ޚަޝޯޤީގެ މައްސަލައިގައި، އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ ފާޑުކިޔުންތައް އެ ޤައުމުގެ ސަރުކާރަށް!

ތުރުކީގެ އިސްތަންބޫލުގައި ހުންނަ ސައުދީ ކޮންސިއުލޭޓު ތެރޭގައި އަނިޔާވެރިގޮތަަކަށް މަރާލި ސައުދީ ނޫސްވެރިޔާ ޖަމާލް ޚަޝޯޤީގެ މައްސަލައިގައި ސައުދީ ޢަރަބިއްޔާ ޖަވާބުދާރީ ކުރުވުމަށް، އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުން އެ ޤައުމުގެ ސަރުކާރަށް ގޮވާލައިފިއެވެ.

މިނިވަން ނޫސްވެރިކަން ފާހަގަކުރުމަށް އެމެރިކާގެ ވޮޝިންގްޓަންގައި ބޭއްވި ހަފްލާއެއްގައި ވާހަކަދައްކަވަމުން ޤާނޫނު ހަދާ މަޖިލީހުގައި ހިމެނޭ ސަރުކާރަށް ނިސްބަތްވާ ރިޕަބްލިކަން ޕާޓީގެ މެމްބަރުންނާ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ މެމްބަރުންވެސް ވިދާޅުވެފައިވަނީ، ސައުދީ ނޫސްވެރިޔާ މަރާލި މައްސަލައިގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން މިހާތަނަށް އެކަށިގެންވާ ފިޔަވަޅެއް އަޅާފައި ނުވާކަމަށާއި އެ ކަމާ ހިތްހަމަނުޖެހޭ ކަމަށެވެ. އަދި އެ ފަދަ މައްސަލައެއްގައި ފިޔަވަޅެއް އެޅުމުގެ ކުރިން ސައުދީއާއެކު އޮންނަ އިޤްތިޞާދީ ގުޅުންތަކާއި ވިޔަފާރީގެ ގުޅުންތަކަށް ބަލައިގެން ނުވާނެ ކަމަށްވެސް ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ވަނީ ވިދާޅުވެފައެވެ.

ޑިސެމްބަރު މަހު އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ މަތިގެ ސެނެޓުން ވަނީ ޚާޝޯގީ މަރާލި މައްސަލައިގައި ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާނީ ސައުދީ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ކަމަށް ބުނާ ޤަރާރެއް ފާސްކޮށްފައެވެ. އޭގެ އިތުރުން ޚަޝޯގީ މަރާލިތާ 100 ދުވަސް ވެެގެން ދިޔައިރުވެސް އިންސާފު ލިބިފައިނުވުމުން އެ ހާދިސާގައި ބައިނަލްއަޤްވާމީ ތަހުގީގެއް ކުރަން ޖެހޭ ކަމަށް އިންސާނީ ހާއްގުތަަކަށް މަސައްކަތްކުރާ، އެމްނެސްޓީ އިންޓަރނޭޝަނަލްއިން މިދިޔަ އަންގާރަ ދުވަހު ވަނީ ގޮވާލާފައެވެ. ޚަޝޯގީ މަރާލާފައިވަނީ މީގެ ތިންމަސްކުރިން، އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓްގެ ތެރޭގައެވެ.

ފާއިތުވި އޮކްޓޫބަރު މަހުގެ 2 ވަނަ ދުވަހު އޭނާ ސައުދީ ކޮންސިއުލޭޓަށް ވަދެފައިވަނީ އެނާގެ ކައިވެންޏާއި ގުޅޭ ލިޔެކިއުންތަކެއް ހޯދުމަށެވެ. ކޮންސިއުލޭޓަށް ވަދެ މާގިނަ އިރުތަކެއް ނުވަނީސް މަރާލުމަށްފަހު އޭނާގެ ހަށިގަނޑުގެ ގުނަވަންތައް ވަނީ ވަކިކޮށްފައެވެ. އަދި މިއަދާ ހަމަޔަށްވެސް އޭނާގެ ހަށިގަނޑު ފެނިފައިނުވާކަން ފާހަގަކޮށްލެވެއެވެ. ޚަޝޯގީގެ މަރާއި ގުޅިގެން ތުރުކީން ބުނެފައިވަނީ ޚަޝޯގީ މާރާލާފައިވަނީ ސައުދީ ސަރުކާރުން ދުރާލާ ރާވައިގެން ކަމަށް އެމަރާއި ގުޅިގެން ސައުދީ ސަރުކާރުން ވަނީ އެކިގޮތް ގޮތަށް ވާހަކަދައްކަވާފައެވެ. އެގޮތުން އެންމެ ފުރަތަމަ ވިދާޅުވެފައިވަނީ ޚަޝޯގީ ވަނީ ލިޔުންތައް ހިފައިގެން ކޮންސިއުލޭޓުން ނިކުމެފައިކަމަށެވެ. ނަމަވެސް ދުނިޔޭގެ އެކި ގައުމުތަކުން ސައުދީއަށް ޕްރެޝަރު ކުރުމާއި ގުޅިގެން އެގައުމުން އެންމެ ފަހުން ބުނެފައިވަނީ ޚަޝޯގީ މަރާލީ ގަސްތުގައި ނޫންކަމަށެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...