ރައީސް ޔާމީނަކީ ތަރައްޤީގެ ބާނީކަން ނަޝީދުވެސް ޤަބޫލުފުޅުކުރައްވައިފި

2018ވަނަ އަހަރު އޭރު އިދިކޮޅުގައި ތިބި ފަރާތްތަކުން ސަރުކާރު ބަދަލު ކުރުމަށް ގޮވާލަމުން ދިޔައީ އޭރު ވެރިކަމުގައި ހުންނެވި އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ރާއްޖެ ތަރައްޤި ކުރާ ގޮތާއި މެދު ހިތްހަމަނުޖެހިގެންނެވެ. އެމަނިކުފާރު ކުރައްވާ ކަންތައްތަކަކީ ރައްޔިތުންގެ ލާބަޔާއި މަންފާއަށް ކުރާކަންތައްތައް ނޫންކަމަށް އެ ފަރާތްތަކުން އޭރު ދިޔައީ ބުނަމުންނެވެ.

ރާއްޖޭގެ ރަށްތައް ތަރައްޤީ ކުރުމުގެ ފުރިހަމަ ވިސްނުން ގެންގުޅުއްވައި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ފަތުރުވެރިކަމުގެ ސިނާޢަތުން މަންފާ ލިބޭނެ ގޮތް ހެއްދެވުމުގެ ޕްލޭންތައް ރައީސް ޔާމީން ހެއްދެވިއެވެ. އެމަނިކުފާނަކީ ތަރައްޤީގެ ބާނީއެއްކަމަށް އެތައް ބަޔަކު ބުނަމުން ގެންދެވި ނަމަވެސް އެ ތަރައްޤީއަކީ މަންފާ ކުރާނެ ތަރައްޤީއެއް ނޫންކަމަށް އޭރު އިދިކޮޅުގައި ތިބި ފަރާތްތަކުން ދިޔައީ ބުނަމުންނެވެ. އަދި ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވައި ރައްޔިތުންނަށް ޖަޒީރާ ރާއްޖެއެއް ގެނެސް ދެއްވާނެ ކަމުގެ ވަޢުދު ވެވަޑައިގެން އެ އަހަރުގެ ރިޔާސީ އިންތިޚާބު އެ ފަރާތްތަކުން ކާމިޔާބު ކުރި އެވެ.

އެހެންނަމަވެސް ވެރިކަމުގައި ދެމަސް ނުވަނީ އޭރު ރައީސް ޔާމީންގެ ތަރައްޤީއަށް ނޫނެކޭ ބުނި ބޭފުޅުންގެ ރާގު ބަދަލު ވާންފަށައިފިއެވެ. އެމަނިކުފާނުގެ ތަރައްޤީއަކީ މި ޤައުމަށް މުހިންމު ތަރައްޤީއެއްކަމަށް މިއަދު އެ ފަރާތްތަކުންވެސް މިވަނީ ޤަބޫލުކުރަން ފަށާފައެވެ. އެކަންތައް ކޯލިޝަނުގެ މައި ޕާޓީ އެމްޑިޕީގެ ރައީސް މުޙައްމަދު ނަޝީދުގެ ވާހަކަތަކުން ވަރަށް ފުރިހަމައަށް ހާމަވެގެންދެއެވެ.

ދާއިރާތަކުގެ ރައްޔިތުން، އެ ދާއިރާތަކަށް މެމްބަރަކު ކަނޑައަޅާނީ ވަރަށްވެސް ވިސްނުމާއެކު އެ ބަޔަކަށް ޚިދުމަތްކޮށްދޭނެ މީހެއްކަން ދެނެގަނެ ރައީސް ޔާމީންގެ ޕާޓީ ޕީޕީއެމުން މީގެ ކުރިން އެންޓި ޑިފެކްޝަން ގާނޫނެއް އެކުލަވާލިއެވެ. އެ ގާނޫނަކީ އޮންނަން ޖެހޭ ޤާނޫނެއް ނޫންކަމަށް ބުނެ ނަޝީދު ވަނީ ތަފާތު އެކި ޕޯޑިއަމްތަކުގައި ވާހަކަފުޅުވެސް ދައްކަވާފައެވެ. އަދި އެމަނިކުފާނުގެ އެންމެ ގާތް އެކުވެރިޔާ ވެރިކަމަށް ވަޑައިގަތުމާއެކު އެ ޤާނޫނުވެސް އުވާލިއެވެ. އެހެންނަމަވެސް ގިނަ ދުވަސްތަކެއް ނުވަނީސް ނަޝީދު ވަނީ އަނެއްކާވެސް އެ ޤާނޫނަކީ މުހިންމު އެއްޗެއް ކަމަށް ވިދާޅުވެފައެވެ.

