ވޯލްޑް ފުޑް ޕްރޮގްރާމުން ފަލަސްތީނަށް ދެމުން އައި އެހީ މެދުކަނޑާލައިފި

ފަލަސްތީނުގެ ޣައްޒާއާއި ވެސްޓްބޭންކް ސަރަހައްދުގައި ތިބޭ ކުޑަކުދިންނަށް ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ)އިން ދެމުން އައި އެހީ މެދުކަނޑާލައިފިއެވެ.

ބޭރުގެ މީޑިއާތައް ރިޕޯޓް ކުރާގޮތުގައި އެ އެހީ މެދުކަނޑާލާފައިވަނީ އެ ޖަމިއްޔާއަށް ލިބެމުން އައި ފަންޑު މަދުވުމާއި ގުޅިގެން ކަމަށެވެ.

އެ ޖަމިއްޔާގެ ޑައިރެކްޓަރ ފޯ ޕަލަސްޓީނިއަން ޓެރިޓަރީ ސްޓެފަން ކާރނީ ވިދާޅުވީ ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން އ.ދ އިން ދެމުން އަންނަ އެހީތައް ނުލިބުމުގެ ސަބަބުން ފަލަސްތީނުގެ 27،000 މީހުންނަށް އެ އެހީ ފޯރުކޮށް ނުދެވޭ ކަމަށެވެ. އަދި އެ ޤައުމުގެ 165،000 މީހުންނަށް ލިބެމުންދަނީ އާއްމުންކޮށް ދޭ އެހީގެ 80 އިންސައްތަ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ތެރޭގައި ޣައްޒާއަށް ނިސްބަތްވާ 110،000 މީހުންވެސް ހިމެނެއެވެ.

އެމެރިކާއިން ފަލަސްތީނަށް ދެމުން އައި އެހީތައް މެދު ކަނޑާލުމަކީވެސް އެ ޤައުމުގެ ރައްޔިތުންނަށް ޑަބްލިއު.އެފް.ޕީއިން ދެމުން އައި އެހީ މެދުކަނޑާލަން މެދުވެރިވި ސަބަބެއް ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.

ކާރނީ ވިދާޅުވީ ފަންޑު މަދުވުމުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 19ވަނަ ދުވަހު ފަންޑު ހޯދުމަށް އެ ޖަމިއްޔާއިން އުލާން ކުރިކަމަށާއި ނަމަވެސް ޔޫރަޕިއަން ޔޫނިއަންއާއި ސްވިޑްޒަލޭންޑޫން ދިން އެހީއިން ނުފުދޭ ކަމަށެވެ.

އެމެރިކާއިން ފަލަސްތީނަށް ދެމުން އައި 500 މިލިއަން ޑޮލަރުގެ އެހީ އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މެދުކަނޑަލާފައެވެ. އަދި އެއީ އެ ފައިސާ އެއަށްވުރެ މުހިންމު ކަންތައްތަކުގައި ބޭނުން ކުރެވޭނެތީ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...