ކުރިއަށް އޮތް ދެ އަހަރުވެސް ދުނިޔޭގެ އިޤްތިޞާދު ދަށްވާނެ: ވޯލްޑް ބޭންކް

ވޮޝިންޓަންގައި ހުންނަ ދުނިޔޭގެ ބޭންކުގެ ހެޑްކުއާޓާޒް

ކުރިއަށް އޮތް ދެ އަހަރަކީ ވެސް ދުނިޔޭގެ އިގްތިޞާދަށް ހީނަރުކަމެއް އަންނާނެ އަހަރުތަަކަކަށް ވާނެ ކަމަށް ދުނިޔޭގެ ބޭންކުން ބުނެފިއެވެ.

ދުނިޔޭގެ ބޭންކްގެ އަހަރީ އެސެސްމެންޓްގައި ލަފާކޮށްފައިވާ ގޮތުގައި މިއަހަރު ދުނިޔޭގެ އިގްތިސާދީ ކުރިއެރުން 2.9 ޕަސެންޓުގައި ހުރުމަށް ފަހު 2020 ވަނަ އަހަރު 2.8 ޕަސެންޓަށް ދަށަށް ދާނެކަމަށެވެ. މިދިޔަ އަހަރު ދުނިޔޭގެ އިގްތިސާދީ ދުވެލި ހުރީ 3.1 ޕަސެންޓްގައެވެ. އެހެންކަމުން ދުނިޔޭގެ އިގްތިސާދު ކުރިއެރުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ވެސް ދުނިޔޭގެ ބޭންކުން ވަނީ ފާހަގަކޮށްފައެވެ. އޭގެ އިތުރުން، އެންމެ ބޮޑަށް ކުރިއަރަމުން އަންނަ އިގްތިސާދުތަކުގެ ދުވެލި ވެސް މަޑު ޖެހޭނެ ކަމަށްވެސް އެ ބޭންކުގެ އެސެސްމަންޓުގައި ހާމަކޮށްފައިވެއެވެ.

އޭގެ ތެރެއިންވެސް ހާއްސަކޮށް ޗައިނާގެ އިގްތިސާދީ ދުވެލި 2021 ވަނަ އަހަރުގައި ހަ ޕަސެންޓަށް ވެއްޓޭނެ ކަމަށްވެސް ބުނެފައިވެއެވެ. ޗައިނާގެ އިގްތިސާދު 1980 ވަނަ އަހަރުން ފެށިގެން 2010 ވަނަ އަހަރުގެ ނިޔަލަށް ކުރިއަރަމުން އައިސްފައިވަނީ އެވްރެޖުކޮށް 10 ޕަސެންޓުގައެވެ. ދުނިޔޭގެ އިޤްތިސާދު ދަށަށް ދާން ފަށާފައިވަނީ މިދިޔަ އަހަރުގެ މެދު ތެރޭގައެވެ. އިގްތިސާދީ ދުވެލި ދަށަށް ގޮސްފައިވަނީ މުއްސަނދި ގައުމުތައް ކަމަށްވާ އެމެރިކާ އާއި ޔޫރޯޒޯނުގެ އިތުރުން ޖަޕާނު ފަދަ ގައުމުތަކުގެ އިގްތިސާދު ދަށްވުމުންނެވެ.

އިގްތިސާދީ ކުރިއެރުން މަޑު ޖެހުމަށް ދިމާވި އިތުރު ސަބަބުތަކުގެ ތެރޭގައި ޔޫރަޕިއަން ޔޫނިއަން އިން އިނގިރޭސިވިލާތް ވަކިވުމާއި އެމެރިކާ އާއި ޗައިނާއާ ދެމެދު ހިނގަމުންދާ ވިޔަފާރީގެ އަރައިރުންވުންވެސް ހިމެނެއެވެ. ދެގައުމުން އެތެރެކުރާ މުދަލަށް އާ ޓެރިފްތައް ނަގަން ފެށިފަހުން މުޅި ދުނިޔޭގެ ވިޔަފާރީގެ 2.5 ޕަސެންޓަށް އޭގެ އަސަރު ވަނީ ފޯރާފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...