ދެން އޮތީ ރާއްޖޭގެ ވައިގެ ބަނދަރުގެ ވާހަކަތައް. އިންތިޚާބުގެ ދުވަސްވަރު ނަޝީދު ވިދާޅުވަމުން ގެންދެވީ ރައީސް ޔާމީން ޑޮމެސްޓިކް އެއަރޕޯޓްތައް ތަރައްޤީ ކުރެއްވުމަށް ނިންމަވާފައިވާ ނިންމެވުމަކީ އެއީ ދައުލަތުން ކުރާ ބޭކާރު ޚަރަދުތަކެއްކަމަށެވެ. އަދި އެއަރޕޯޓްތަކުގެ ބަދަލުގައި ފެރީ ދަތުރުގެ ނިޒާމުން ރާއްޖެ ގުޅާލުމަށްވެސް އެމަނިކުފނު ދިޔައީ ގޮވާލައްވަމުންނެވެ. އެެހެންނަމަވެސް މިހާރު ވިދާޅުވަނީ އެއަރޕޯޓުގެ މުހިންމުކަމުގެ ވާހަކައެވެ. އެއަރޕޯޓުތަކުގެ ސަބަބުން ފަތުރުވެރިކަން ކުރިއަރައިދާ ވާހަކައެވެ.

ދެން އޮތީ މާލެއާއި މާލެ ކައިރީގެ ރަށްތަށް ގުޅާލާ ވާހަކައެވެ. އެފަދައިން ރައީސް ޔާމީން ވިދާޅުވުމުންވެސް އޭރު އިދިކޮޅުގައި ތިބި މީހުން ދިޔައީ އެކަމާއި ނުރުހުން ފާޅުކުރަމުންނެވެ. މިހާރު އެ ޚިޔާލަކީވެސް އެންމެ ފުރިހަމަ ޚިޔާލުކަމަށް އެފަރާތްތަކުން މިވަނީ އެއްބަސްވެފައެވެ. ނަޝީދު މިހާރު ބުނަމުން ގެންދަނީ މާލެއާއި ކައިރި ރަށްތައް ގުޅާލަން ޖެހޭނެކަމަށެވެ.

ބޯހިޔާވަހިކަމާއި ގުޅޭ ގޮތުންވެސް ނަޝީދުގެ ބަސްމަގު އަނެއްކާވެސް މިވަނީ ބަދަލުވެފައެވެ. ކުރިން ގޯސްވި ހުރިހާ ކަމެއް މިއަދު ރަނގަޅުވީ ކީއްވެބާއެވެ. އެކަންތައްތަކަކީ ރައީސް ޔާމީން ކުރެއްވި ކަންތައްތަކާއި އެމަނިކުފާނުގެ ޚިޔާލުތަކަށް ވުމުން އެބައި މީހުންނަށް އެ ކަންތައްތައް ހަޖަމު ނުކުރެވުނީބާއެވެ.

ކޮންމެއަކަސް ނަޝީދު މިހާރު ޕޯޑިއަމްތަކުގައ ދައްކާ ވާހަކަތަކަން ދޭހަވަނީ ރައީސް ޔާމީން އަށް ދެވަނަ ދައުރެއް ނުދެއްވީ ޒާތީ ވެގެން ކަމެވެ. ނަޝީދުމެން ފަދަ ބޭފުޅުންގެ ވާހަކަތައް ކޮށްމެ ގޮތަކަށް ހުއްޓަސް ރާއްޖޭގެ ރައްޔިތުން ގަބޫލުކުރާ ހަގީގަތަކީ މި ރާއްޖެ ތަރައްޤި ކުރެއްވި ޙަގީގީ ބާނީއަކީ ރައީސް ޔާމީން ކަމެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...