަމަ ފުރުސަތު ދިނުމަކީ ލީޑަރޝިޕުން ކުރަން ޖެހޭކަމަށެވެ. އަދި ލީޑަރޝިޕުން ވަކި މީހަކަށް ވޯޓު ދޭން އެދުމުން ގިނަ ފަހަރު އެހެން ކެނޑިޑޭޓުންގެ ހައްގު ގެއްލެއެވެ. އެއީ ގިނަ ފަހަރު އާއްމު މެމްބަރުން ގަބޫލު ކުރާނީ ލީޑަރޝިޕްގެ ވާހަކަތަކަށް ވުމުންނެވެ.

ކޮންމެއަކަސް އެމްޑީޕީގެ ޗެއަރ ޕާސަން އިބްރާހިމް ވަހީދު އެފަދައިން ވިދާޅުވުމުން އެމްޑީޕީގެ ލީޑަރޝިޕުން ވަކި މީހަކަށް ތާޢީދުކޮށް އެ ޕާޓީގެ ފަރާތުން ޕްރައިމަރީގައި ވާދަކުރި އެހެން ކެނޑިޑޭޓުންގެ ހައްގު ނިގުޅައިގެންފައިވާކަން ވަރަށްސާފުކޮށް ދޭހަވެއެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...