ކައުންސިލްތަކަށް ބާރު ލިބުމުންވެސް ރައްޔިތުންނަށް ލިބުނު ފޮނި މީރުކަމެއް ނެތް!

ރައްޔިތުންނަށް ކަންކަން ކޮށްނުދެވެނީ ބާރުތައް ނެތުމުންކަަމަށް ބުނި ސިޓީ ކައުންސިލްތަކަށް ބާރު ލިބުމުންވެސް ރައްޔިތުންގެ ހައްޤުގައި އެއްވެސް ކަމެއް އަދި މިހާތަނަށް ކޮށްދެއްވައިފައި ނުވާކަމަށް ރައްޔިތުން ބުނަން ފަށައިފިއެވެ.

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ސިޓީ ކައުންސިލްތަކުގެ ބާރު ހަނިކޮށްފައިވާ ކަމަށާ އެހެންކަމުން ރައްޔިތުންގެ ހައްގުގައި ކުރަންޖެހޭ ކަންކަން ކުރުމުގެ އެއްވެސް ބާރެއް އެ ކައުސިލްތަކަށް ލިބިގެން ނުދާ ކަަމަށް އޭރުގައި އިދިކޮޅުގައި ތިއްބެވި ބޭފުޅުންނާ އަދި ސިޓީ ކައުންސިލްތަކުގައި ތިއްބެވި، އިދިކޮޅަށް ނިސްބަތްވެވަޑައިގަންނަވާ ކައުންސިލަރުންވެސް ދިޔައީ ވިދާޅުވަމުންނެވެ. އޭރުގެ ސަރުކާރުން ބުނަމުން ގެންދިޔައީ އެފަދަ ފިޔަވަޅުތަކެއް އެޅުމަށް މަޖްބޫރުވީ ސަރުކާރާއި އިދިކޮޅު ކައުންސިލް ތަކުން ސަރުކާރަށް ޖެއްސުމާއި ފުރައްސާކުރުމާއި ސަރުކާރުން ބޭނުންވާ ސްޕީޑްގައި ތަރައްޤީގެ މަޝްރޫޢުތައް ހިންގެވުމަށް ހުރަސް އަޅަމުންދާކަމަށެވެ. އަދި ކުރީގެ ސަރުކާރުން ފާހަގަކޮށްފައިވާ ބައެއް ކަންތައް ތަކަށް ބާރުލިބޭ ގޮތަށް ބައެއް ކައުންސިލް ތަކުން މަސައްކަތް ކޮށްފައިވާކަން ރައްޔިތުން ވެސް ފާހަގަކޮށްފައިވެއެވެ.

ކައުންސިލްތަކަށް ދެވިފައިވާ ބާރުތައް ނެގުމުގެ ސަބަބުން އެންމެ ހާލުގައި އުޅެން ޖެހުނީ ސިޓީ ކައުންސިލްތައް ކަމަށް އެ ކައުންސިލްތަކުން އޭރު ދިޔައީ ބުނަމުންނެވެ. 2018 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ރައީސް އިބުރާހީމް މުޙައްމަދު ޞާލިހު ތަކުރާރުކޮށް ވައުދުވެ ވަޑައިގެންނެވީ، އެމަނިކުފާނުގެ ވެރިކަމެއްގައި ކައުންސިލްތަކަށް ހަގީގީ މާނާގައި ބާރުވެރިކަން ދެއްވާނެ ކަމަށެވެ. އަދި ވެރިކަން ލިބިވަޑައިގެން ޖުމްހޫރިއްޔަތާ ހަވާލުވެވަޑައިގެން ކައުންސިލްތަކަށް ހަނިކޮށްފައިވާ ބާރުތައް ލިއްބައިދެއްވިއެވެ. އެމަނިކުފާނުގެ އެ ނިންމެވުމާއެކު ގިނަ ރައްޔިތުންތަކެއް ބުނަމުން ދިޔައީ ރައްޔިތުންގެ ހައްގުގައި ދެން ކައުންސިލްތަކަށް މަސައްކަތް ކުރެވޭނެ ކަމަށެވެ.

ނަމަވެސް ފެނިގެން ދިޔަ މަންޒަރު ވަރަށްވެސް ތަފާތެވެ. ބާރު ނުލިބިގެން އުޅެނިކޮށް ތަބަކަކަށް ލުމަށްފަހު ބާރުތައް ހަވާލުކުރެއްވުމުންވެސް ވީކަމެއް ނެތެވެ. ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ދިރިއުޅެމުން އަންނަ މާލޭގެ ކަންކަން ނިންމުމުގެ ބާރު މާލެ ސިޓީ ކައުންސިލަށް ލިބުމާ އެކު ފެނިގެން ދިޔައީ، ވަރަށް ބާރު ސްޕީޑުގައި މަސައްކަތް ފެށި މަންޒަރެވެ. އެގޮތުން މަގުތަކުގައި ޓްރެފިކް ނިޝާންތަކުގެ ދަވާދު ބަދަލު ކުރުމާއި، ޕާކު ތަކަށް ކިޔަމުން ދިޔަ ދިވެހި ނަމުގެ ބަދަލުގައި، ދިވެހި ބަހަށް އިސްކަން ދިނުމުގެ ގާނޫނާއި ޚިލާފަށް އިނގިރޭސި ބަހުން ނަން ދޭން ފެށިއެވެ. އެއަށް ވުރެ މުހިއްމުކަމެއް މުޅި މާލެ ތެރެއިންވެސް ކުރަން ނެތުމުންބާ އޭ ހިތައް އެރި ރައްޔިތުން މަދެއްނޫނެވެ.

