ރިޔާޒުގެ ވާހަކަތަކުން ކިނބިދޫ ދާއިރާގެ ރައްޔިތުން ރުޅިގަދަވެއްޖެ

ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ދެއްވި އިންޓަވިއުގައި ވިދާޅުވި އެއްޗެއްގެ ސަބަބުން އޭނާގެ ދާއިރާގެ ރައްޔިތުން ރުޅިގަދަވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމަށް އެކިއެކި ފަރާތްތަކުން ޝައުގުވެރިކަން ފާޅުކުރަމުންދާ ދަނޑިވަޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވަނީ ތިމަރަފުށި ދާއިރާއަށް ވާދަ ކުރާނެކަމަށް ވިދާޅުވެފައެވެ. އަދި އެކަމާއި ގުޅިގެން ރާއްޖޭގެ މީޑިއާއަކަށް ދެއްވި ބަސްދީގަތުމެއްގައި ރިޔާޒު ވިދާޅުވީ އެންމެ ފަހުން ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައިވެސް އޭނާ ކުރިމަތިލާން ބޭނުންވީ ތިމަރަފުށި ދާއިރާއަށްކަމަށެވެ.

އެހެންނަމަވެސް އޭނާ އެއްބަޑު އެއްބަފާ ބޭބެއެއް ކަމުގައި ދެކޭ ބޭފުޅެއް ކަމަށްވާ އިލެކްޝަންސް ކޮމިޝަނުގެ މިހާރުގެ ރައީސް އަހުމަދު ޝަރީފު އެ ދާއިރާއަށް ކުރިމަތިލެއްވުމުން އޭނާ އެ ދާއިރާއަށް ކުރިމަތިލާން ނުނިންމެވީކަމަށެވެ. އަދި ޝަރީފުއާއި ވާދަ ކުރަން ޖެހުމުން ކިނބިދޫ ދާއިރާ ޚިޔާރު ކުރެއްވި ކަމަށްވެސް ރިޔާޒު ވިދާޅުވިއެވެ.

ރިޔާޒް އިތުރަށް ވިދާޅުވި އޭނާ އަބަދުވެސް ތިމަރަފުށި ދާއިރާއަށާއި އަދި ހާއްސަކޮށް އެ ދާއިރާގެ ވޭމަންޑޫއަށް ޚިދުމަތް ކުރަން ބޭނުންވެލެއްވި ކަމަށެވެ. ކޮންމެއަކަސް އޭނާގެ އެ ވާހަތަކާމެދު އޭނާގެ ދާއިރާގެ ރައްޔިތުން މިވަނީ ކަންބޮޑުވުން ފާޅުކުރަން ފަށާފައެވެ. އެގޮތުން އެ ދާއިރާގެ ރައްޔިތުން ވަނީ ރިޔާޒު އެފަދައިން ވިދާޅުވާއިރު އޭނާ ކިނބިދޫ ދާއިރާއަށް ކަންތައް ކޮށް ނުދެއްވީ އެ ސަބަބާ ހުރެތޯ ސުވާލު އުފައްދަވާފައެވެ. އަދި އޭނާގެ ދައުރުގައި އެ ދާއިރާއަށް ކަންތައް ކޮށް ނުދެއްވީ ވޭމަންޑޫ އެ ދާއިރާގައި ނުހިމެނޭތީތޯވެސް އެ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ސަބަބަކާ ހުރެ ފުރަތަމަ ކުރިމަތިލާން ނިންމި ދާއިރާ ބަދަލުވުމަކީ އެކަށީގެންވާކަމެކެވެ. އެހެންނަމަވެސް ވަކި ރަށަކަށް ޚިދުމަތް ކުރުމުގެ ނިޔަތުގައި އަމިއްލަ ދާއިރާ މަތިން ހަދާން ނެތުމަކީ އެއްވެސް މެމްބަރަކު ކޮށްގެން ވާނޭ ކަމެއްނޫނެވެ.

18ވަނަ ރައްޔިތުންގެ މަޖިލީހުގައި ތިބި މެމްބަރުންގެ ތެރެއިން އެ ބޭފުޅުން ނިސްބަތްވާ ދާއިރާތަކަށް ނޫން އެހެން ދާއިރާތަކަށް ކުރިމަތިލައްވައިގެން ހޮވިފައި ތިބި މެމްބަރުންވެސް އެބަތިބިއެވެ. އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުގައި ތަމްސީލު ކުރާ ދާއިރާއަށް ޚިދުމަތް ކުރުމުގައި އެ ފަރާތްތަކުން ދަނީ އަވަދިނެތި މަސައްކަތްތައް ކުރަމުންނެވެ. އެހެންނަމަވެސް ޕާޓީއާއި އަމިއްލަ މަންފާއަށް ކޯލިޝަން މެމްބަރުން މަޖިލިސް ބޯއިކޮޓް ކުރަމުން ގެންދެވިއިރު ދާއިރާގެ ރައްޔިތުން މަތިން ވިސްނާލީ ކިހާވަރަކަށްބާއެވެ.

ރިޔާޒު ތިމަރަފުށިގެ ގޮނޑި ކާމިޔާބު ކުރުމަށް އެ ދާއިރާގެ ރައްޔިތުންނަށް ޚިދުމަތް ކޮށްދޭނެކަމަށް ބުނަމުން ގެންދަވާއިރު މިހާރު ތަމްސީލު ކުރައްވާ ދާއިރާގެ ރައްޔިތުންނާއ ދޭތެރޭ ނުވިސްނެވީ ކީއްވެތޯއެވެ. ދާއިރާގެ ރައްޔިތުން ބުނާ ފަދައިން އެ ދާއިރާގައި ވޭމަންޑޫ ނުހިމެނޭތީ ތޯއެވެ.

ތިމަރަފުށި ދާއިރާއަށް ރިޔާޒު ކުރިމަތިލައްވާނެކަމަށް އިއުލާންކޮށްފައިވާ އިރު މިހާރުވެސް އެ ދާއިރާގެ މެމްބަރުކަން ކުރައްވަމުންގެންދަވާ މުޙައްމަދު މުސްތަފާވެސް ވަނީ އެ ދާއިރާއަށް ކުރިމަތިލައްވާނެކަމަށް އިއުލާންކޮށްފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...