ކޯކު ފުޅިއެއް ބައްލަވައިގެން އިންގްލިޝް ޕްރިމިއަރލީގު ބަލާލުމުގެ ފުރުސަތު ހުޅުވާލައިފި

ކޮކާކޯލާ ފުޅީގެ މަތިގަޑުގައިވާ ނަންބަރު އެސްއެމްއެސް ކޮށްގެން އިނގިރޭސި ޕްރިމިއާ ލީގުގެ މެޗެއް ބަލައިލުމަށް ލަންޑަނަށް ދިޔުމުގެ ފުރުސަތު އެ ކުންފުނިން ހުޅުވާލައިފިއެވެ.
ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ޕްރޮމޯޝަން އިފްތިތާހުކޮށްދިނީ ގައުމީ ޓީމްގެ ކުރީގެ ގޯލް ކީޕަރު އިމްރާން މުހައްމަދުއެވެ. ކޮކާ ކޯލާ އިން އެ ޕްރޮމޯޝަން ފެށީ އިންގްލިޝް ޕްރިމިއާ ލީގުގެ ޕާޓްނަރަކަށް ކޮކާ ކޯލާ ވުމާގުޅިގެންކަމަށް އެ ކުންފުނިން ބުނެއެވެ. އަދި އެ ޕްރޮމޯޝަން އަންނަ މާޗް މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެކަމަށްވެސް ކޮކާކޯލާއިން ބުނެއެވެ.
އެ ކުންފުނިން މަޢުލޫމާތު ދޭގޮތުގައި އެ ޕްރޮމޯޝަނުގައި ބައިވެރިވާ ފަރާތްތަކުން ކޯކު ފުޅީގެ މަތިގަނޑުގައިވާ ނަންމަބަރު 2626ކަށް އެސްއެމްއެސް ކުރުުމުން ބައިވެރިވެވޭނެކަމަށެވެ. އަދި މެސެޖް ކޮށްގެން ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ކޮންމެ ހަފްތާއަކު ނަސީބުވެރި ދެ ފަރާތަކަށް ޕްރިމިއާ ލީގުގެ މެޗެއް ބަލައިލުމަށް ލަންޑަނަށް ދިޔުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ.
ކޮކާކޯލާ އިން ބުނީ މެޗު ބަލައިލަން ލަންޑަނަށް ދިޔުމުގެ އިތުރުން ގުރުއަތުން ހޮވޭ 45 ފަރާތަކަށް 45 އެލްއީޑީ ޓީވީވެސް ލިބިގެންދާނެ ކަމަށެވެ. ރޭގެ ހަފްލާގައި ވާހަކަދައްކަވަމުން ކޮކާ ކޯލާ ކުންފުނީގެ ޖެނެރަލް މެނޭޖަރު މިލިންޑް ޑެރަސާރިއާ ވިދާޅުވީ އެ ޕްރޮމޯޝަންގެ ބޭނުމަކީ ގިނަ ދިވެހީންތަކަކަށް އެމީހުންގެ އެންމެ މަގުބޫލު ލީގު ކަމުގައިވާ އިނގިރޭސި ޕްރިމިއާ ލީގު ހަމަ ލޮލަށް ބަލާލުމުގެ ފުރުސަތު ތަނަވަސް ކޮށްދިނުންކަމަށެވެ.
ކޮކާ ކޯލާއިން ފުޓްބޯޅާއިގެ ސަޕޯޓަރުންނަށް އެފަދަ ޕްރޮމޯޝަން ކުރިއަށްގެންދާއިރު ރާއްޖޭގެ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ދިވެހި ފަސްގަނޑަށް ވޯލްޑް ކަޕްގެ އޮރިޖިނަލް ތަށި ގެނެސް ދިވެހީންނަށް އެ ޓުރޮފީއާ އެކު ފޮޓޯ ނެގުމުގެ ފުރުސަތު ހޯދައިދިނީވެސް އެ ކުނފުނިންކަން ފާހަގަކޮށްލެވެއެވެ.
މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.