އިސްލާމީ ޝަރީއަތުގެ ހުކުމަކަށް އިންކާރުކުރާ މީހަކަށް ވޯޓުދޭން ނުޖެހޭނެ: ޝައިޚް ސަމީރު

އައްޝައިޚް އަޙްމަދު ސަމީރު. ފޮޓޯ:ސަން އެމްވީ

އިސްލާމީ ޝަރީއަތުގެ ހުކުމަކަށް އިންކާރުކުރާ މީހަކަށް ވޯޓުދިނުން ހުއްދަވެން ނުވާކަމަށް ޖަމްޢިއްޔަތުއްސަލަފުގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އެކިއެކި ދާއިރާތަކަށް ގިނަ ބަޔަކު ކެމްޕެއިން ފަށާފައިވާ ދަނޑިވަޅެއްގައި ޝައިޚް ސަމީރު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ އިސްލާމީ ޝަރީޢަތުގެ އަސްލަކުން ސާބިތުވާ އެއްވެސް ޙުކުމަކަށް އިންކާރު ކުރާކަން ފާޅުވެފައިވާ މީހަކު އިސްލާމީ ޤައުމެއްގެ ރައްޔިތުންގެ މަޖިލީހަށް ގެނައުމަށް ކެމްޕެއިން ކުރުން ހުއްދަވެގެން ނުވާކަމަށެވެ. ޝައިޚް ސަމީރު އިތުރަށް ވިދާޅުވެފައިވަނީ، ﷲ ގެ ޝަރީޢަތުގެ ޙުކުމަކަށް އިންކާރު ކުރާމީހަކަށް ރައްޔިތުންގެ މަޖިލީހަށް ގެނައުމަށް ކެމްޕެއިން ކުރުމުގެ އިތުރުން އެފަދަ މީހަކަށް ވޯޓު ދިނުންވެސް ހުއްދަވެގެން ނުވާކަމަށާއި ޤާނޫނު އަސާސީ ބުނާގޮތުންވެސް އެފަދަ މީހަކު ރައްޔިތުންގެ މަޖިލީހަށް ޝަރުތު ހަމަވެގެން ނުވާކަމަށް ވެސް ފާހަގަކުރައްވާފައިވެއެވެ.

ޝައިހް ސަމީރުގެ ޓްވީޓްގައި ހިމަނުއްވާފައިވާ ލިޔުމެއްގައި ވަނީ "އިސްލާމްދީނުގެ އަޞްލު" ކަމުގައި ބުނެފައި އެވަނީ ކީރިތި ޤުރުއާނާއި މަތް ރަސޫލާ ޞައްލަﷲ އަލައިހި ވައްސަލަމްގެ ސުންނަތުގައިވާ ކަންކަމުގެ ތެރެއިން އެކަމެއްގެ ޞައްޙަކަމާމެދު ޚިލާފު އުފެދިފައިވާ ނުވާ ޝަރުޢީ އުޞޫލުތަކާއި މުދެއަޞްލުން ދޭހަކޮށްދޭ އުޞޫލުތަކަށެވެ. "އިސްލާމީ ޝަރީޢަތް" ކަމަށް ބުނެފައި އެވަނީ، ކީރީތި ޤުރުއާނާއި، ސުންނަތުގައި ޖިނާއީ، މަދަނީ، އަލްއަހްވާލުއްޝަޚްޞިއްޔާ އާއި މިނޫންވެސް ކަންތައްތަކާ ގުޅިފައިވާ އަހްލުއްސުންނަތި ވަލް ޖަމާޢަތުގެ އިލްމުވެރިން ބުރަވެ ވަޑައިގަންނަވާ ގޮތަށެވެ.

ދީނުގެ އަސްލަކަށް އިންކާރު ކުރާމީހަކަށް ވޯޓު ދިނުން ހުއްދައެއް ނޫން ކަމަށް ޝައިޚް ސަމީރު ވިދާޅުވިއިރު ވަކި މީހެއްގެ ނަން ފާހަގަ ކޮށްފައި ނުވި ނަމަވެސް ފަހަކަށް އައިސް މަޖިލިސް އިންތިޚާބުގައި އެކި ދާއިރާތަކަށް ކުރިމަތިލައްވާނެ ކަމަށް އިއުލާންކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން ސަރުކާރުގެ ކޯލިޝަނަށް ނިސްބަތްވެލައްވާ ބޭފުޅުންގެ ތެރޭގައި އިސްލާމް ދީނުގެ ހުކުމްތަކަށް ފާޅުގައި ފާޑު ވިދާޅުވާ ބޭފުޅުން ތިއްބެވިކަން ވަނީ ފާހަގަވެފައެވެ. އޭގެ ތެރެއިންވެސް އެންމެ ބޮޑަށް ފާހަގަވެގެން ދަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުއެވެ. އެމަނިކުފާނަކީ ފާޅުގައި ދީނުގެ އެކި އެކި ހުކުމްތަކަށް ގޮން ޖައްސަވާ ވާހަކަފުޅު ދައްކަވާފައިވާ ބޭފުޅެކެވެ. އަދި ދީނުގައި މުންކަރާތްތަކުގެ ގޮތުގައި ބަޔާންކުރައްވާފައިވާ ކަންކަން ހުއްދަ ކަންކަމުގެ ގޮތުގައިވެސް އެމަނިކުފާނުވަނީ ސިފަ ކުރައްވާފައެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...