ބާރުތައް ލިބުމާއެކު ފުވައްމުލަކު ސިޓީ ކައުންސިލުން ރަށުގެ ތަރައްޤީއާއި ކުރިއެރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާ ކަމުގެ ޝަކުވާ އެސިޓީގެ ރައްޔިތުން ދަނީ ކުރަމުންނެވެ. ރަށުގެ މޫނުމަތި ކަމަށްވާ ބަނދަރުގެ ސާފުތާހިރުކަން އެހާމެ ކުޑަކަމަށާ ބަނދަރުތެރޭގައި ކުނިބުންޏާއި ޕްލާސްޓިކު ފުޅިއާއި ކަރުގޮހުރު ފަދަ ތަކެތި ހުންނަނީ މަދެއް ކޮށެއް ނޫން ކަމަށް ރައްޔިތުން ބުނޭ. އިޖުތިމާޢީ ސަރަހައްދުތައް އެކަށީގެންވާ މިންވަރަށް ވިނަނޮޅައި ސާފުކޮށް ބެލެހެއްޓުމުގެ އިންތިޒާމު ހަމަޖައްސާފައިނުވާ ކަމަށާއި މަގުތައް އަލި ކުރުމަށް ޖަހާފައިވާ ހޮޅި ދަނޑިތަކުގައި ހުންނަ ލައިޓްތައް ނުދިއްލޭ މައްސަލަ އެހާމެބޮޑު ކަމަށްވެސް ރައްޔިތުން ބުނެއެވެ. ރަށުގެ އާންމު މައިދާން ތަކާ ގަބުރުސްތާނު ފަދަ ތަންތަން ސާފުތާހިރުކޮށް ނުބެލެހެއްޓޭ ކަމުގެ ޝަކުވާތައްވެސް ދަނީ ރައްޔިތުން ކުރަމުންނެވެ.

ރާއްޖޭގައި ރީނދޫ ސިޓީއެއްގެ ގޮތުގައި މަޝްހޫރު އައްޑޫ ސިޓީގެ ހާލަކީ ވެސް ހަމައެއީ ކަމަށް ރައްޔިތުން ފާހާގަކުރިއެވެ. މުޅިންވެސް އެމްޑީޕީ ކައުންސިލަރުން ތިއްބަވާ އެ ސިޓީގެ މަގު ތަކުގައި އުފެދިފައިވާ އަޑިގުޑަންތައް ހައްލުކޮށް ދުއްވާ މީހުންނާއި ހިނގާމީހުންނަށް ފަސޭހަވާނެ ގޮތައް މަގުތައް ނުބެލެހެއްޓުމުގެ ޝަކުވާ އާންމު ރައްޔިތުން ދަނީ ކުރަމުންނެވެ. ރަށުގެ މުނިސިޕަލް ސަރވިސް ޚިދުމަތްތައް ދިނުމުގެ ސްޕީޑު ދަށް ކަމުގެ ޝަކުވާ ރައްޔިތުން ދަނީ ކުރަމުންނެވެ. ހަމައެއާއެކު ކުރީ ސަރުކާރުން ފަށާފައިވާ ތަރައްޤީގެ މަޝްރޫޢުތަކާ އަދި ފަށަށް ތައްޔާރުވެފައިވާ ތަރައްޤީގެ މަޝްރޫޢުތައް ހަލުވިކޮށް ކުރިއަށް ގެންދިޔުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން އެކަށީގެންވާ މަސައްކަތެއް ކުރާ މަންޒަރެއް ނުފެންނަކަމުގެ ޝަކުވާވެސް އެ ސިޓީގެ ރައްޔިތުން ދަނީ ކުރަމުންނެވެ.

ކަންމިހެން އޮތްއިރު ބާރުތައް ނުލިބިގެން އަޑު އުފުލި ގޮތައް ބާރުތައް ލިބިގެން ކަންތައް ނުވަނީ ކީއްވެގެންކަން ރައްޔިތުންނަށް އޮޅުން ފިލުވައި ދިނުމަކީ ކައުންސިލްގެ ޒިންމާއެއްކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އަދި ގިނަ ރައްޔިތުން ބުނަމުން ގެންދަނީ ބާރުވެރިކަން ލިބުނު ކަމުގައި ވިޔަސް ރައްޔިތުންނަށް އެކަމުގެ ފޮނި މީރުކަން ނުލިބޭކަމަށެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...