ކުރުދީންގެ މައްސަލަ އާ ގުޅިގެން އެމެރިކާގެ އިންޒާރު އަނެއްކާވެސް ތުރުކީވިލާތަށް

ކުރުދީ ހަނގުރާމަވެރިންގެ މައްސަލަ އާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕްގެ އިންޒާރުތަކެއް އަނެއްކާވެސް ތުރުކީވިލާތުގެ ރައީސް ރަޖަބް ތޮއްޔިބު އުރުދުޣާންއަށް އަނެއްކާވެސް އަމާޒުވެއްޖެއެވެ.

ސޫރިޔާގައި ތިބި އެމެރިކާ ސިފައިން އެގައުމުން ފޭބުމަށް ފަހު ތުރުކީވިލާތުން ކުރުދީ ހަނގުރާމަވެރި ޖަމާޢަތްތަކަށް ހަމަލާތައް ދީފިނަމަ، ރައްދުގައި އެމެރިކާއިން ތުރުކީވިލާތާ ދެކޮޅަށް ވަރުގަދަ އިޤްތިޞާދީ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ދެއްވާފައެވެ. ޓްވީޓެއް މެދުވެރިކޮށް ދެއްވި އެ އިންޒާރުގައި ބުނެފައިވަނީ، އެމެރިކާއިން އެއްބާރުލުންދެމުންދާ ކުރުދީ ހަނގުރާމަވެރިންނަށް ތުރުކީން އެއްވެސް ހަމަލާއެއް ދީފިނަމަ އެމެރިކާއިން އިސްވެ، އިޤްތިޞާދީ ގޮތުން ތުރުކީވިލާތް އިނދަ ޖައްސާލާނެކަމަށެވެ. އެހެންނަމަވެސް މިކަމުގައި އެމެރިކާއިން އަޅާނެ ފިޔަވަޅުތަކެއް ޓްރަމްޕް ބަޔާންކުރައްވާފައެއް ނުވެއެވެ.

ޓްރަމްޕް ވަނީ ކުރުދީ ހަނގުރާމަވެރިން އިސްވެ ތުރުކީވިލާތަށް ޖެއްސުންކުރުމުގެ އެއްވެސް ޢަމަލެއް ހިންގައިގެން ނުވާނެކަމަށް ވެސް ވިދާޅުވެފައެވެ. ޓްރަމްޕް އިތުރަށް ވިދާޅުވީ، ސޫރިޔާގައި ތިބި އެމެރިކާގެ ސިފައިން އެ ޤައުމުން ބޭލިނަމަވެސް ސޫރިޔާގައި އަދިވެސް ހަރަކާތްތެރިވަމުންދާ އައި.އެސް ހަނގުރާމަވެރިންނަށް އެމެރިކާއިން ހަމަލާ ދެމުން ގެންދާނެކަމަށެވެ. ކުރުދީންނަށް ހިމާޔަތްދިނުމަށް ތުރުކީވިލާތަށް އެމެރިކާއިން ގޮވާލާފައިވާ ގޮވާލުންތަކަށް އިޖާބަ ނުދޭނެކަމަށް މީގެ ކުރިންވެސް ތުރުކީން ވަނީ ބުނެފައެވެ. އަދި އެމެރިކާގެ ގައުމީ ސަލާމަތާބެހޭ މުސްތަޝާރު ޖޯން ބޯލްޓަން ތުރުކީވިލާތަށް ކުރެއްވި ދަތުރުފުޅުގައި އޭނާ އަށް ބައްދަލުކުރުމަށްވެސް އުރުދުޣާން ވަނީ އިންކާރުކުރައްވާފައެވެ.

އުރުދުޣާން ބޯލްޓަން އާ ބައްދަލުކުރައްވަން އިންކާރު ކުރެއްވީ އެމެރިކާ، ސޫރިޔާއިން ފައިބާނީ ސޫރިޔާގެ ކުރުދީ ޖަމާއަތްތަކަށް ހަމަލާ ނުދޭނެކަމުގެ ގެރެންޓީ ތުރުކީ ސަރުކާރުން ދިނުމުން ކަމަށް ވިދާޅުވެ ޖޯން ބޯލްޓަން އިސްރާއީލުގައި ދެއްވި ބަޔާނާ ގުޅިގެންނެވެ. އެމެރިކާ އެހީވާ ސޫރިޔާގެ ކުރުދީ ޖަމާއަތްތައް ތުރުކީގެ ކިބައިން ސަލާމަތް ކުރުމުގެ ވާހަކަތައް އެމެރިކާގެ މަސްއޫލުވެރިން ދައްކަވަން ފައްޓަވާފައި ވަނީ އެމެރިކާ ސިފައިން ސޫރިޔާއިން ބޭލުމަށް ޓްރަމްޕް ނިންމެވިފަހުންނެވެ. ސޫރިޔާގެ އުތުރުން އެމެރިކާ ސިފައިން ބޭލުމަށް ޓްރަމްޕް ނިންމެވީވެސް އުދުޣާންގެ ފޯންކޯލަކާ ގުޅިގެން މިދިޔަ ޑިސެމްބަރުމަހުއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...