ޒިނޭ ހުއްދަ ކަމަށް ދޭހަވާ ބީދައިން ނަޝީދު ވާހަކަފުޅު ދައްކަވައިފި

ޒިނޭ ކުރުން ހުއްދަ ކަމަށް ދޭހަވާ ފަދަ މޭރުމަކުން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވާހަކަފުޅުދައްކަވައިފިއެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދަކީ ތަފާތު އެކި ތަންތަނުގައި ދީނީ ކަންތައްތަކަށް ފާޑު ކިޔާފައިވާ ބޭފުޅެއް ކަމަށް ދިވެހިން އެއްބަސްވާނެއެވެ. ކީރިތި ޤްރުއާނާއި ހަދީޘްފުޅުތަކުން ފިޔަވައި އެހެން އަލްޓަނޭޓިވް ނެރޭޓިވްއެއް ހޯދަން ޖެހޭނެ ކަމަށް ބުނެ ނަޝީދު ދެއްކެވި ވާހަކަފުޅަކީވެސް ދިވެހިން ހަނދާނުން ނެތޭނެ ވާހަކަތަކެއް ނޫނެވެ.

އަނެއްކާވެސް ނަޝީދު މިވަނީ އެފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ. މިރޭ މާފަންނު ދެކުނު ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރާ ފަރާތްތަކުގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދު މިވަނީ ޒިނޭ ކުރުމަކީ ހުއްދަ ކަމެކޭ ބުނާފަދަ މޭރުމަކުން ވާހަކަފުޅުދައްކަވާފައެވެ.

ނަޝީދު ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވީ ކައިވެނީގެ ބޭރުން ދަރިން ލިބޭ މީހުންނަށް ނުވިހާ އޮޕަރޭޝަން ނުކުރެވުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި ކައިވެނި ނުކޮށް ހުންނަ އަންހެނަކު ނުވިހާ އޮޕަރޭޝަން ކުރަން އެދުމުން އޭނާ މީހަކާ ނީނދެ ހުރުމުން އެ އޮޕަރޭޝަން ކުރުމަށް ހޮސްޕިޓަލުން އިންކާރު ކުރާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. ނަޝީދު ވަނީ އެމަނިކުފާނުގެ ވާހަކަފުޅުގައި އެފަދަ އަންހެން ކުދިންނަށް ނުވިހާ އޮޕަރޭޝަން ކުރުމަށް މަގުފަހި ކޮށްދިނުމުގެ ގޮތުން އެމަނިކުފާނު އެކުދިންނާ ކައިވެނި ކުރާނެ ކަމަށް ބުނެ ޖޯކުވެސް ޖަހާފައެވެ.

ނަޝީދު އިތުރަށް ވިދާޅުވީ ކައިވެނިން ބޭރުން ގުޅުން ހިންގުމުގައި ދިމާވާ މައްސަލައަކީ ކައިވެނިން ބޭރުން ދަރިން ލިބުން ކަމަށާއި އެކަމަށް އޮތް ހަމައެކަނި ހައްލަކީ ނުވިހާ އޮޕަރޭޝަން ކުރުން ކަމަށެވެ. ނަޝީދު އެފަދައިން ވިދާޅުވެފައިވާއިރު ކައިވެނިން ބޭރުން ގުޅުން ހިންގުމަކީ އިސްލާމްދީނުގައި ކަނޑައެލުގެން ހަރާމް ކުރައްވާފައިވާ ކަމެއްކަން އެމަނިކުފާނަށް އެނގިވަޑައި ނުގަންނަވަނީބާ؟ ސައްތައިން ސައްތަ އިސްލާމް ޤައުމެއްގެ ވެރިކަން ކުރައްވާފައިވާ ބޭފުލެއްގެ ފަރާތްޕުޅުން އެފަދަ ވާހަކަތައް އަޑު އިވުމަކީ ޤައުމުގެ ރައްޔިތުން ލަނދު ގަންނަން ޖެހޭފަދަ ކަމެކެވެ.


އިސްލާމްދީނާއި ޤައުމު ރައްކާތެރި ކުރާނެ ކަމަށް ވިދާޅުވެ ރައީސް ސޯލިހު ސަރުކާރާއި ހަވާލުވެވަޑައިގަތް ފަހުން އިސްލާމްދީނަށް ފާޅުގައި ފާޑުވިދާޅުވަމުން ގެންދަވާ މަންޒަރު ގިނަވެފައިވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ބިންމަތީގައި އެންމެ މާތްވެގެންވާ ބިނާ ކަމުގައިވާ މިސްކިތަށް ފާޑު ކިޔުމާއި އިސްލާމްދީނުގައި ހައްދު ކަނޑައަޅާފައިވާ ހުކުމްތަކަށް ފާޅުކަން ބޮޑު ގޮތެއްގައި އިންކާރު ކުރުން ހިމެނެއެވެ.

ރައީސް ސޯލިހު ވެރިކަމަށް ގެނައުމުގައި ތަފާތު ދީނީ ޢިލްމުވެރިން މަސައްކަތް ކުރި އިރު މިއަދު އެ ފަރާތްތަކުންވެސް އެފަދަ ޢަމަލުތައް ކުށްވެރި ނުކުރުމަކީ ދިވެހިން ކަންބޮޑުވާ ކަމެކެވެ. ދީނުގެ އެކި ކަންތައްތަކާއި ގުޅިގެން ޖޯކު ޖައްސަވަމުން ނަޝީދު ގެންދަވާއިރު އެ ކަންތައްތަކަށް ބީރު ކަންފަތެއް ދީގެން ބައެއް ފަރާތްތަކުން ތިބުމަކީ ހިތާމަކުރަން ޖެހޭ ކަމެކެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...