އަސާސީ ޚިދުމަތްތަކުންވެސް ރައްޔިތުން މަހްރޫމްވެފައި

އިބްރާހިމް މުހައްމަދު ޞޯލިހު ވެރިކަމަށް ވަޑައިގެންނެވީ ރައްޔިތުންނަށް ބޭނުންވެފައިވާ އަޞާޞީ ޚިދުމަތްތައް ޒަމާނީ ފެންވަރަށްް އަތްފޯރާ ފަަށަށް ގެނެސް ދެއްވާނެ ކަމަށް ވިދާޅުވަމުންނެވެ. ނަމަވެސް މިއަދު ފެނިގެން މިދަނީ ރައްޔިތުންނަށް ބޭނުންވާ އެންމެ މުހިއްމު އެއް އަޞާޞީ ޚިދުމަތް ކަމަށްވާ ޞީއްހީ ޚިދުމަތުން ރައްޔިތުން މަހްރޫމްވަމުންދާ މަންޒަރެވެ.

ޞިއްޙީ ފަރުވާ އަކީ ކޮންމެ މީހަކުވެސް ބޭނުންވާ އަސާސީ ޚިދުމަތެކެވެ. ބޮޑުބައްޔެއްގައި އުޅެން ދިމާވުމުން އެބަލީގެ ސަބަބުން ލިބޭ ގެއްލުމުގެ އިތުރުން އެބައްޔަކަށް ފަރުވާ ހޯދާނެ ގޮތަކާއިމެދު ކަންބޮޑުވެއެވެ. މި ފިކުރުތަކާއި ކަންބޮޑުވުންތައް ބަލިމީހާގެ ޢާއިލާވެސް ތަޙައްމަލް ކުރަންޖެހެއެވެ. ހުސްނުވާ އާސަންދައަކީ، ވަކި ގޮތަކަށް ފަރުމާ ކުރެވި ބައްޓަން ކުރެވި، ކޮންމެ ދިވެހި ރައްޔިތަކު ބޭސްފަރުވާ ކުރަންޖެހިއްޖެ ޙާލަތެއްގައި، ދިވެހިންގެ ޞިއްޙީ ފަރުވާގެ ޚަރަދުތައް ހަމަޖައްސައިދިނުމަށްޓަކައި އެކުލަވާލެވިފައިވާ ހެލްތް އިންޝުއަރެންސް ސްކީމެކެވެ. ނަމަވެސް ރޭގެ ވަގުތެއްގައި އާސަންދައިގެ ޚިދުމަތަށް ވަނީ ބުރޫ އަރާފައެވެ.

އާސަންދައިގެ ޚިދުމަތް މެދުކެނޑުނުކަން އާންމު ރައްޔިތުންނަށް އެނގިގެން ދިޔައީ ވެސް ޑޮކްޓަރަށް ދައްކަން ދިޔަ ރައްޔިތުންގެ ފަރާތުންނެވެ. ރޭގެ ވަގުތެއްގައި ސަރުކާރުގެ މައި ހޮސްޕިޓަލް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް އައިޖީއެމްއެޗަށް ޚިދުމަތް ހޯދަން ދިޔަ އާންމު ރައްޔިތަކު ޗެނެލް 13 އަށް މައުލޫމާތު ދެމުން ބުނީ ރޭގެ ވަގުތެއްގައި އޭނާގެ އަނބިމީހާ ސްޕެޝަލިސްޓް ދެ ޑޮކްޓަރުންނަށް ދެއްކުމަށް މެމޯ ހައްދަން ދިޔުމުން އާސަަންދައިގެ ޚިދުމަތް މެދުކެނޑިފައިވާ ކަމަށާ އަދި އަގުކުރުމަށް ފަހު މެނުވީ ޚިދުމަތް ނުދެއްވޭނެ ކަމަށް ކައުންޓަރުން އެންގި ކަމަށެވެ. އަދި ކޮންމެ ޑޮކްޓަރަކަށް ވެސް ދެއްކޭނީ 200 ރުފިޔާއަށް ކަމަށް ހޮސްޕިޓަލުން އެންގި ކަމަށާއި، އޭނާގެ އަނބިމީހާ އަތުން 400 ރުފިޔާ ޚަރަދުވި ކަމަށް ވެސް އޭނާ ބުންޏެވެ.

