މާލެއާއި އަތޮޅުތެރޭގެ ފަރަގު މި ސަރުކާރަށް ނައްތާލެވޭނެބާ؟

ސިނަމާލެ ބްރިޖް ހުރަސްކޮށް ހުޅުމާލެއަށް ދަތުރުކުރަމުންދާ ބަހެއް: ފޮޓޯ މިހާރު

ރައްޔިތުންނަށް އެތައް ވަޢުދުތަކެއްވުމަށް ފަހު ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގެތް އިބްރާހިމް މުޙައްމަދު ސޯލިހަށް އެ ވަޢުދުތައް ފުއްދުމުގައި ނުކުޅެދެމުން އަންނަކަމީ އެންމެންވެސް ޤަބޫލުކުރާ ހަގީގަތެކެވެ.

އޭގެ ތެރެއިން އެއް ވަޢުދަކީ ރާއްޖޭގެ ހުރިހާ އެންމެންނަކީ ހަމަހަމަ ބަޔަކަށް ހަދައި މާލެ މީހުންނާއި އަތޮޅުތެރޭގެ މީހުންގެ ފަރަގު ނައްތާލާނެކަމަށް ބުނެ ވެވަޑައިގެންނެވި ވަޢުދެވެ. އެހެންނަމަވެސް މިހާތަނަށް އެ ވަޢުދު ފުއްދެވުމުގައި ރައީސް ސޯލިހު އެއްވެސް މަސައްކަތެއް ކޮށްފައިނުވެއެވެ. ފެނިގެންދަނީ އެ ފަރަގު ދުވަހެއް ދުވަހަކަށް ބޮޑުވަމުންދާ މަންޒަރެވެ. އެގޮތުން ދާދީ ފަހުން މާލެއާއި ހުލުމާލެއާއި ދެމެދު ކުރާ ބަސް ދަތުރުތަކުގެ އަގުތައް އިއުލާން ކުރުމުން އެކަން ވަރަށް ބޮޑަށް ހާމަވެގެން ދިޔައެވެ.

ރައީސް ސޯލިހުގެ ސަރުކާރުން ބުނަމުން ގެންދަނީ ބަސްދަތުރުތަކަށް ލާރި ނެގި ނަމަވެސް ސްކޫލް ޔުނިފޯރމުގައި ތިބޭ ކުދިންނާއި ސްކޫލުތަކަށް ދާ ދަރިވަރުންގެ އަތުން އެއްވެސް އެއްޗެއް ނުނަގާނެކަމަށެވެ. ވަރަށްވެސް ރަނގަޅު ނިންމުމެކެވެ. އެހެންނަމަވެސް ދެން އުފެދޭ ސުވާލަކީ ހަމައެކަނި އެ ކުދިންގެ އަތުން ލާރި ނުނެގުމަކީ އެއީ ހަމަހަމަ ކުރުންތޯއެވެ.

ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ސިޓީގައިވެސް ބަހުގެ ޚިދުތް ދެމުން ގެންދެއެވެ. އެ ސިޓީގެ ސްކުލްތަކުގެ ދަރިވަރުންވެސް ސްކޫލަށް ދިޔުމުގައި ބޭނުންކުރަނީ ބަހުގެ ހިދުމަތެވެ. ނަމަވެސް އެކުދިންގެ އަތުން ސްކޫލް ބަހުގެ ފީގެ ގޮތުގައި ކޮންމެ މަހަކު 300 ރުފިޔާ ނަގައެވެ.

ޗެނަލް13 އަށް މަޢުލޫމަތު ދެއްވަމުން އެ ސިޓީގެ ރައްޔިތަކު ބުނީ އޭނާގެ ދަރިފުޅު ސްކޫލަށް ދިއުމަށް ބަސް ދަތުރުތަކަށް މަހެއްގެ މައްޗަށް 300 ރުފިޔާ ޚަރަދުވާކަމަށާއި މާލެއާއި ހުޅުމާލޭގެ ދަރިވަރުންނަށް ހިލޭ ބަސްދަތުރު ކުރެވޭ އިރު އޭނާގެ ދަރިންނަށް ހިލޭ އެ ދަތުރު ނުކުރެވެންވީ ސަބަބެއްނޭގޭ ކަމަށެވެ. ކޮންމެއަކަސް މާލެ މީހާއާއި އަތޮޅުތެރޭގެ މިހާގެ ފަރަގު ވަރަށްވެސް ރަނގަޅަށް ފެނިގެން ހިނގައްޖެއެވެ.

އައްޑޫ ސިޓީގެ ރައްޔިތުންގެ ބޮޑު ތާޢީދެއް ރައީސް ސޯލިހުއަށް ލިބުނު އިރު އެމަނިކުފާނުގެ ސަރުކާރުން އަދި މިހާތަނަށް އައްޑޫ ސިޓީއަށް އެއްވެސް ކަމެއް ކޯށްދީފައި ނުވާކަންވެސް އެ ސިޓީގެ ރައްޔިތުން ދަނީ ފާހަގަކުރަމުންނެވެ.

މީހުންގެ ލޮލުގައި އަނދުން އަޅުވައި މާލެއާއި ހުޅުމާލެ ދެމެދުގައި ބަސްދަތުރު ކުރާ ސްކޫލް ކުދިންގެ އަތުން ލާރި ނުނެގުމަށް ނިންމުމުން ރައްޔިތުންގެ ރުހުން ލިބުނީތޯއެވެ. ހިދުމަތްތައް ބޭނުންވެފަ ތިބި ރައްޔިތުން ދިރިއުޅެނީ ހަމައެކަނި މި ސަރަހައްދުގައިތޯއެވެ. އަތޮޅު ތެރޭގައި ދިރިއުޅޭ ކުދިންގެ ޙައްގުތައް ނިގުޅައިގަންނަން ސަރުކާރުން މަސައްކަތް ކުރަނީތޯއެވެ.

ނާސްތާގެ ޕްރޮގްރާމުންވެސް އެ ފަރަގު ވަރަށް ބޮޑަށް ފެންގެންދިޔައެވެ. ޕައިލެޓް ޕްލޭނެއްކަމަށް ބުނެ ސްކޫލުތަކެއް ހިމެނި އިރު އެތަނުން ގިނައީ މާލޭގެ ސްކޫލްތަކެވެ. އަތޮޅުތަކުގެ ސްކޫލްތަކުގެ ތެރެއިން ހިމެނިފައިވަނީ މަދު ސްކޫލްތަކެއްކަން ފާހަގަކޮށްލެވެއެވެ. މި ސަރުކާރުން މާލެއާއި އަތޮޅުތެރޭގެ ފަރަގު ނައްތާލަނީ މިގޮތައްބާވައެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...