އެކަމާ ގުޅިގެން ޗެނެލް 13 އިން އައިޖީއެމްއެޗްގެ މީޑީޔާ އޮފިޝަލަށް ގުޅާލުމުން ވިދާޅުވީ، އާސަންދަ ޕޯޓަލް ޑައުންވެ ޚިދުމަތް ދިނުމުގައި ބުރޫތަކެއް އަރާފައިވާ ކަމަށާ މިއަދު ހެނދުނާ ހަމައަށް ޚިދުމަތް ދެމުން ގެންދިޔައީ ރައްޔިތުން އަތުން ފައިސާ ނަގައިގެން ކަމަށެވެ. ނަމަވެސް ހެނދުނުން ފެށިގެން މެނުއަލްކޮށް ޚިދުމަތްތަކުގެ ރެކޯޑްތައް ބަލަހައްޓަމުން އާސަންދައިގެ ޚިދުމަތް ދެމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ. ރާއްޖޭގެ ހުރިހާ ހޮސްޕިޓަލްތަކުންނާ ބައެއްް ކްލިނިކްތަކުން އާސަންދައިގެ ޚިދުމަތް ލިބޭނެ ގޮތް ހަމަޖެހިފައިވާއިރު ރެއިން ފެށިގެން މިއަދުގެ މެންދުރު ކުރި 11 ޖެހުމާ ހަމައަށް އެ ހުރިހާ ތަނަކުންވެސް ޚިދުމަތް ދެމުން ގެންދިޔައީ އާންމުން އަތުން އަގު ނަގައިގެން ކަން ފާހަގަކޮށްލަން ޖެހެއެވެ. އެގޮތުން ޕްރައިވެޓް ހޮސްޕިޓަލްތަކާ ކްލިނިކްތަކުން ޞިއްހީ ޚިދުމަތް ލިބިގަތް ފަރާތްތަކުންވަނީ އެ ޚިދުމަތް ލިބިގަތުމަށް އަމިއްލަ ޖީބުން ބޮޑު ޚަރަދުތަކެއް ކުރައްވާފައެވެ.

އާސަންދަ ކުންފުނިން ވިދާޅުވަނީ އާސަންދަ ޕޯޓަލްއަށް ދިމާވި މައްސަލަ މިހާރު ހައްލުކުރެވި އެ ޚިދުމަތް ރައްޔިތުންނަށް މިހާރު ލިބެމުންދާނެ ކަމަށެވެ. އަދި އާސަންދަ ޚިދުމަތް މިހާރު ލިބެން ފަށާފައިވާ ވީ ނަމަވެސް ޚިދުމަތް ލިބިގަތުމުގައި ދިމާވި ދަތިތަކަށް އެ ކުންފުނީގެ ފަރާތުން އެންމެހާ ރައްޔިތުންގެ ކިބައިން މަޢާފަށް އެދިފައިވެއެވެ. އާސަންދަ ކުންފުނިން ރައްޔިތުންގެ ކިބައިން މަޢާފަށް އެދިފައިވީ ނަމަވެސް ޚިދުމަތް ދިނުމަށް ރައްޔިތުން އަތުން ނެގި ފައިސާ ރައްޔިތުންނަށް އަނބުރާ ލިބޭނެ ތޯ ނުވަތަ ނުލިބޭނެތޯ އަދި ވަނީ ސާފުވާގޮތް ނުވެފައެވެ.

ރައްޔިތުނަށް ހެޔޮ ވެރިކަމެއްކޮށްދެއްވާނެ ކަމަށް ވިދާޅުވެ އައި ސަރުކާރުގެ ފަރާތުން ފެނިގެން މިދަނީ ރައްޔިތުން ކަންކަމުން މަހްރޫމް ކުރަމުންދާ މަންޒަރެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...